ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޯރްމުޒް ކަނޑުއޮޅީގައި ޙަމަލާތައް ވަރުގަދަވެ މަޝްވަރާތައް ހުއްޓުމަކަށް

ހޯރްމުޒް ކަނޑުއޮޅީގައި ޙަމަލާތައް ވަރުގަދަވެ މަޝްވަރާތައް ހުއްޓުމަކަށް

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތައް ކުރިއަށްނުގޮސް މަޑުޖެހިފައިވަނިކޮށް، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅި ސަރަޙައްދުގައި ދެމުންދާ ޙަމަލާތައް އަނެއްކާވެސް އިތުރަށް ވަރުގަދަވާން ފަށައިފިއެވެ.

އީރާނުގެ އިސްލާމިކް ރެވެލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ނޭވީން ހާމަކުރި ގޮތުގައި، ހުއްދަނެތި އަދި ނެވިގޭޝަން ސިސްޓަމްތައް ނިއްވާލައިގެން ދަތުރުކުރި ސޫޕަރުޓޭންކަރެއް ނޭވަލް މައިނެއްގައި ޖެހި ބޮޑު ރޯވުމެއް ވަނީ ހިނގައިފައެވެ. ކަނޑުއޮޅީގެ ސަލާމަތީ ގަވާއިދުތަކަށް ނުބަލައި ދަތުރުކުރާ ކޮންމެ އުޅަނދަކަށްވެސް މިފަދަ ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ ކަމަށް އައިއާރުޖީސީން ވަނީ އިންޒާރުދީފައެވެ. އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅައެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ހަބީބުއްލާ ސައްޔާރީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށިތާ ހަތް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އީރާނުގެ ސިފައިން ތިބީ ދިފާޢީ އަދި ޙަމަލާދިނުމުގެ އޮޕަރޭޝަންތަކަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި ދުޝްމަނުންގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށާއި، އިތުރު އުދުވާނެއް ހިންގައިފިނަމަ ރައްދު ޙަމަލާ ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯރްމުޒް ކަނޑުއޮޅިއާއި އޯމާން ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ޙަރަކާތްތަކާއި އިންޒާރުތައް ވަނީ އިތުރުވެފައެވެ. އެކުވެރި އަރަބި އިމާރާތުގެ ރައުސް އަލް ޚައިމާ ކައިރީގައި އަޅާފައިވާ އުޅަނދުތަކަށް އެ ސަރަޙައްދުން ދުރުވުމަށް ރޭޑިއޯ މެދުވެރިކޮށް އަންގާފައިވާއިރު، ހޯރްމުޒް ކަނޑުއޮޅިން ބޭރަށް ދަތުރުކުރި ޓޭންކަރަކަށްވެސް ނުދަންނަ ޙަމަލާއެއް ވަނީ އަމާޒުވެފައެވެ. މީގެއިތުރުން އިމާރާތުގެ ކޯސްޓްގާޑުން ވަނީ އެގައުމުގެ އައްސޭރިފަށާ ކައިރިން ރޯވި އަނެއް އުޅަނދަކުން 22 ފަޅުވެރިން ސަލާމަތްކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އޯމާން ކަނޑުގައި އީރާނުގެ ދެކުނު ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް މުގުރާލަން މަސައްކަތްކުރި އީރާނުގެ އުޅަނދަކަށް ފައިޓަރު ޖެޓަކުން ބޮންއަޅައި ހަލާކުކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ. ޖުލައި މަހުގެ މެދުތެރެއިންނެށި އެމެރިކާއިން ބްލޮކޭޑް ވަރުގަދަކުރި ފަހުން ވިޔަފާރިކުރާ 4 އުޅަނދެއްގެ ދަތުރު ހުއްޓުވައި، 135 އުޅަނދެއް އަނބުރާ ފޮނުވާލައި، އީރާނާ ގުޅުންހުރި 10 ތެޔޮ ޓޭންކަރެއް ވަނީ ހަލާކުކޮށްލައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އެކަނިވެސް މަދުވެގެން 12 އުޅަނދަކަށް ޙަމަލާދީފައިވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނައިން ޙަމަލާދެވުނު ހަފުތާއެވެ. ގަތަރުގެ އުތުރު އައްސޭރިފަށުންވެސް އުޅަނދަކަށް ޙަމަލާދީފައިވާއިރު، މީގެ ސަބަބުން ކަނޑުއޮޅި މެދުވެރިކޮށް ކުރާ ތެލުގެ ދަތުރުފަތުރު ވަނީ 40 އިންސައްތައަށް ދަށްވެފައެވެ. ދުވާލަކު ދަތުރުކުރާ ތެލުގެ މިންވަރު މިހާރު ވަނީ 8.5 މިލިއަން ބަރެލްއަށް ދަށްވެފައެވެ.

ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން އެދެނީ ޖޫން މަހު އެކުލަވާލި ނަމަވެސް ފަހުން ބާތިލުވި ފަހުމުނާމާއަށް އަމަލުކުރުމަށާއި، އީރާނާއި އޯމާން ދެމެދު އެކުލަވާލާފައިވާ ވަގުތީ ދަތުރުފަތުރުގެ އެއްބަސްވުމަށް އެމެރިކާއިން ތާއީދުކުރުމަށެވެ. ނަމަވެސް، ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބާއި އިސްރާއީލުގެ އިންތިޚާބުގެ ކުރިން މަޝްވަރާތަކުން ބޮޑު ނަތީޖާއެއް ނުނުކުންނާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެފައިވަނީ ހަނގުރާމަ ނިންމާލުމަށްޓަކައި އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ގާބިލުކަން ފާހަގަކޮޅެއް ދަށްކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ މުޙައްމަދު އެސްލާމީ ވަނީ އީރާނުގެ އަމިއްލަ ނިއުކްލިއާ ސިނާއަތުގެ ކުރިއެރުންތައް ނުހުއްޓުވޭނެ ކަމަށާއި، ސުލްހަވެރި ބޭނުންތަކަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑިޕްލޮމެސީގެ މަގުން ކަންކަން ހައްލުނުވެއްޖެނަމަ ހަނގުރާމައިގެ މައިދާނުގައި ގައުމީ މަޞްލަޙަތު ހިމާޔަތްކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.