ދުނިޔޭގެ ބާޒާރަށް ގޭސް ފޯރުކޮށްދިނުމަށް ގަތަރުން އެމެރިކާއާއެކު އެއްބަސްވުމެއް ހަދައިފި
ދުނިޔޭގެ ބާޒާރަށް ގޭސް ފޯރުކޮށްދިނުމަށް ގަތަރުން އެމެރިކާއާއެކު އެއްބަސްވުމެއް ހަދައިފިއެވެ.
ގަތަރުގެ ގޭސް ކުންފުނި ކަމަށްވާ ގަތަރުއެނާޖީއާއި އެމެރިކާގެ ހަކަތަ ކުންފުނި ޝެނިއާ އާ ދެމެދު، އަހަރަކު 4 މިލިއަން ޓަނުގެ ދިޔާކުރި ތަބީއީ ގޭސް (އެލްއެންޖީ) ގަތުމަށް ދިގު މުއްދަތުގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުންތަކުގެ ދަށުން 2054 ވަނަ އަހަރާ ހަމައަށް އެމެރިކާއިން ގަތަރަށް އެލްއެންޖީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގަތަރުއެނާޖީން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެލްއެންޖީ ފޯރުކޮށްދޭނީ ލޫސިއާނާގައި ހުންނަ ޝެނިއާގެ ސަބީން ޕާސް ފެސިލިޓީއާއި ޓެކްސަސްގައި ހުންނަ ކޯޕަސް ކްރިސްޓީ ފެސިލިޓީންނެވެ. މި ސަޕްލައިތައް ފޮނުވަން ފަށާނީ 2031 ވަނަ އަހަރުގެ ތެރޭގައެވެ. މި ނިންމުމަކީ ގަލްފު ސަރަހައްދުން ބޭރުން އެލްއެންޖީ ލިބޭނެ މަގުތައް ތަނަވަސްކޮށް، އެ ސަރަހައްދުން ކުރާ ގޭސް އެކްސްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގަތަރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.
Ads by BMLގަތަރަކީ ދުނިޔޭގައި އެންމެ ގިނައިން އެލްއެންޖީ އެކްސްޕޯޓްކުރާ އެއް ގައުމެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައިގެ ކުރިން، ގަލްފު ސަރަހައްދުން، ހާއްސަކޮށް ގަތަރުން، ދުނިޔޭގެ އެލްއެންޖީ އެކްސްޕޯޓުގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރެއެވެ. ނަމަވެސް މި ހަނގުރާމައިގެ ތެރޭގައި ގަތަރުއެނާޖީގެ ރާސް އައްފާން އިންޑަސްޓްރިއަލް ސިޓީއާއި މެސައީދު އިންޑަސްޓްރިއަލް ސިޓީގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ، ގަތަރުގެ މުޅި އެލްއެންޖީ އުފެއްދުމުގެ ގާބިލުކަމުގެ 17 އިންސައްތަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ގަތަރުގެ އެކްސްޕޯޓް މަގުތަކަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލަތަކުގެ ސަބަބުން 2026 ވަނަ އަހަރުގެ ފުރަތަމަ ބައިގައި ގަތަރުއެނާޖީގެ ފައިދާ ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެ، 4 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. ދުނިޔޭގެ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުން އަދިވެސް ގަތަރުއެނާޖީއަކީ އިތުބާރު ހުރި ކުންފުންޏެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، އެ ކުންފުނީގެ އައުޓްލުކް އޮތީ ނެގެޓިވްކޮށެވެ. މީގެ މާނައަކީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ރޭޓިން ދަށްކުރުމުގެ ފުރުސަތު އަދިވެސް އެބިއޮތް ކަމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނަށް ތަކުރާރުކޮށް ގޮވާލި ނަމަވެސް، މަޝްރަހު ގޯސްވުމުގެ ސަބަބުން އަގުތައް އުފުލި ގޭސް ލިބުން ދަތިވުމުގެ ފައިދާ އެމެރިކާގެ އެލްއެންޖީ ކުންފުނިތަކަށް ދަނީ ލިބެމުންނެވެ. އެމެރިކާގެ މަދަދާއެކު ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައި ނޯޑް ސްޓްރީމް ޕައިޕްލައިނަށް ދިން ހަމަލާތަކަށްފަހު، ވިލާތަށް ރަޝިޔާއިން ފޮނުވާ ގޭސް މަދުވުމުން އުފެދުނު ހުސްކަން ފުރައިދީގެންވެސް އެމެރިކާގެ ކުންފުނިތަކުން މީގެ ކުރިން ބޮޑެތި ފައިދާތަކެއް ހޯދާފައިވެއެވެ.
Ads by MACL
