ނިރުބަވެރިކަމުގެ ކުށް ސާބިތުވި ސައުދީގެ ފަސް މީހެއްގެ މަރުގެ އަދަބު ތަންފީޒުކޮށްފި
ނިރުބަވެރި ޖަމާއަތްތަކާ ގުޅުން ބޭއްވުމާއި ސެކިއުރިޓީ އޮފިސަރުންނަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވި ސައުދީ އަރަބިއްޔާގެ ފަސް ރައްޔިތެއްގެ މަރުގެ އަދަބު އެ ގައުމުން ތަންފީޒުކޮށްފިއެވެ.
އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ނިރުބަވެރި ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭރުގެ ޖަމާއަތްތަކާ ގުޅުން ބޭއްވުމުގެ އިތުރުން، ސައުދީގެ އެތެރޭގައި ހަމަލާތައް ދިނުމަށް ހިތްވަރުދީ، ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށް ހަމަލާދިނުން ހިމެނެއެވެ. ނަމަވެސް، މަރުގެ އަދަބު ދެވުނު ފަސް މީހުންނާ ބެހޭ އިތުރު ތަފްސީލެއް ސައުދީގެ ކަމާބެހޭ އިދާރާތަކުންނާއި މީޑިއާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބުވެރިކަމެއް ނެތް ހުތުރު އަމަލުތަކެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ދެ ރައްޔިތެއްގެ މަރުގެ އަދަބުވެސް މި ހަފުތާގެ ކުރީކޮޅު ސައުދީގައި ވަނީ ތަންފީޒުކޮށްފައެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަޒީރުގެ ދަށުން މަރުގެ އަދަބު ދެވުނު އެ ދެ މީހުންނަކީ ނަޒްރުލް އިސްލާމް އަބްދުލް ބަސީރާއި ސިތީ އަޚްތަރެވެ.
Ads by BMLނަމަވެސް، އެ ދެ މީހުންގެ މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން އެކަން އަންގާފައި ނުވާކަމަށް ބަންގްލަދޭޝްއިން ވަނީ ބުނެފައެވެ. އަދި ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ ސައުދީގެ ކަމާބެހޭ އިދާރާތަކުގައި އެދިފައެވެ.
Ads by MACL
