ފްރާންސްގެ އެކި ސިޓީތަކުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކާފިއު އިއުލާންކޮށްފި
ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހަފުތާ ބަންދުގައި ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކާއި ލޫޓުވުންތަކާ ގުޅިގެން، ވެރިރަށް ޕެރިހުގެ މަރުކަޒީ ސަރަހައްދުތަކާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި ރޭގަނޑު ކާފިއު އިއުލާންކޮށްފިއެވެ.
ޕެރިހުގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މުޒާހަރާގެ ބައިވެރިން އެއްވި ޕްލާސް ދެ ލާ ރެޕުބްލިކް އަދި ލެ ހާލްސް ޝޮޕިން ސަރަހައްދުގައި ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ކާފިއު ހިންގާނެއެވެ. މީގެއިތުރުން، ސިޓީގެ މަރުކަޒީ އެހެން ސަރަހައްދުތަކުގައި ހުއްދައެއް ނެތި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
ޕެރިހުގެ އިތުރުން ދެކުނުގެ މާސޭ، ބޯޑޯ، ނީސް އަދި ލިއޯންގެ އިތުރުން އުތުރުގެ ލީލް ފަދަ ސިޓީތަކުގައި ޒުވާނުންގެ ހަރަކާތްތަކާއި އެއްވުންތައް ކޮންޓްރޯލްކުރުމަށް ވަކި ވަގުތުތަކެއްގައި ވަނީ ކާފިއު ހިންގަން ފަށާފައެވެ. ފްރާންސްގެ ދާޚިލީ ވަޒީރު ލޮރެންޓް ނޫނޭޒް ވަނީ ބައެއް ސިޓީތަކުގައި ފުލުހުންގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން އިސްތިއުފާ ދެއްވުމަށް އޭނާ ހުށަހެޅުއްވި ނަމަވެސް، ރައީސް އެމެނުއަލް މެކްރޮން ވަނީ ސަލާމަތީ ބާރުތަކުގެ އަމުރުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށްޓަކައި އެ އިސްތިއުފާ ގަބޫލުނުކުރައްވާފައެވެ. ނަމަވެސް، އިންޓެލިޖެންސް އަދި ކުރިއާލައި ފިޔަވަޅު ނޭޅުނު މައްސަލައިގައި ދެފުށް ފެންނަ ގޮތަށް އަމަލުކުރުމަށް މެކްރޮން ވަނީ އެދިވަޑައިގެންފައެވެ.
Ads by BMLމި މުޒާހަރާތައް ފެށުނީ މިދިޔަ މަހު ސުކޫލުތަކުގެ ހާލަތު ރަނގަޅުކުރުމަށް އެދި ދަރިވަރުން ކުރި މުޒާހަރާތަކުންނެވެ. ނަމަވެސް، ހަފުތާ ބަންދުގައި ލޭބަރ ޔޫނިއަންތަކާއި އެކި ގުރޫޕުތައް ގުޅުމާއެކު، ތެލުގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް އުފުލުމާއި އާންމު ޚިދުމަތްތައް ދަށްވުމާ ދެކޮޅަށް 550،000 އަށްވުރެ ގިނަ މީހުން ވަނީ މަގުތަކަށް ނުކުމެފައެވެ. މި މުޒާހަރާތަކުގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ އިމާރާތްތަކާއި ކާރުތަކުގައި ރޯކޮށް، ވިޔަފާރިތައް ލޫޓުވާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 2،500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، 1،000 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. އަދި ފުލުހުން ބޭނުންކުރި ގްރެނޭޑެއް ގޮވައިގެން މުޒާހަރާގެ ބައިވެރިއެއްގެ އަތް ބުރިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ކަންކަން ހަމައަކަށް އަޅުވައި މަޝްވަރާކުރުމަށް ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވަނީ ސިޓީތަކުގެ މޭޔަރުންނަށް ބޭނުންވެއްޖެ ހާލަތެއްގައި ކާފިއު އިއުލާންކުރުމުގެ ބާރު ދެއްވާފައެވެ.
ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން އެކަށީގެންވާ ކަމަށް ވިދާޅުވަމުން ބޮޑުވަޒީރު ލެކޯނޫ ވަނީ، ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އެ ފައިސާ ހަމަނުޖެހުން ހިންގި ފަރާތްތަކުގެ އަތުން އަތުލުމަށް ޚާއްޞަ ގާނޫނެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ހަމަނުޖެހުންތަކުގެ ސަބަބުން މަސައްކަތް ނުކުރެވޭ މީހުންނަށް ވަގުތީ ވަޒީފާނެތްކަމުގެ އިނާޔަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ހަމަނުޖެހުންތައް ރޭވުމުގައި އިސްކޮށް އުޅުނު މީހުން ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ދިރާސާކުރުމުގެ މަސައްކަތް 200 އިންވެސްޓިގޭޓަރުން ދަނީ ކުރަމުންނެވެ. ފްރާންސްގެ ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ސީސީއައި) އިން ބުނި ގޮތުގައި 2،000 އަށްވުރެ ގިނަ ފިހާރައާއި ވިޔަފާރިއަށް ސީދާ ގެއްލުން ލިބިފައިވާއިރު، މުޅި ގެއްލުމުގެ އަގު ސަތޭކައިގެ މިލިއަން އުރޯއަށް އަރާނެއެވެ. މާސޭގައި އެކަނިވެސް 600 އަށްވުރެ ގިނަ ފިހާރަ ލޫޓުވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ލޫޓުވާފައިވާ މުދާތައް އޮންލައިންކޮށް ވިއްކަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، 'ވިންޓެޑް' ފަދަ ޕްލެޓްފޯމްތަކުން ވަނީ އެފަދަ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ލިމޯޖް ސިޓީގައި ހުރި 19 ވަނަ ގަރުނުގެ ތާރީޚީ ސިޓީ ހޯލްގައި ރޯކޮށްލުމުގެ ސަބަބުން އެ އިމާރާތުގެ ގަޑިބުރުޖާއި ފުރާޅު ވަނީ ވެއްޓި، މުޅި އިމާރާތް އަނދައި އަޅިއަށްވެފައެވެ.
މި ޙާލަތާ ގުޅިގެން އެމެރިކާ، ޗައިނާ އަދި ޖަރުމަނުވިލާތުގެ އެމްބަސީތަކުން ވަނީ ފްރާންސްގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މުޒާހަރާތައް ކުރާ ސަރަހައްދުތަކާ ދުރުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ. ސިޔާސީ ގޮތުން ބަލާއިރު، ސަރުކާރުން ވަނީ ވާތުފިޔައިގެ 'ލާ ފްރާންސް އިންސޫމީސް' ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ގައުމުގައި ހަލަބޮލިކަން އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު ޖީން-ލޫކް މެލެންޗޮން ވަނީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް ނުވަތަ މާފަށްެދުމަށް ގޮވާލައްވާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ފޮޓޯތަކުގެ ތެރޭގައި 'ޕިންކް ޕެންތާ' ކަރެކްޓަރެއް ހަމަނުޖެހުންތަކުގައި ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯތަކަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން އުފައްދާފައިވާ ސައްހަނޫން ފޮޓޯތަކެއްކަން ބީބީސީ ވެރިފައިއިން ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by MACL
