ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފަސިންޖަރަކު ހަމަނުޖެހުން ހިންގުމުން 9 ގަޑިއިރުގެ އުދުހުމަކަށްފަހު ސިންގަޕޯ އެއާލައިންސްގެ ބޯޓެއް އަނބުރާ ޖައްސައިފި

ފަސިންޖަރަކު ހަމަނުޖެހުން ހިންގުމުން 9 ގަޑިއިރުގެ އުދުހުމަކަށްފަހު ސިންގަޕޯ އެއާލައިންސްގެ ބޯޓެއް އަނބުރާ ޖައްސައިފި

އެމެރިކާގެ ސެން ފްރެންސިސްކޯއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއްގެ ތެރޭގައި ފަސިންޖަރަކު ހަމަނުޖެހުން ހިންގައި އަމިއްލަ ނަފުސަށް އަނިޔާކުރުމާ ގުޅިގެން، ވަޔަށް އެރިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ފަހުން އެ ބޯޓު އަނބުރާ ފުރި އެއާޕޯޓަށް ޖައްސައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސެން ފްރެންސިސްކޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓް SQ31 ގައެވެ. ގާތްގަނޑަކަށް 16 ގަޑިއިރުގެ ދިގު މި ދަތުރުގައި ބޯޓު ނައްޓާލިތާ ތިން ގަޑިއިރެއްހާއިރު ފަހުން، ފަސިންޖަރަކު ކޮންޓްރޯލުން ނެއްޓި އަޑުގަދަކޮށް، ސީޓުތަކުގައި ކޮޅުފައިން ޖަހައި އަދި ކުއްލި ހާލަތުގައި ބޭނުންކުރާ ދޮރު ހުޅުވަން މަސައްކަތްކުރި ކަމަށް ބޯޓުން ދަތުރުކުރި ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެ ފަސިންޖަރު ހުއްޓުވައި ކޮންޓްރޯލް ކުރި ނަމަވެސް އޭނާ ހަޅޭއްލެވުމާއި ހަމަނުޖެހުން ހުއްޓާނުލުމުންނާއި، އަދި އެ ހަމަނުޖެހުމުގެ ތެރޭގައި އަމިއްލައަށް ލިބުނު އަނިޔާތަކާ ގުޅިގެން ޕައިލެޓުން ވަނީ ހާލަތު ވަޒަންކުރުމަށްފަހު އަނބުރާ ސެން ފްރެންސިސްކޯއަށް ދިއުމަށް ނިންމާފައެވެ.

ފްލައިޓް ޓްރެކިން މައުލޫމާތުތައް ދައްކާ ގޮތުގައި އެ އެއާބަސް އޭ350 މަރުކާގެ ބޯޓު އަނބުރާ ސެން ފްރެންސިސްކޯ އެއާޕޯޓަށް ޖައްސާފައިވަނީ ޕެސިފިކް ކަނޑުމަތީގައި ގާތްގަނޑަކަށް 8 ގަޑިއިރާއި 40 މިނެޓު ހޭދަކުރުމަށްފަހު، އެ ރަށު ގަޑިން ރޭގަނޑު 8:40 ހާއިރުއެވެ.

ބޯޓު ޖެއްސުމާއެކު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އެ ސިޓީގެ ފުލުހުން ބޯޓަށް އަރައި، އެ ފަސިންޖަރު ވަނީ އެ ފަރާތްތަކާ ހަވާލުކޮށް ހައްޔަރުކޮށްފައެވެ.

ސިންގަޕޯ އެއާލައިންސްގެ ތަރުޖަމާނު ވިދާޅުވީ، ދަތުރުވެރިންނާއި ފަޅުވެރިންގެ ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، މި ހާދިސާ ހިނގި ވަގުތު ކަންކަން ހަމައަކަށް އެޅުވުމުގައި އެހީތެރިވި ފަޅުވެރިންނަށާއި ދަތުރުވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދިމާވި ދަތިތަކަށްޓަކައި އެއާލައިނުން ވަނީ ދަތުރުވެރިންގެ ކިބައިން މައާފަށް އެދިފައެވެ.

މި ހާދިސާއާ ގުޅިގެން ދަތުރު ލަސްވި ނަމަވެސް، ބޯޓަށް އަލުން ތެޔޮ އަޅައި، އާ ފަޅުވެރިންގެ ޓީމަކާއެކު އެ ރޭ ދަންވަރު 11:20 ހާއިރު އެ ބޯޓު ވަނީ ސިންގަޕޫރަށް ދިއުމަށް އަލުން ފުރާފައެވެ. މީގެއިތުރުން ދަތުރު ލަސްވުމުގެ ސަބަބުން ގުޅޭ ފްލައިޓްތައް ގެއްލުނު ފަސިންޖަރުންނަށް ފަސޭހައިން ދަތުރުކުރެވޭނެ އެހެން އިންތިޒާމުތައް ހަމަޖައްސައިދެމުންދާ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެއެވެ.