ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔަމަނުގެ ޞަންޢާ ކައިރީގައިވާ ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ވައިގެ ޙަމަލާއެއް ދީފި

ޔަމަނުގެ ޞަންޢާ ކައިރީގައިވާ ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ވައިގެ ޙަމަލާއެއް ދީފި

ޔަމަނުގެ ވެރިރަށް ޞަންޢާގެ ހުޅަނގުން އޮންނަ އަލް-ސަބާހާ ސަރަޙައްދުގައި ހުރި ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީ (ވައިޕީސީ) ގެ ތެޔޮ ގުދަނަކަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަރުގަދަ ވައިގެ ޙަމަލާއެއް ދީފިއެވެ.

މި ޙަމަލާ ދިނުމުގެ ކުރިން، އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ދުރަށް ދިއުމަށް ސަޢޫދީ ކޯލިޝަނުން އިންޒާރު ދީފައިވެއެވެ. ނަމަވެސް، ވައިޕީސީން ހާމަކޮށްފައިވާ ގޮތުގައި ޙަމަލާ އަމާޒުވި ގުދަނުގައި އެ ވަގުތު އެއްވެސް ތެލެއް ރައްކާކޮށްފައެއް ނުވެއެވެ.

ސަޢޫދީގެ މި އިންޒާރާއި ޙަމަލާއާ ގުޅިގެން ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވަނީ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ރިޔާޟްގެ އެއަރޕޯޓަށާއި، އެ ސިޓީގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާގެ އިތުރުން ދައްމާމްގައިވާ ސަޢޫދީ އަރާމްކޯގެ މަރުކަޒަށް ހޫޘީން ޙަމަލާދޭނެއެވެ.

އޭގެ އިތުރުން، އެ ތަންތަނާ ކައިރީގައި އުޅޭ ސަޢޫދީގެ ޢާންމު ރައްޔިތުންނާއި މަސައްކަތްތެރިން އެ ސަރަޙައްދުތަކާ ދުރަށް ދިއުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.