ޝިރާންތީގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފި!
ޚިޔާނާތުގެ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ވެލިކަޑަ ޖަލުގައި ބަންދުކޮށްފައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ސިއްޙީ ހާލުކޮޅު ދެރަވެ، ކޮޅުނބުގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ޝިރާންތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭނާގެ ފިރިކަލުން އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް ހާލުކޮޅު ދެރަވެގެން އިއްޔެ ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައެވެ.
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އޭނާގެ އަމިއްލަ ގެކޮޅުންނެވެ. ލަންކާގެ ޚިޔާނާތުގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން (ސީއައިއޭބީއޯސީ) އިން ހާމަކުރި ގޮތުގައި، ޝިރާންތީ ހައްޔަރުކުރީ 'ސިރިލިޔާ ސަވިޔާ' ފަންޑާ ގުޅުންހުރި އެކައުންޓަކުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މާލީ ޚިޔާނާތްތަކާ ގުޅޭގޮތުން ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސުވާލުކޮށް ބަޔާން ނެގުމަށްފަހުގައެވެ.
Ads by BMLއޭނާގެ މައްޗަށް ކުރެވެނީ ސަރުކާރުގެ ހަސްފަތާލަކަށް ސްކޭން މެޝިނެއް ގަތުމަށް ހަދިޔާކޮށްފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ) އިން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބަލައި، އިސްވެ ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހެޅި ނަމަވެސް، މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފައެވެ.
އަދި އޮކްޓޫބަރު 7 ގައި ކޯޓަށް ހާޒިރުކުރުމުން ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޮކްޓޫބަރު 13 ގެ ނިޔަލަށް އޭނާ ރިމާންޑް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް އޭނާގެ ސިއްޙީ ހާލަތަށް ރިއާޔަތްކޮށް، އަމިއްލަ ހޮސްޕިޓަލަކުން ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުން ޖަލުގެ އިދާރާތަކަށް އަމުރުކޮށްފައިވެއެވެ.
އެގޮތުން ލޮލުގެ މައްސަލައަކާ ގުޅިގެން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އޮކްޓޫބަރު 8 ގައި ނިންމައި، އޮކްޓޫބަރު 9 ވަނަ ދުވަހު ވެސް ޚާއްސަ ފަރުވާއަކަށް އޭނާ ނޭޝަނަލް އައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ޝިރާންތީގެ އިތުރުން، އެ ބޭފުޅުންގެ ދޮށީ ދަރިކަލުން އަދި ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައެވެ.
ނަމާލް ހައްޔަރުކޮށްފައިވަނީ ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ އެއަރބަސް ކުންފުންޏާއެކު ހިންގި ބޮޑު މުޢާމަލާތުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
މި ހުރިހާ ހަމަނުޖެހުންތަކެއްގެ ތެރޭގައި، ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް އިއްޔެ (12 އޮކްޓޫބަރު) ގެ ހެނދުނުގެ ވަގުތެއްގައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ބުނި ގޮތުގައި، ކުރީގެ ރައީސް މިވަގުތު އޮންނެވީ ހޮސްޕިޓަލުގެ އައިސީޔޫގައި ޑޮކްޓަރުންގެ ޚާއްސަ އޮބްޒަވޭޝަންގެ ދަށުގައެވެ.
Ads by MACL
