ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އަލް އައްބާރުގެ އީގަލް ހިލްސް އިން ސީރިއާގައި 18 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން އެގައުމުގެ ސަރުކާރާއިއެކު ސޮއިކޮށްފި

އަލައްބާރު ، ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ އާއި އެކު ---
އަލައްބާރު ، ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ އާއި އެކު ---

އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުނީގެ ބާނީ މުޙައްމަދު އަލާއްބާރު ސޫރިޔާގައި 18 ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކުރުމަށް ނިންމަވައި، އެ ޤައުމުގައި ރެސިޑެންޝަލް އަދި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށް ސޫރިޔާގެ ސަރުކާރާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޫރިޔާގެ ދިމަޝްޤު އަދި ލަޠާކިޔާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުތަކުގެ ސަބަބުން 40,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް ސޫރިޔާގެ ޢަރަބި ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

ދިމަޝްޤުގެ ޕީޕަލްސް ޕެލަސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޫރިޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އަދި ހައުސިންގް އާއި މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ. މި ރަސްމިއްޔާތުގައި ސޫރިޔާގެ ރައީސް އަޙްމަދު އަލް ޝަރާ ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިމަޝްޤުގައި ތަރައްޤީކުރާ "ތަޟާމުން ޓަވަރސް" މަޝްރޫޢާއި ލަޠާކިޔާގައި ކުރިއަށްގެންދާ "އީކޯ ލައިފް" ޓޫރިޒަމް މަޝްރޫޢެވެ.

އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލާއްބާރު ވިދާޅުވީ، މި މަޝްރޫޢުތަކުގައި ބޯހިޔާވަހިކަމާއި، ޚިދުމަތްތަކުގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް އެކުލެވިގެންވާނެ ކަމަށާއި، މި މަސައްކަތުގައި ސޫރިޔާގެ ކުންފުނިތަކާއި ފަންނީ މާހިރުންގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. އަދި މިއީ އާންމުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި، ރަނގަޅު ޚިދުމަތްތަކާއި، ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެ އުފާވެރި މުޖުތަމަޢުތަކަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤައުމުގެ އެތެރޭގައާއި ބޭރުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުން ޤައުމަށް އިންވެސްޓްކޮށް، ޤައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އަލާއްބާރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަލާއްބާރު ފާޅުކުރެއްވި 18 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭންގެ ތެރޭގައި ސޫރިޔާގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި 5 ބިލިއަން އާއި 7 ބިލިއަން ޑޮލަރާ ދެމެދުގެ މަޝްރޫޢުތަކާއި، ދިމަޝްޤާއި އެއާ ކައިރި ސަރަޙައްދުތަކުގައި 11 ބިލިއަން ޑޮލަރާ ހަމައަށް ހޭދަކުރުން ހިމެނެއެވެ.

ސޫރިޔާގެ އިޤްތިޞާދު އަލުން އާރާސްތުކޮށް އިންވެސްޓްމަންޓްތައް ދަމައިގަތުމަށް ކުރެވޭ މަސައްކަތްތަކާއެކު، އެ ޤައުމުގައި ބޯހިޔާވަހިކަމަށް އޮތް އެދުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން 2035 ވަނަ އަހަރާ ހަމައަށް 2 މިލިއަން ގެދޮރު ބިނާކުރުމަށް ނުވަތަ މަރާމާތުކުރުމަށް ސޫރިޔާއިން ވަނީ އަމާޒުހިފާފައެވެ. މި މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، އަމިއްލަ ފަރާތްތަކުގެ ކެޕިޓަލާއި، ޚާރިޖީ އިންވެސްޓްމަންޓްތައް އެކުވެގެންނެވެ.

މިގޮތުން ސޫރިޔާގެ ޖެނެރަލް ހައުސިންގް އެސްޓެބްލިޝްމަންޓްގެ މިލްކިއްޔާތުގައިވާ ބިންތައް ފޯރުކޮށްދިނުމުން، އަމިއްލަ އިންވެސްޓަރުން މަޝްރޫޢުތަކާއި އުމްރާނީ ވަޞީލަތްތައް ތަރައްޤީކޮށް ބޯހިޔާވަހިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ. އެކުވެރި ދައުލަތްތަކުގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދެ އަހަރެއްހާ ދުވަސް ކުރިން ބައްޝާރު އަލް އަސަދު ސަރުކާރު ވައްޓާލުމާ ގުޅިގެން، ޑިސެމްބަރު 2024 އާއި އެޕްރީލް 2026 އާ ދެމެދު 1.7 މިލިއަނަށްވުރެ ގިނަ ސޫރިޔާގެ ރައްޔިތުން ވަނީ އެނބުރި ޤައުމަށް އައިސްފައެވެ.

މީގެއިތުރުން، ޔޫއޭއީއަށް ނިސްބަތްވާ އަރާދާ ކުންފުނިންވެސް ސޫރިޔާގައި 7 ބިލިއަން ޑޮލަރުގެ "ޔޫއޭއީ ސްޓައިލް" ގެ މިކްސްޑް-ޔޫސް ރިއަލް އެސްޓޭޓް މަޝްރޫޢެއް 10 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ހިންގުމަށް ވަނީ ރާވާފައެވެ. ދިމަޝްޤުގެ ހުޅަނގު ސަރަޙައްދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި 11,000 ގެދޮރު ހިމެނެއެވެ. އޭގެ ތެރޭގައި ރެސިޑެންޝަލް އެޕާޓްމަންޓްތަކާއި، ވިލާތަކާއި، ޓައުންހައުސްތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކުގެ އިތުރުން 500 ހޮޓެލް ރޫމާއި 1,000 ސަރވިސްޑް އެޕާޓްމަންޓް ހިމެނެއެވެ. މީގެއިތުރުން ދެ ސުކޫލާއި، ހޮސްޕިޓަލަކާއި، އޮފީސްތަކާއި ވިއްކާ ތަންތަންވެސް މި ތަނުގައި ބިނާކުރެވޭނެއެވެ.

އަރާދާ ގުރޫޕްގެ ޗީފް އެގްޒެކެޓިވް އަޙްމަދު އަލްޚުޝައިބީ "ދަ ނޭޝަނަލް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސޫރިޔާގައި ފެންވަރު ރަނގަޅު ގެދޮރަށް ބޮޑު އެދުމެއް އޮތީ އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންގެ ސަބަބުން ކަމަށެވެ. އަދި ޤައުމުން ބޭރުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުން އިންވެސްޓްކުރަން ނުވަތަ ޗުއްޓީ ހޭދަކުރާނެ ގެދޮރު ހޯދަން ބޭނުންވާތީ، މި އެދުން ކުރިއަށް އޮތް ތަނުގައިވެސް އިތުރުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.