ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ އިންތިޚާބުގެ ކުރިން ތެލުގެ އަގު ބޮޑުކުރަން ޙޫޘީން މަސައްކަތްކުރާކަމަށް ޓްރަމްޕް ތުހުމަތުކޮށްފި

އެމެރިކާގެ އިންތިޚާބުގެ ކުރިން ތެލުގެ އަގު ބޮޑުކުރަން ޙޫޘީން މަސައްކަތްކުރާކަމަށް ޓްރަމްޕް ތުހުމަތުކޮށްފި

އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ބޭނުމުގައި، ޔަމަންގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ވަޞީލަތްތަކަށް ދޭ ޙަމަލާތައް އިތުރުކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު ސޯޝަލް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޙޫޘީންގެ ޢަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށާއި، އެމީހުން އަލުން ޙަމަލާތައް ދޭން މި ފެށީ އީރާނުގެ އެދުމުގެ މަތިން ކަމަށް ބެލެވޭ ކަމަށެވެ.

ޓްރަމްޕް އީރާނަށް ފާޑުކިއަމުން ބުނީ އީރާނަކީ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ނެތް، އިޤްތިޞާދު އިނދަޖެހިފައިވާ ޤައުމެއް ކަމަށެވެ. އަދި ޙޫޘީން ސަޢޫދީއަށް ދޭ ޙަމަލާތަކަކީ އެމެރިކާގެ އިންތިޚާބުގެ ކުރިން ގަސްދުގައި ތެލުގެ އަގު މަތިކުރުމުގެ ބޭނުމުގައި ދޭ ޙަމަލާތަކެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން، އިންތިޚާބަށްފަހު މެދުއިރުމަތީގައި އަސްކަރީ ޙަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދީފައެވެ.

އިސްރާއީލް އާއެކުވެގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ހަކަތައިގެ އަގުތައް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާތީ ޢާންމުންގެ ނުރުހުން ވަނީ ބޮޑުވެފައެވެ. ކުރިއަށްއޮތް އިންތިޚާބުގައި އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދުމަށް ރީޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައަށް އެމެރިކާގެ ގިނަ ރައްޔިތުން ތާއީދެއް ނުކުރެއެވެ.