ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ލަންކާގެ ގޭންގު ކުށުގެ އާ ބިލާއެކު އާންމުންގެ ސިފައަށް ބަލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް

ލަންކާގެ ގޭންގު ކުށުގެ އާ ބިލާއެކު އާންމުންގެ ސިފައަށް ބަލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް

ސްރީ ލަންކާގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ނަމުގައި އެ ގައުމުގެ ސަރުކާރުން އެކުލަވާލި އާ ބިލުގެ ދަށުން، މީހާގެ ބޭރުފުށުގެ ސިފައަށް އެކަނި ބަލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާތީ ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.

އަލަށް ގެޒެޓްކުރި "ޕްރިވެންޝަން އޮފް އޯގަނައިޒްޑް ކްރައިމްސް ބިލް" އާ ގުޅޭގޮތުން ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، ހަމައެކަނި ހަށިގަނޑުގައި ޓެޓޫ ޖަހާފައި ހުރުމުން ނުވަތަ ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުންވެސް ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް މި ބިލުން ފަހިވެގެންދެއެވެ. ލަންކާގެ ބާ އެސޯސިއޭޝަންގެ ކުރީގެ ރައީސް ސާލިޔާ ޕީރިސް ވިދާޅުވީ މިއީ ކުށެއް ނެތް އާންމު ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މަދުވެގެން ތިން މީހުން ބައިވެރިވެގެން ހިންގާ ކޮންމެ ކުށުގެ އަމަލަކީ ގޭންގު ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެ ގުރޫޕެއްގައި ވަކި އޮނިގަނޑެއް ނުވަތަ މެންބަރުންގެ މެދުގައި ހާއްސަ ރޯލުތަކެއް ބެހިފައި ނެތްނަމަވެސް އެއީ ކުށްކުރާ ގުރޫޕެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

މީގެއިތުރުން ހަތަރު އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނަ ކޮންމެ ކުށަކީ "ސީރިއަސް ކްރައިމް" ގެ ގޮތުގައި ބިލުގައި މާނަކޮށްފައިވުމުން، ގޭންގު ހަރަކާތްތަކުގެ އިތުރުން އާންމު ވައްކަމާއި، ޖުވާކުޅުމާއި، ކޮޕީރައިޓް ގާނޫނާ ހިލާފުވުމުގެ އިތުރުން ސަރުކާރުގެ އަމުރުތަކަށް ނުކިޔަމަންތެރިވުން ފަދަ ކަންކަންވެސް މި ހަރުކަށި ބިލުގެ ދަށަށް ފެތޭނެއެވެ.

ބިލުގެ ދަށުން ފުލުހުންނަށް ނުހަނު ބޮޑެތި ބާރުތަކެއް ދީފައިވާއިރު، ޕޮލިސް މިނިސްޓްރީގެ ސެކްރެޓަރީއަށް ކޯޓުން ބޭރުން ނެރޭ ޑިޓެންޝަން އަމުރެއްގެ ދަށުން ތުހުމަތުކުރެވޭ މީހަކު އެއް އަހަރު ދުވަހަށް ބަންދުގައި ބެހެއްޓުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި ކޯޓު އަމުރާއެކު ފޯނު ކޯލުތައް އަޑުއެހުމާއި ޑިޖިޓަލް ވަސީލަތްތަކުން މައުލޫމާތު ހޯދުމުގެ ހުއްދަވެސް ފުލުހުންނަށް ލިބެއެވެ.

ގާނޫނީ ވަކީލުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް ފެންވަރުގެ އޮފިސަރެއްގެ ކުރިމަތީގައި މީހަކު ވެވޭ އިއުތިރާފުގެ ބަޔާން ކޯޓުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭ ގޮތް ހަދާފައިވާތީއެވެ. މިއީ މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އަނިޔާކޮށްގެން އިއުތިރާފު ހޯދުމަށް މަގުފަހިވި އުސޫލެއް ކަމަށް ބުނެ ކުރިންވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމެކެވެ.

މި ބިލުގެ ދަށުން ކުށްވެރިވާ މީހުންނަށް 5 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭގެ އިތުރުން އެއް މިލިއަން ލަންކާ ރުޕީސްއިން ޖޫރިމަނާ ކުރެވޭއިރު، ހައްޔަރުކުރެވޭ މީހުންނަށް ކަފާލާތު ދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ހައިކޯޓަށެވެ.