އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކެއް އީރާނުގެ ބޯޑަރު ކައިރިއަށް ދަތުރުކޮށްފި
އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުކޮށް އީރާން ރުޅިއަރުވާލުމުގެ މަގުސަދުގައި އިސްރާއީލުގެ ހަނގުރާމަމަތީ ގިނަ އަދަދެއްގެ ޖެޓުތަކެއް އީރާނުގެ ބޯޑަރު ކައިރިއަށް ސިއްރިއްޔާތުގައި ދަތުރުކޮށްފިއެވެ.
އެކްސިއޯސް ނޫހަށް އިސްރާއީލާއި އެމެރިކާގެ މަސްއޫލުވެރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހޯމަ ދުވަހު ހިންގި މި "ބާރު ދެއްކުމުގެ" އޮޕަރޭޝަނުގައި އިސްރާއީލުގެ ވައިގެ ސިފައިންގެ ގިނަ އަދަދެއްގެ ފައިޓަރު ޖެޓުތަކާއި ތެޔޮ އަޅައިދޭ ބޯޓުތައް ވަނީ އީރާނުގެ ބޯޑަރާ ހަމައަށް ދަތުރުކުރުމަށްފަހު އަނބުރާ ގޮސްފައެވެ.
ސޫރިޔާއާއި އިރާގުގެ ވައިގެ ސަރަހައްދު ހުއްދައެއް ނެތި ހުރަސްކޮށް ހިންގި މި އޮޕަރޭޝަން ކުރިއަށް ގޮސްފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތްއާ އިސްރާއީލުގެ ދެކުނުގައިވާ އޮވްދާ އެއާ ބޭސްގައި ބައްދަލުކުރެއްވި ދުވަހުއެވެ.
Ads by BMLއެމެރިކާގެ މަސްދަރުތަކުން ބުނާ ގޮތުގައި، މި ދަތުރު އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ފާހަގަކުރެވޭނެކަން އިސްރާއީލަށް އެނގެއެވެ. އަދި އިސްރާއީލުން އުއްމީދުކުރީ އީރާނުން އެ ބޯޓުތަކަށް ހަމަލާދިނުން ކަމަށާއި، އޭރުން އީރާނަށް އާ ހަމަލާތަކެއް ދިނުމަށް އިސްރާއީލަށް ބަހަނާއެއް ލިބިގެންދާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ގަބޫލުކުރެއެވެ. އިސްރާއީލުން ވަނީ މި އޮޕަރޭޝަން ހިންގުމުގެ ކުރިން އެމެރިކާއަށް އެކަން އަންގާފައެވެ.
އިސްރާއީލުގެ މި އުދުވާނީ އަމަލާއެކު، އީރާނުން ވަނީ އެގައުމުގެ 'މޮސައިކް ޑިފެންސް' ނިޒާމު އެކްޓިވޭޓްކޮށްފައެވެ. މިއީ ފެބްރުއަރީ މަހު ދިން ހަމަލާތަކުން ސަލާމަތްވެ، އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކާއި އިންޓެލިޖެންސް ލޯބަނދެލައި، ރައްދު ހަމަލާދިނުމަށް އީރާނުން ބޭނުންކުރި ލާމަރުކަޒީ ދިފާއީ އުސޫލެކެވެ.
އިސްރާއީލުގެ މީޑިއާތަކަށް މަސްއޫލުވެރިން މައުލޫމާތު ދީފައިވާ ގޮތުގައި، އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބު ފަސްކުރެވުން އެކަށީގެންވެއެވެ. ނަތަންޔާހޫގެ ކޯލިޝަނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑު މި އިންތިޚާބު ފަސްކުރެވޭނީ އީރާނާއެކު އަލުން ހަނގުރާމަ ފެށި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހިއްޖެނަމައެވެ.
އިދިކޮޅު ލީޑަރު ޔާއިރު ލަޕިޑް ވަނީ އިންތިޚާބުގެ ކުރިން އީރާނަށް ނުވަތަ އެހެންވެސް ތަނަކަށް ހަމަލާދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ބުނެ ނަތަންޔާހޫއަށް އިންޒާރު ދެއްވާފައެވެ. އަދި މިއީ އިންތިޚާބުގައި ނަތަންޔާހޫއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަމެއް ކުރަން އުޅޭ ސަބަބު ނުވިސްނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބުރާސްފަތި ދުވަހު އިސްރާއީލުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނަކީ "ކެންސަރެއް" ކަމަށާއި، އީރާނުގެ "ރެޖީމް" ވައްޓާނުލެވެނީސް އިސްރާއީލުން ހަމަލާދިނުން ނުހުއްޓުވާނެ ކަމަށެވެ.
Ads by MACL
