އީރާނުން ގަލްފުގެ އިޤްތިޞާދީ މުހިންމު ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް ދީފި
އީރާނާއި އެ ޤައުމަށް ތާއީދުކުރާ ގްރޫޕްތަކުން ގަލްފުގެ ޤައުމުތަކުގެ މުހިންމު ވަސީލަތްތަކާއި އިޤްތިޞާދީ މަރުކަޒުތަކަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި އަދި ސީދާ ޙަމަލާތަކެއް ދެމުންދާކަން ރޮއިޓަރސްއިން ކުރި ތަޙުޤީޤަކުން ހާމަވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، އީރާނުން ވަނީ ގަލްފުގެ އިޤްތިޞާދީ އަދި ސިނާޢީ ގޮތުން އެންމެ މުހިންމު ތަންތަނަށް އަމާޒުކޮށް 135 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ޙަމަލާ ދީފައެވެ.
މި ޙަމަލާތައް ސުޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ޤަޠަރު، ކުވެއިޠު، ޢުމާން، ބަޙްރައިން އަދި ޢިރާޤުގައި ހުރި 84 އަށްވުރެ ގިނަ މުހިންމު ތަންތަނަށް ވަނީ އަމާޒުވެފައެވެ. އީރާނުގެ މި ޙަމަލާތަކުގެ ސަބަބުން ގަލްފުގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށާއި، އެއާޕޯޓްތަކަށާއި، ކަރަންޓު އުފައްދާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ދުނިޔޭގެ ޚާމް ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
Ads by BMLއީރާނުގެ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ޔޫއޭއީން ތެޔޮ ބޭރުކުރުމަށް ބޭނުންކުރި ފުޖައިރާ ބަނދަރަށް އެކަނިވެސް އީރާނުން ވަނީ މަދުވެގެން 19 ޙަމަލާއެއް ދީފައެވެ. މާރޗް މަހުގެ ކުރީކޮޅު ދިން މި ޙަމަލާތަކުގައި ފުޖައިރާގެ ތެޔޮ ރައްކާކުރާ ތާންގީތަކުގައި ރޯވެ ތިން ދުވަސް ވަންދެން އަނދާފައިވާއިރު، ތެޔޮ ހޮޅިތައް ގުޅުވައިދޭ މައި މެނިފޯލްޑްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބަނދަރުގެ މަސައްކަތްތައް ސަސްޕެންޑް ކުރަންޖެހުނެވެ.
ޤަޠަރުގެ ރާސް اللައްފާން ނެޗުރަލް ގޭސް ކާރުޚާނާއަށް ދިން ޙަމަލާތަކުގައި ގޭސް ފިނިކޮށް ދިޔާކުރަން ބޭނުންކުރާ "ކޯލްޑް ބޮކްސް" ތަކުގެ ތެރެއިން ދެ ބޮކްސް ވަނީ ހަލާކުކޮށްލާފައެވެ. ޤަޠަރު އެނަރޖީގެ ސީއީއޯ ސަޢަދު އަލްކަޢުބީ ވިދާޅުވި ގޮތުގައި މި ވަސީލަތްތައް އަލުން މަރާމާތުކޮށް އާންމު ޙާލަތަށް ގެނައުމަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. މީގެއިތުރުން ޤަޠަރުގެ ޕާލް ގޭސް ރިފައިނަރީއާއި ޔޫއޭއީގެ ޙަބްޝާން ގޭސް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ސުޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދުން ހުޅަނގަށް ތެޔޮ އުފުލާ މައި ޕައިޕްލައިންގެ ޕަންޕިންގް ސްޓޭޝަނެއް އަންދާލުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ އިންސައްތައެއް މެދުކެނޑުނެވެ. އަދި ސުޢޫދީ އަރާމްކޯގެ އަބްޤައިޤް ތެޔޮ ސާފުކުރާ މަރުކަޒަށާއި، ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ޙަމަލާތަކުގައި 13 މީހުން މަރުވެފައިވެއެވެ. ސުޢޫދީގެ އެއާޕޯޓްތަކަށް އެކަނިވެސް އެއް ހަފުތާއެއްގެ ތެރޭގައި ހަތަރު ފަހަރު ޙަމަލާދީފައިވެއެވެ.
ޔޫއޭއީގެ ބަރާކާ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ ކަރަންޓު ވަސީލަތްތައް ހުންނަ އިމާރާތަކަށް ޙަމަލާދިނުމުން އެތަނުގެ ރިއެކްޓަރެއް އިމަރޖެންސީ ޖެނެރޭޓަރަށް ބަދަލުކުރަންޖެހުނެވެ. މީގެއިތުރުން އެމިރޭޓްސް ގްލޯބަލް އަލޫމިނިއަމް ކާރުޚާނާއަށާއި، ޖެބެލް ޢަލީ ބަނދަރަށާއި، ޢުމާންގެ ޞަލާލާ ބަނދަރުގެ ތެޔޮ ރައްކާކުރާ ތަންތަނަށް ދިން ޙަމަލާތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ގަލްފުގެ ޤައުމުތަކުންނާއި އެމެރިކާއިން ބުނަމުންދަނީ ގެއްލުންތައް ލިބެނީ ވައިގެ ދިފާޢީ ނިޒާމުތަކުން ވައްޓާލާ މިސައިލާއި ޑްރޯންތަކުގެ އެތިކޮޅުތައް ވެއްޓިގެން ކަމަށެވެ. ނަމަވެސް ޚަބަރުފަތުރާ ވަސީލަތްތަކުންނާއި އަސްކަރީ މާހިރުން ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތައް ދިރާސާކުރުމަށްފަހު ހާމަކުރި ގޮތުގައި، އީރާނުގެ ޙަމަލާތަކަކީ ވަރަށް ބޮޑަށް އަމާޒުކޮށްގެން، އެންމެ ނާޒުކު ވަސީލަތްތަކަށް ދީފައިވާ ސީދާ ޙަމަލާތަކެކެވެ.
ޔޫއޭއީގެ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އަދްނޯކް) ގެ ސީއީއޯ ސުލްޠާން އަލްޖާބިރު ވިދާޅުވީ އީރާނުން އަމާޒުކުރަނީ ހަމައެކަނި އާންމު އިޤްތިޞާދީ ވަސީލަތްތަކަށް އެކަނި ނޫން ކަމަށާއި، އެމީހުންގެ އަމާޒަކީ މުޅި ސަރަޙައްދުގެ ދިރިއުޅުމުގެ ނިޒާމު ހަލާކުކޮށްލުން ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުން އާންމުންނާއި އިޤްތިޞާދީ ވަސީލަތްތަކަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށްފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގައި، އީރާނުން ދެމުންދާ މިފަދަ ނުރައްކާތެރި ޙަމަލާތަކުގެ ސަބަބުން ގަލްފުގެ ޤައުމުތަކަށް ބޮޑެތި ބިރުވެރިކަމެއް ކުރިމަތިވެ، ޞުލްޙައިގެ ވާހަކަތަކުގައި އީރާނަށް ބޮޑު ބާރެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
Ads by MACL
