ތޫފާން "ޗަމްޕީ" އާއެކު ޓައިވާން ހުއްޓުމަކަށް: އެތައްސަތޭކަ އުދުހުން ކެންސަލްކޮށް، އާންމު ޚިދުމަތްތައް ބަންދުކޮށްފި
ބާރުގަދަ ސުޕަރ ތޫފާން "ޗަމްޕީ" ޓައިވާނާ ދިމާއަށް މިސްރާބު ޖަހައި މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، އެ ގައުމުގެ އާންމު ދިރިއުޅުމުގެ ހަރަކާތްތައް ހުއްޓުމަކަށް އައިސް، 900 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފިއެވެ.
މިއަހަރު ޕެސިފިކް ސަރަހައްދަށް އައި އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރޭގައި ހިމެނޭ މި ތޫފާނުގެ މަރުކަޒު ކައިރީގައި ގަޑިއަކު 191 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ތޫފާން މިހާރު ހުރީ ޓައިވާނުގެ ދެކުނު ކޮޅުން އިރުމަތީގައި ގާތްގަނޑަކަށް 320 ކިލޯމީޓަރު ދުރުގައެވެ.
މި ތޫފާނުގެ ސަބަބުން ޓައިވާނުން އެކަކު މަރުވެ 94 މީހުންނަށް އަނިޔާވެފައިވާއިރު، ނުރައްކާތެރި ފަރުބަދަމަތީ ސަރަހައްދުތަކުން 1،300 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
Ads by BMLކުރިއަށް އޮތް ދެ ދުވަހުވެސް މި ތޫފާނުގެ އަސަރު ދެމިގެންދާނެ ކަމަށް ބެލެވޭއިރު، ވެރިރަށް ތައިޕޭ ހިމެނޭހެން އުތުރުގެ ސަރަހައްދުތަކަށް އެކެއް މީޓަރުގެ ވާރޭވެހޭނެ ކަމަށާއި، އައްސޭރިފަށުގެ ރަށްތަކަށް ގަޑިއަކު 150 ކިލޯމީޓަރަށްވުރެ ބާރަށް ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓައިވާނުގެ މާލީ ބާޒާރުތަކާއި، އޮފީސްތަކުގެ އިތުރުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، އެތެރޭގެ އުދުހުންތަކުގެ 262 ފްލައިޓާއި ބައިނަލްއަގުވާމީ 669 ފްލައިޓާއެކު ޖުމްލަ 930 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.
ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ވެލިބަސްތާ ބަހައި، ފެނުގައި ދުއްވާ އެމްފިބިއަސް އުޅަންދުތަކާއި ސަލާމަތީ ބޯޓުތައް ތައްޔާރުކޮށްފައިވާއިރު، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ޓައިވާނުގެ ބޮޑު ބަޔަކަށް ޚިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް، އުތުރާއި ދެކުނު ގުޅުވައިދޭ ހައިސްޕީޑް ރޭލު ހިދުމަތް އާންމުކޮށް ކުރިއަށްދާ ކަމަށާއި، ސަބްވޭގެ ހިދުމަތް މަދު މިންވަރަކަށް ފޯރުކޮށްދެމުންދާ ކަމަށް އެ ގައުމުގެ ދަތުރުފަތުރާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.
Ads by MACL
