ރޫސީ ލެބް އޮފިޝަލް މަރުވި ހާދިސާގައި ޕްލޭގް ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި
ރަޝިއާގެ ސައިބީރިއާގައި ހުންނަ ޕްލޭގް ރިސާޗް އިންސްޓިޓިއުޓެއްގެ ލެބޯޓްރީ ޓެކްނީޝަނަކު ނިއުމޯނިއާ ބަލީގައި މަރުވި ހާދިސާއާ ގުޅިގެން، އޭނާގެ ހަށިގަނޑުންނާއި އެހެން އެއްވެސް މީހެއްގެ ފަރާތުން ޕްލޭގް ބަލި ފެނިފައިނުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. ނަމަވެސް، މަރުވި މީހާއަށް ޖެހުނު ބަލި ސާފުކޮށް ކަށަވަރުވެފައި ނެތުމަކީ އަދިވެސް އޮތް އެންމެ ބޮޑު ނޭނގުން ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
އޮކްޓޯބަރު 2 ވަނަ ދުވަހު ނޭނގޭ ހާލަތެއްގައި މަރުވެފައިވަނީ ސައިބީރިއާގެ އިރްކުތުސްކް ރީޖަންގެ އިރްކުތުސްކް އެންޓިޕްލޭގް ރިސާޗް އިންސްޓިޓިއުޓް އޮފް ސައިބީރިއާ އެންޑް ދި ފާ އީސްޓްގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ ލެބޯޓްރީ ޓެކްނީޝަން ދާރިއާ ޝިޕިލޯވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އޭނާ މަރުވި ހާދިސާއާ ގުޅިގެން ބަލި ފެތުރިދާނެކަމުގެ ބިރުބޮޑުވެ، ކަމާބެހޭ އިދާރާތަކުން ވަނީ ގާތްގަނޑަކަށް 200 އެއްހާ މީހުން ކަރަންޓީނު ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ޝައްކުކުރެވުނީ ކުދި ސޫފިތަކުގެ ޒަރީޢާއިން ފެތުރޭ ބެކްޓީރިއާއެއްގެ ސަބަބުން ފުއްޕާމެޔަށް ޖެހޭ ނުރައްކާތެރި ނިއުމޮނިކް ޕްލޭގް ބައްޔަށެވެ. އަދި އަވަށްޓެރި ބުރިއާތިއާގެ ގަވަރުނަރުވެސް ވަނީ އެ އަންހެން މީހާ މަރުވީ ޕްލޭގް ބަލީގައި ކަމަށް ވެދާނެ ކަމަށް ބުނެފައެވެ.
Ads by BMLނަމަވެސް ރަޝިއާގެ ސިއްޙީ އިދާރާ (ރޮސްޕޮޓްރެބްނަޑްޒޯ) އިން ޑަބްލިއުއެޗްއޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަރުވި އަންހެން މީހާއާއި އޭނާއާ ބައްދަލުވި މީހުންގެ ސާމްޕަލްތައް ޓެސްޓްކުރުމުން ނުރައްކާތެރި އެއްވެސް ޖަރާސީމެއް ފެނިފައެއް ނުވެއެވެ. އަދި އޭނާއަށް ދެވިފައިވަނީ ސަބަބު ނޭނގޭ ނިއުމޯނިއާގެ ވައްތަރެއް ކަމަށާއި، އޭނާ ހުރީ ރަނގަޅަށް ވެކްސިން ޖަހައިގެން ކަމަށާއި، އޭނާ މަސައްކަތްކުރި ލެބުން އެއްވެސް ޖަރާސީމެއް ހަށިގަނޑުން ފެނިފައިނުވާ ކަމަށް ރަޝިއާއިން ބުނެއެވެ.
ރަޝިއާއިން ބުނި ގޮތުގައި މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުންވެސް ޕްލޭގް ބަލީގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި އޭނާއާ ބައްދަލުވި އެންމެންގެ ސިއްޙީ ޗެކަޕްތައް ބުރާސްފަތި ދުވަހު ނިންމާފައިވާ އިރު، އޮކްޓޯބަރު 6 އާ ހަމައަށް ކަރަންޓީނުކުރި މީހުންގެ 60 އިންސައްތަ މީހުން ވަނީ ދޫކޮށްލާފައެވެ.
ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާ އިރު، އިތުރު މީހަކަށް އެ ބަލި ޖެހިގެން ރިޕޯޓްކޮށްފައި ނުވާތީ، ބަލި ފެތުރެމުންދާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ދެވަނަ މުވައްޒަފަކަށްވެސް ނިއުމޯނިއާ ޖެހިގެން ފަރުވާދެމުންދާ ކަމަށް މީޑިއާތަކުގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގްރެބްރެޔޭސުސް އެދިވަޑައިގަތުމުން، ރަޝިއާއިން ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސީޑީސީއިން ވަނީ މިކަން ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި މައުލޫމާތު ހާމަކުރުމުގައި ސާފުކަން ބެހެއްޓުމަށް އެމެރިކާއިން ރަޝިއާއަށް ގޮވާލާފައިވާ އިރު، ސައިބީރިއާގައި ޕްލޭގް ބަލި ފެތުރިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ އާލަމީ ވަބާއަށްފަހު، ސަބަބު ނޭނގޭ ނިއުމޯނިއާގެ މައްސަލަތަކަށް ދުނިޔޭގެ ސިއްޙީ އިދާރާތަކުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
Ads by MACL
