ފަލަސްޠީނުގެ އިންތިޚާބު ފަސްކުރުމުން ޤައުމީ މަޝްވަރާތަކަށް ޙަމާސްއިން ގޮވާލައިފި
ފަލަސްޠީނުގެ ރިޔާސީ އާއި ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކުރުމާ ގުޅިގެން، ސިޔާސީ ޕާޓީތަކާއި ޖަމާޢަތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޤައުމީ މަޝްވަރާތައް ފެށުމަށް ފަލަސްޠީނުގެ އިސްލާމީ މުޤާވިމަތު ޙަރަކާތް (ޙަމާސް) އިން ގޮވާލައިފިއެވެ. ޙަމާސްއިން ބުނެފައިވަނީ އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކާއި އިރުމަތީ ޤުދްސްގައި މިވަގުތު މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމުގެ މާޙައުލެއް ނެތް ކަމަށެވެ.
ފަލަސްޠީނުގެ އިދާރާތައް އަލުން އެކުލަވައިލުމަށްޓަކައި ސީރިއަސް އަދި ނަތީޖާ ނެރެވޭނެ މަޝްވަރާތަކެއްގައި ބައިވެރިވުމަށް ތައްޔާރަށް އޮތްކަން މީޑިއާތަކަށް ދިން ބަޔާނެއްގައި ޙަމާސްއިން ވަނީ ހާމަކޮށްފައެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ނޭޝަނަލް ކައުންސިލާއި ލެޖިސްލޭޓިވް ކައުންސިލް އަލުން ތަރުތީބުކޮށް، އެންމެން އެއްބަސްވާ އުޞޫލުތަކެއް ކަނޑައެޅުމަށް އެ ޖަމާޢަތުން ބާރުއަޅައެވެ.
މީގެ އިތުރުން ސިޔާސީ ސިޔާސަތުތައް އެއްގޮތްކުރުމަށާއި، އިންތިޤާލީ މަރުޙަލާ ހިންގާނެ ގޮތުގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ފަލަސްޠީނުގެ ޤައުމީ މަޞްލަޙަތަށް އިސްރާއީލުން ކުރިމަތިކުރުވާ ނުރައްކާތަކާ ކުރިމަތިލުމަށް އެކުލަވައިލާ ޤައުމީ އުޞޫލުތަކަކަށް އެއްބަސްވުން މުޙިންމުކަމަށް ޙަމާސްއިން ފާހަގަކުރެއެވެ. ފަލަސްޠީނުގެ އިދާރާތައް އިޞްލާޙުކޮށް އަލުން ބިނާކުރުމަކީ މިނިވަން އިންތިޚާބަކުން ނެރެންޖެހޭ ޤައުމީ އިސްކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
Ads by BMLއިންތިޚާބު ފަސްކުރުމުގެ ނިންމުން ނިންމަވާފައިވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ނެރުއްވި ޤަރާރަކުންނެވެ. މި ޤަރާރުގެ ދަށުން ކުރިން މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވި ރިޔާސީ އާއި ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ވަނީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 އަށް ފަސްކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 2.97 މިލިއަން ފަލަސްޠީނު ރައްޔިތުން ތިބިއިރު، އޭގެ ތެރޭގައި ހުޅަނގު ކަރައިގެ 1.59 މިލިއަން މީހުންނާއި، ޣައްޒާގެ 1.24 މިލިއަން މީހުންގެ އިތުރުން އިރުމަތީ ޤުދްސްގައި ދިރިއުޅޭ 140,000 މީހުން ހިމެނެއެވެ.
ފަލަސްޠީނުގައި އެންމެ ފަހުން ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވީ 2006 ވަނަ އަހަރުއެވެ. އެ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރީ ޙަމާސްއިންނެވެ. ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ސިޔާސީ މަޝްރަޙު އޮތީ ދެބައިވެފައެވެ. އެގޮތުން ޣައްޒާގެ ވެރިކަން ޙަމާސްއިން ކުރަމުންދާއިރު، ހުޅަނގު ކަރައިގައި ވެރިކަން ކުރަމުންދަނީ ފަތަޙަ ޖަމާޢަތް އިސްކޮށް އޮންނަ ފަލަސްޠީނިއަން އޮތޯރިޓީންނެވެ.
Ads by MACL
