ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ އޮކްޓޫބަރު 27 ގައި އިސްރާއީލުގައި ބާއްވާ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރާ މަސައްކަތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމައަށް ތާއީދުކޮށް، ސިޔާސީ ގޮތުން ބޮޑު އެހީތެރިކަމެއް ދީފިއެވެ.

ނަތަންޔާހޫގެ ލިކުޑް ޕާޓީން އާންމުކުރި ވީޑިއޯއެއްގައި، ޓްރަމްޕާއެކު އޮތް ގުޅުމަށް އަލިއަޅުވާލައި ނަތަންޔާހޫ ބުނީ ދެ މީހުން ގުޅިގެން އީރާން ބަލިކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނުވަތަ އެއަށްވުރެ ވެސް އަވަހަށް އީރާނުގެ ނުރައްކާ އެއްކޮށް ނައްތާލަން ޓްރަމްޕާއެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

މި އިންތިޚާބަކީ 2023 ގެ އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު އިސްރާއީލުގައި ބާއްވާ ފުރަތަމަ އިންތިޚާބަށްވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ލިބުނު އިންޒާރުތަކަށް އިހުމާލުވެ އެ ހަމަލާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫއެވެ.

ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް މީޑިއާ ގައި ލިޔެފައިވަނީ، އިސްރާއީލުގެ އެތެރެއިން ކުރިމަތިވި ބޮޑެތި އިދިކޮޅު ހަރަކާތްތަކާ ކުރިމަތިލައި ނަތަންޔާހޫ ސާބިތުކަމާއެކު ހުރި ކަމަށެވެ. އަދި މިއީ އެމެރިކާއިން ބޭނުންވާ ފަދަ ބައިވެރިއެއް ކަމަށް ބުނެ، ކުރިއަށް އޮތް އިންތިޚާބުގައި ނަތަންޔާހޫއަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ މެސެޖަށް ޝުކުރު އަދާކުރަމުން ނަތަންޔާހޫ X ގައި ލިޔެފައިވަނީ، ދެ މީހުން އެކުގައި މި މިޝަން ފުރިހަމަކުރާނެ ކަމަށެވެ. އަދި ޓްރަމްޕް ދެއްކި ވާހަކަތަކަށް ވޯޓުލާ މީހުން ސަމާލުކަން ދިނުމަށްވެސް ނަތަންޔާހޫ އެދުނެވެ.

މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ X ގައި ބުނީ، ނަތަންޔާހޫ މަސައްކަތް ކުރަނީ އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ކޮއްޕާލުމަށް ކަމަށެވެ. އަދި ނިމިދިޔަ ފަހަރު އީރާން ނައްތާލަން ކުރި މަސައްކަތުން އީރާން ކުރިއަށްވުރެ ވަރުގަދަވި ކަމަށާއި، މިފަހަރުވެސް އެކަން ތަކުރާރުކުރަން ބޭނުންނަމަ އެކަމަށް މަރުޙަބާ ކިޔާ ކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާދިން ނަމަވެސް، އެމެރިކާގެ އާންމުންގެ ނުރުހުމާއި ތެލުގެ އަގު އުފުލުމާ ގުޅިގެން އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނެވެ. އޮގަސްޓް މަހު ނަތަންޔާހޫ ޓްރަމްޕަކީ އެންމެ ބޮޑު އެކުވެރިޔާގެ ގޮތުގައި ސިފަކުރި ނަމަވެސް، އީރާނުގެ މައްސަލައިގައި ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައްވެސް އުފެދިފައިވެއެވެ.

އުމުރުން 77 އަހަރުގެ ނަތަންޔާހޫއަކީ އިސްރާއީލުގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރި މީހާއެވެ. އޭނާ 2022 ގެ ޑިސެމްބަރު މަހު އަލުން ވެރިކަމަށް އައިސް، ޝަރުޢީ ދާއިރާއަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްވެސް ކުރެވިފައިވެއެވެ.

މި އިންތިޚާބުގައި ނަތަންޔާހޫއާ އެންމެ ވާދަވެރި ފަރާތަކީ ޔާޝާރު ޕާޓީގެ ލީޑަރު އަދި ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިސެންކޮޓްއެވެ. އޭނާވެސް ވަނީ އޮކްޓޫބަރު 7 ގެ ހަމަލާގެ ޒިންމާ ނަތަންޔާހޫ ނަންގަވަންޖެހޭނެ ކަމަށް ބުނެފައެވެ.

މި އިންތިޚާބުގައި 7 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 120 ގޮނޑި ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ނަތަންޔާހޫގެ ބްލޮކަށް ނުވަތަ އައިސެންކޮޓްގެ ބްލޮކަށްވެސް ލިބޭނެކަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ނުދައްކައެވެ.

ޓްރަމްޕްގެ ތާއީދާ ގުޅިގެން ތެލް އަވީވްގައި ބޭއްވި ކޮންފަރެންސެއްގައި އައިސެންކޮޓް ބުނީ، އޭނާ ޓްރަމްޕަށް އިޙްތިރާމްކުރި ނަމަވެސް، އިސްރާއީލަކީ ދީމުޤްރާތީ ޤައުމެއް ކަމަށާއި ވެރިން އިންތިޚާބުކުރާނީ އިސްރާއީލުގެ ރައްޔިތުން ކަމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ ނަތަންޔާހޫ ނޫން އެހެން މީހަކު އިންތިޚާބުކޮށްފިނަމަ އެމެރިކާއިން އަމިއްލައަށް މަސައްކަތްތައް ކުރަންޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ.