އެމެރިކާގެ ކޮންމެ ކުއްޖަކަށް ސްޕޭސްއެކްސްގެ ޝެއާއެއް ދިނުމަށް އީލޮން މަސްކް ނިންމައިފި
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އަންނަ އަހަރު އެމެރިކާގެ ކޮންމެ ކުއްޖަކަށް ވެސް އޭނާގެ ސްޕޭސްއެކްސް ކުންފުނީގެ އެއް ޝެއާ ހަދިޔާކުރާނެކަން އިއުލާންކޮށްފިއެވެ. މިހާރުގެ ޝެއާ އަގުތަކަށް ބަލާއިރު މި ހަދިޔާގެ ޖުމްލަ އަގަކީ 10.5 ބިލިއަން ޑޮލަރެވެ.
އީލޮން މަސްކް މިކަން އިއުލާންކުރީ އިއްޔެ އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
"އަންނަ އަހަރު އެމެރިކާގެ ކޮންމެ ކުއްޖަކަށް ވެސް ސްޕޭސްއެކްސްގެ އެއް ޝެއާ ދޭނަން. މިއީ މިފަދަ އެތައް ހަދިޔާތަކެއްގެ ފުރަތަމަ ފެށުން ކަމަށް ވާނެ،" އީލޮން މަސްކް ބުނެފައިވެއެވެ.
Ads by BMLއީލޮން މަސްކްގެ މި ނިންމުމަކީ އެފްރިކާގެ އެންމެ މުއްސަނދި މީހާ އަލީކޯ ދަންގޯތޭ ދާދި ފަހުން އިއުލާންކުރި ޕްރޮގްރާމާ އެއްގޮތް ސިޔާސަތެކެވެ. ދަންގޯތޭގެ ފައުންޑޭޝަނުން ވަނީ ނައިޖީރިއާގެ ހަތަރު މިލިއަން ދަރިވަރުންނަށް އޭނާގެ ޑަންގޯޓޭ ރިފައިނަރީގެ އައިޕީއޯ ޝެއާތައް ހިލޭ ދިނުމަށް ނިންމައިފައެވެ. އެ ޕްރޮގްރާމުގެ ދަށުން ޝަރުތުހަމަވާ ކޮންމެ ދަރިވަރަކަށް ވެސް ރިފައިނަރީގެ 10 ޝެއާ ލިބޭނެއެވެ.
https://twitter.com/elonmusk/status/2112089556615123114
އެމެރިކާގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ ގާތްގަނޑަކަށް 72 މިލިއަނެވެ. ސްޕޭސްއެކްސްގެ އެއް ޝެއާގެ އަގު ހުރީ ގާތްގަނޑަކަށް 146 ޑޮލަރުގައެވެ. އެހެންކަމުން ކޮންމެ ކުއްޖަކަށްވެސް އެއް ޝެއާ ދިނުމުން މި ހަދިޔާގެ ޖުމްލަ އަގު 10.5 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އީލޮން މަސްކް މި އިއުލާނު ކުރީ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެންތްރޯޕިކްއިން އާންމު މަންފާއަށްޓަކައި ފަންޑެއް ގާއިމުކުރާނެކަމަށް އިއުލާންކުރުމާ ގުޅިގެންނެވެ. އެންތްރޯޕިކްއިން ބުނީ އެކުންފުނީގެ ފަސް ޕަސެންޓް ޝެއާ އެ ފަންޑަށް ކަނޑައަޅާނެކަމަށެވެ. މި އިއުލާނަށް ޖަވާބުދެމުން އީލޮން މަސްކް ބުނީ އެންމެ ރަނގަޅުގޮތަކީ ޝެއާތައް ސީދާ އާންމުންނަށް ދިނުން ކަމަށާއި، އޭނާ އެކަން ކުރާނީވެސް އެގޮތަށްކަމަށެވެ.
އީލޮން މަސްކްގެ ޖުމްލަ މުއްސަނދިކަމާ އަޅާބަލާއިރު މި ހަދިޔާއަކީ ކުޑަ އަދަދެކެވެ. ފޯބްސްގެ ލަފާކުރުންތަކަށް ބަލާއިރު އީލޮން މަސްކްގެ ޖުމްލަ މުއްސަނދިކަން 900 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާއަކީ ސްޕޭސްއެކްސްގެ އެންމެ ބޮޑު ހިއްސާދާރެވެ. އޭނާގެ އަތުގައި ކުންފުނީގެ 6.42 ބިލިއަން ޝެއާ (48.4 ޕަސެންޓް) އޮވެއެވެ.
ސްޕޭސްއެކްސްއިން ވަނީ މިދިޔަ ޖޫންމަހު ތާރީޚުގައި އެންމެ ބޮޑު އައިޕީއޯއެއް ހަދައިގެން އާންމުކޮށް ޝެއާ ވިއްކަން ފަށައިފައެވެ. މިހާރު ކުންފުނީގެ މާކެޓު އަގު ގާތްގަނޑަކަށް 1.9 ޓްރިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް އައިޕީއޯއާ ގުޅޭ ލޮކްއަޕް ޝަރުތުގެ ދަށުން އީލޮން މަސްކަށް އޭނާގެ ޝެއާތައް ވިއްކުން 2027 ޖޫންމަހާ ހަމައަށް މަނާވެފައިވެއެވެ.
އީލޮން މަސްކްގެ އިއުލާނާ ގުޅިގެން ސްޕޭސްއެކްސްގެ ޝެއާ އަގު ޕްރީމާކެޓް ޓްރޭޑިންގައި 1.5 ޕަސެންޓް އުފުލި، 148.27 ޑޮލަރަށް ވަނީ އަރައިފައެވެ.
ނަމަވެސް މި ހަދިޔާއާ ގުޅޭ ތަފްޞީލުތައް އަދި ސާފެއް ނުވެއެވެ. ޝަރުތުހަމަވާނީ ކޮންބައެއްކަމާއި، ޝެއާތައް ބަހާނެގޮތާއި، ބަހަން ފަށާނީ ކޮން ތާރީޚެއްގައިކަން އީލޮން މަސްކް އަދި ބުނެފައެއް ނުވެއެވެ. އުމުރުން ހަގު ކުދިންގެ ނަމުގައި ޝެއާ ހިފެހެއްޓޭނެގޮތާއި ޓެކްސްގެ މައްސަލަތައް ހައްލުކުރާނެގޮތްވެސް އަދި އެނގިފައެއް ނުވެއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ޝެއާތައް ބެހުމަށް "ޓްރަމްޕް އެކައުންޓުތައް" ބޭނުންކުރެވިދާނެއެވެ. އެއީ ފެޑެރަލް ޓެކްސް ޤާނޫނުގެ ދަށުން ކުދިންނަށްޓަކައި އުފައްދާ ޓެކްސް ފައިދާ ލިބޭ އެކައުންޓުތެކެވެ.
މައިކަލް ޑެލްއާއި އޭނާގެ އަނބިމީހާ ވަނީ މިދިޔަ ޑިސެންބަރުމަހު މި އެކައުންޓުތަކަށް 6.25 ބިލިއަން ޑޮލަރު ހަދިޔާކުރުމަށް ވަޢުދުވެފައެވެ.
Ads by MACL
