ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އަލުން ހުޅުވާލަނީ، މިފަހަރު އީފާސް މެދުވެރިކޮށް!
އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސްއިން މިގޮތަށް ހާމަކުރައްވާފައި މިވަނީ މީހާއަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިހާއަށް ނޭނގި ފޯމު ފުރައިގެން ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކުރާ މައްސަލައަކީ މަލްޓި ޕާޓީ ނިޒާމު އުފެދުނީންސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އެޅުނު ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް އައިސްފާނުވާކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
Ads by BMLޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ގިނަ ޚިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައަކަށް ހައްލު އައި ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
Ads by MACL
