ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި މައްސަލައިގައި ބަންގްލަދޭޝްގެ ދެ މީހަކަށް ސައޫދީގައި މަރުގެ އަދަބު ދީފި

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި މައްސަލައިގައި ބަންގްލަދޭޝްގެ ދެ މީހަކަށް ސައޫދީގައި މަރުގެ އަދަބު ދީފި

ސައޫދީ އަރަބިއްޔާގެ މައްކާގެ މިސްކިތެއްގެ ތެރޭގައި އިސްލާމީ އަޚްލާޤީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު ނާތަހުޒީބު އަމަލުތަކެއް ހިންގި ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ މަރުގެ އަދަބު އެޤައުމުން ތަންފީޒުކޮށްފިއެވެ.

ސައޫދީ ދާޚިލީ ވުޒާރާއިން ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މަރުގެ އަދަބު ދީފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ ނަޒްރުލް އިސްލާމް އަބްދުލް ބަސީރު އަދި ސިތީ އަޚްތަރުގެ މައްޗަށެވެ.

އެ ދެމީހުން ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ މައްކާގެ މިސްކިތެއްގެ ތެރޭގައި ބޭއަދަބީ އަމަލުތަކެއް ހިންގަމުން ދަނިކޮށް ކަމަށް ސައޫދީ ސަރުކާރުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު ޝަރީއަތަށް ހުށަހެޅުމުން، އަޅުކަންކުރާ މާތް ބިމެއްގެ ހުރުމަތް ކަނޑައި ހިންގި އަމަލުގެ ނުރައްކާތެރިކަމަށް ބަލައި ކޯޓުން ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން ތައުޒީރީ އުސޫލުން އެ ދެމީހުން މެރުމަށް ހުކުމްކޮށްފައެވެ.

ޝަރުއީ އެކި މަރުޙަލާތަކުން މި ހުކުމް ކަށަވަރުވުމާ ގުޅިގެން، ރަސްމީ އަމުރެއްގެ ދަށުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މައްކާގެ ސަރަހައްދުގައެވެ.

މި ބަޔާނުގައި ސައޫދީ ދާޚިލީ ވުޒާރާއިން ވަނީ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި، ޤާނޫނާއި ޝަރީއަތާ ޚިލާފުވާ ފަރާތްތަކަށް ފަސްޖެހުމެއްނެތި ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އަލުން ތަކުރާރުކޮށްފައެވެ.