ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ފައްޓަވައިފި

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ފައްޓަވައިފި

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ހިމެނޭ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުންވެސް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވެރިން ހިމެނިވަޑައިގަންނަވާ ޚާއްޞަ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން އެންމެ ފުރަތަމަ ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.