ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނޭޕާލުގައި ބިންގަނޑު ކަނޑައިގެން ގޮސް ކުއްލި ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއް ހިނގައިފި

ނޭޕާލްގައި މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ މަންޒަރު ފެންނަ ފޮޓޯއެއް / ފޮޓޯ: ޕީއެސްއެމް ނިއުސް
ނޭޕާލްގައި މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ މަންޒަރު ފެންނަ ފޮޓޯއެއް / ފޮޓޯ: ޕީއެސްއެމް ނިއުސް

ނޭޕާލްގައި މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ގެއްލިފައިވާ މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ނޭޕާލްގެ އަސްކަރިއްޔާގެ ސަލާމަތީ ޓީމުތަކުން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުޅަނގުން އޮންނަ ގޯރްޚާ ސަރަހައްދުގެ ޗުމްނުބްރީ އަވަށުގައެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ބުޑީ ގަންޑަކީ ކޯރު ބަންޑުންވެ، އެ ސަރަޙައްދުގެ ތިރި ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މި ކާރިސާއާ ގުޅިގެން އަސްކަރީ ހެލިކޮޕްޓަރުތަކާއި ސިފައިން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި، ފޭލިގެތަކާއި، ބޭހުގެ އިތުރުން އެހެނިހެން ކޮންމެހެން ބޭނުންވާ އެހީގެ ސަމާނު ފޯރުކޮށްދެމުންނެވެ. އެއްގަމު މަގުން ދެވެން ހުރި ސަރަޙައްދުތަކަށް ލޮރީތަކުގައި އެހީގެ ސާމާނު ގެންދާއިރު، ފަރުބަދަމަތީގެ އެކަހެރި އަވަށްތަކަށް ތަކެތި ހަވާލުކުރަމުންދަނީ ހެލިކޮޕްޓަރުތަކުގައެވެ.

ނޭޕާލްގެ ކާރިސާތަކާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 9 ބިދޭސީން ހިމެނޭހެން 95 މީހަކު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ފެންބޮޑުވި ސަރަޙައްދަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނަކަށްވެފައި، އޮކްޓޫބަރު މަހަކީ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރު ކަމުން، އަސްކަރިއްޔާއިން ދަނީ އެ ސަރަޙައްދުން އާންމުންނާއި ފަތުރުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

މި ހާދިސާގައި މިހާތަނަށް 5 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނޭޕާލް ސަރުކާރުން ބުނި ގޮތުގައި ފެންބޮޑުވުމުގެ ކުރިން ދެވުނު އިންޒާރުގެ ސަބަބުން ގިނަ ބަޔަކަށް ވަގުތުން އުސް ސަރަޙައްދުތަކަށް ދެވި، ފުރާނައަށް ލިބިދާނެ ބޮޑެތި ގެއްލުންތަކުން ވަނީ ސަލާމަތްވެވިފައެވެ.

ނަމަވެސް، މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން:

* ފަސް ބްރިޖެއް ވަނީ ހަލާކުވެފައެވެ.

* ފެނުން ކަރަންޓު އުފައްދާ ތިން ކާރުޚާނާއެއްގެ މަސައްކަތް ހިނގަމުންދިޔަ ސައިޓުތަކަށް ގެއްލުން ވެފައިވެއެވެ.

* އެތައް ހާސް ގެއަކާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުސް ފަރުބަދަތަކުގެ ދެމެދުން ބާރަށް ދެމެމުންދިޔަ ކޯރުގެ ސަބަބުން ގެތަކާއި ޖިފުޓިތައް ވަނީ ދަމައިގަނެގެން ގެންގޮސްފައެވެ. ފަރުބަދަމަތީ ސަރަޙައްދުގެ ކުދި އަވަށްތަކުގެ ތެިން ގެއްލުން ލިބުނީ ސީދާ ކިތައް އަވަށަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ އޮގަސްޓު މަހު ގަނޑުފެން ފަރުބަދައެއްގެ ބައިތަކެއް ވެއްޓިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާއެއްގައި 1,457 މީހުން މަރުވެ، އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވަނިކޮށެވެ.

އެ ހާދިސާގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް މި ހިނގާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ނިންމާލައި، ޢުމްރާނީ ވަޞީލަތްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަން ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުގެ އޮފީހުން އިޢުލާނުކޮށްފައި ވަނިކޮށް، އަނެއްކާވެސް މިފަދަ ބޮޑު ކާރިސާއަކާ ނޭޕާލަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ.