ސެޕްޓެމްބަރ މަހު އެކަނިވެސް ހޮންކޮންގަށް 4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
ބެންކޮކަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤްވާމީ ފަތުރުވެރިން ޒިޔާރަތްކުރާ ހޮންކޮންގަށް ފާއިތުވި ސެޕްޓެމްބަރު މަހު 4.03 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިޑް-އޮޓަމް ފެސްޓިވަލް އަދި އެހެނިހެން ޙަރަކާތްތަކާއެކު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ.
ހޮންކޮންގް ޓޫރިޒަމް ބޯޑުން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރަކު ބާއްވާ ތައި ހަންގް ފަޔަރ ޑްރެގަން ޑާންސް ފަދަ ޙަރަކާތްތަކުގެ ސަބަބުން، ޗައިނާގެ މައިކަރައިން އެ ސިޓީއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރަށްވުރެ 29 އިންސައްތަ އިތުރުވެ، 3.17 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.
އޭގެ އިތުރުން، ދުރު މާކެޓްތަކުން (ލޯންގް-ހޯލް) ހޮންކޮންގަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ކުރިއެރުން ދަމަހައްޓާފައެވެ. އެގޮތުން ފާއިތުވި މަހު އެފަދަ ޤައުމުތަކުން 286,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.
Ads by BMLކައިރި މާކެޓްތަކުން (ޝޯޓް-ހޯލް) އައި ފަތުރުވެރިންނަށްވެސް އެ ސިޓީގެ އީދުގެ ޙަރަކާތްތަކުގެ ނަފާ ލިބުނުނަމަވެސް، ފްލައިޓް ކެޕޭސިޓީ މަދުވުމާއި ފިއުލް ސަރޗާޖު ބޮޑުވުން ފަދަ ސަބަބުތަކާހުރެ ފަތުރުވެރިން އިތުރުވުމުގެ ދުވެއްޔަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިވެފައެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ހޮންކޮންގަށް ޖުމްލަ 40.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިއިން އަންގައިދެނީ އެ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމެއްނެތި ކުރިއަރަމުންދާ ކަމެވެ.
ހޮންކޮންގް ޓޫރިޒަމް ބޯޑުން ބުނެފައިވަނީ، މާލީގޮތުން ތަނަވަސް ފަތުރުވެރިން އިތުރަށް ގެނެއުމަށްޓަކައި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑެތި ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހޮންކޮންގް ހެލޮވީން މަންތު، ހޮންކޮންގް ވައިން އެންޑް ޑައިން ފެސްޓިވަލް، ހޮންކޮންގް ވިންޓަރފެސްޓް އަދި ހޮންކޮންގް ނިއު އިއަރ ކައުންޓްޑައުން ޙަރަކާތްތައް ހިމެނެއެވެ.
އަހަރު ނިމޭއިރު ޖުމްލަ 53.8 މިލިއަން ފަތުރުވެރިން ހޮންކޮންގަށް ޒިޔާރަތްކުރާނެ ކަމަށް އެ ސިޓީން ލަފާކުރެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 7.8 އިންސައްތައިގެ ކުރިއެރުމެކެވެ.
Ads by MACL
