ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސައުދީގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން އިތުރު ހަމަލާއަކާއެކު އެތަނުގައި އަލިފާން ރޯވެއްޖެ

ސައުދީގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން އިތުރު ހަމަލާއަކާއެކު އެތަނުގައި އަލިފާން ރޯވެއްޖެ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް އީރާނުގެ މަދަދުލިބޭ ހޫތީން އާދީއްތަ ދުވަހު އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއްދީ، އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯކޮށްލައިފިއެވެ. ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކުރި ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ޓާމިނަލް 4 އަށެވެ.

މި ހާދިސާއާ ގުޅިގެން ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެއާޕޯޓް ހިމެނޭ ސަރަހައްދަށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލައި ނައްތާލާފައެވެ. ނަމަވެސް، އާދީއްތަ ދުވަހު ދިން މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް ކޯލިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫތީންނާ ދެމެދު ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ހޮނިހިރު ދުވަހުވެސް ވަނީ އެއާޕޯޓަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 12 މީހަކު މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އަމާޒުވި އެންމެ ނުރައްކާތެރި މި ހަމަލާތަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އެރިއިރު، ސަރަހައްދީ މަޝްރަހު ވަނީ އިތުރަށް ނުވަތަނަވަސްވެފައެވެ.