ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސޫރިޔާގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ނުކުޅެދުންތެރިކަން ހުރި މީހަކު މަރާލައިފި

ސޫރިޔާގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ނުކުޅެދުންތެރިކަން ހުރި މީހަކު މަރާލައިފި

ސޫރިޔާގެ ދެކުނުގައިވާ ދަރާ އާއި ކުނެއިތުރާ ޕްރޮވިންސަށް އިސްރާއީލް ސިފައިން ވަދެގަނެ ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރާލައި، އަދި އެހެން ޒުވާނަކު ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. ދަރާގެ ހުޅަނގުގައިވާ ޖަމްލާ އަވަށަށް އިސްރާއީލް ސިފައިން ވަދެގަނެ މަރާލާފައިވަނީ ޑައުން ސިންޑްރޯމް ހުންނަ މުއާޒް އަލްބައީރު ނަމަކަށް ކިޔާ ސޫރިޔާގެ ރައްޔިތެކެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ދަރާ ނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހަމަލާ ދިން ވަގުތު އިސްރާއީލް ސިފައިން ވަނީ ޖަމްލާ އަވަށުގެ އިރުމަތީ އަވަށުގައި ހަރަކާތްތެރިވެ، އާންމުން ދިރިއުޅޭ އިމާރާތްތަކުގެ ފުރާޅުތަކުގެ މަތީގައި ސްނައިޕަރުން ބައިތިއްބާފައެވެ. އަދި އަލްއިޚްބާރިއްޔާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލް ސިފައިން ވަނީ އެ އަވަށުގެ ގިނަ ގޭގެއަށް ވަދެ ފާސްކޮށް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒެއް ނެތި ބަޑިޖަހާފައެވެ.

މީގެއިތުރުން، ކުނެއިތުރާ ޕްރޮވިންސްގެ އުތުރުގެ ގްރާމީން ސަރަހައްދުގައިވާ ތަރަންޖާ އަވަށަށް އިސްރާއީލް ސިފައިންގެ ހަތް އަސްކަރީ އުޅަނދެއްގައި ވަދެގަނެ، އެ އަވަށުން ޒުވާނަކު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އަދި އިސްރާއީލް ސިފައިން ވަނީ ތަރަންޖާ އަވަށުގެ މަގު ބަންދުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އދގެ އަސްކަރީ އޮބްޒާވަރުންގެ ފޯސް (އުންޑޯފް) ގެ ޕެޓްރޯލް އުޅަނދެއްގެ ދަތުރަށް ހުރަސްއަޅާފައެވެ. ނަމަވެސް އިސްރާއީލް ސިފައިން ހައްޔަރުކުރި ޒުވާނާގެ މައުލޫމާތާއި އޭނާ ގެންދިޔަ ތަނެއް އަދި ސާފުވެފައެއް ނުވެއެވެ.

މި ހާދިސާގެ ކުރީ ރޭ، އިސްރާއީލްގެ އާޓިލަރީން ވަނީ ދަރާގެ ހުޅަނގުގައިވާ ޔާމޫކް ބޭސިން ސަރަހައްދުގެ އަބިދީން އަވަށުގެ ބޭރުފަރާތަށް ހަމަލާތަކެއް ދީފައެވެ. ސޫރިޔާގެ ރަސްމީ ނިއުސް އޭޖެންސީ (ސާނާ) އިން ބުނެފައިވާ ގޮތުގައި އަބިދީން އަވަށުގެ ހުޅަނގު ފަރާތަށް އާޓިލަރީގެ ދެ ހަމަލާއެއް އަރާފައިވީ ނަމަވެސް، އެ ހަމަލާގައި މީހަކަށް އަނިޔާވިކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ކުނެއިތުރާ އާއި ދަރާގެ ސަރަހައްދުތަކަށް އިސްރާއީލް ސިފައިން ވަދެގަތުމާއި، ސޫރިޔާގެ ދެކުނުގެ ވައިގެ ސަރަހައްދުގައި ހެލިކޮޕްޓަރާއި ފައިޓަރު ޖެޓުތައް އުދުއްސުން އިތުރުކުރަމުންދާތީ އެކަން ހައްދުފަހަނައެޅި އަމަލެއްގެ ގޮތުގައި ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލްގެ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅި، ގައުމު އާރާސްތުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭތީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖުބޫރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ސޫރިޔާއިން ވަނީ ގޮވާލާފައެވެ.

އިސްރާއީލުން 1967 އިން ފެށިގެން ސޫރިޔާގެ ގޯލާން ހައިޓްސްގެ ބޮޑު ބައެއް ހިފާފައިވާއިރު، ބައްޝާރު އަލްއަސަދު ވެރިކަމުން ވައްޓާލުމާ ގުޅިގެން އިސްރާއީލް ސިފައިން ވަނީ ދެ ގައުމުގެ ދެމެދުގައިވާ އަސްކަރީ ހަރަކާތްތައް މަނާ ސަރަހައްދަށް ވަދެގަނެ، ސޫރިޔާގެ ދެކުނުގައި އެމީހުންގެ އަސްކަރީ ބާރު ފުޅާކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި 1974 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އުފެއްދި ބަފާ ޒޯން އދ އިން ބަލަހައްޓަމުންދާއިރު، އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ސޫރިޔާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.