ރަޝިޔާގެ ހަމަލާތަކުން ސަލާމަތްވުމަށް އަމިއްލައަށް ފައި ބުރިކޮށްލި ޔޫކްރޭނު ސިފައިންގެ މީހަކު ތާރީޚީ ޑްރޯން އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފި
ޔޫކްރޭނާއި ރަޝިޔާގެ ހަނގުރާމައިގެ މައިދާނުގައި 491 ދުވަސް ހޭދަކޮށް، ރަޝިޔާގެ ހަމަލާތަކުގައި ދެފައި ގެއްލުމުން އަމިއްލައަށް ސަލާމަތްވުމަށްޓަކައި ވަޅިއަކުން އަމިއްލަ ފައި ބުރިކޮށްލި ޔޫކްރޭނުގެ ސިފައިންގެ މީހަކު، ތާރީޚުގައި މުޅިން އަލަށް ހިންގި ޚާއްޞަ ޑްރޯން ރެސްކިއު އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފިއެވެ.
އުމުރުން 49 އަހަރުގެ ކޮންސްޓަންޓީން ވްލަސެންކޯއަކީ ޔޫކްރޭނުގެ 30 ވަނަ މެކަނައިޒްޑް ބްރިގޭޑަށް ނިސްބަތްވާ އިމްޕެންޓްރީ ސިފައިންގެ މީހެކެވެ. އޭނާ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ސަރަހައްދު ކަމަށްވާ ޚާރްކީވްގެ ކުރީގެ ސަފަށް ފޮނުވާލެވުނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އޭނާއާއެކު "ބާސްކީ" ގެ ނަމުން ނަންދެވިފައިވާ އޭނާގެ އެކުވެރި ސިފައިންގެ މީހަކުވެސް ކުޑަކުޑަ ބިންގަރާހެއްގައި ދިރިއުޅެމުންދިޔައެވެ.
މި ދެ މީހުން ތިބި ސަރަހައްދަކީ ޑްރޯންތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ސަރަހައްދަކަށްވާތީ، އެ މީހުންނަށް ކާބޯތަކެއްޗާއި، އަންނައުނާއި، ކެއުމުގެ ބާވަތްތަކުގެ އިތުރުން ވްލަސެންކޯގެ އުފަންދުވަހު ސިގަރޭޓާއި ޗޮކްލެޓް ފަދަ ތަކެތި ފޯރުކޮށްދެމުންދިޔައީވެސް ޑްރޯންތަކުން ވައްޓާލައިގެންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެ މީހުން ބަދަލުކުރުމަށްޓަކައި ފޮނުވި ދެ ސިފައިންގެ މީހުން ރަޝިޔާގެ ހަމަލާތަކުގައި މަރުވިއެވެ. އަދި އެ މީހުންގެ ހަށިގަނޑު ނަގަން ދިޔަ އިތުރު ދެ ސިފައިންގެ މީހުންވެސް މަރުވުމާ ގުޅިގެން، އެ ސަރަހައްދުން އެއްގަމު މަގުން އެއްވެސް މީހަކަށް ސަލާމަތުން ނުކުމެވޭނެކަމުގެ އުންމީދު ގެއްލުނެވެ.
Ads by BML
އެ ދެ މީހުން ބިންގަރާހުގައި 10 މަސްދުވަސް ހޭދަކުރިފަހުން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބިންގަރާހުގައި ފެންބޮޑުވުމުގެ ސަބަބުން، ހަލާކުވެފައިވާ ސްކޫލް އިމާރާތަކަށް ބަދަލުވާންޖެހުނެވެ. އެ އިމާރާތަށް ބަދަލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޑްރޯނަކުން ވައްޓާލި ސާމާނު ނަގަން ނުކުތް ވަގުތު ރަޝިޔާގެ ސުޕަވައިޒަރީ ޑްރޯނަކަށް އެ މީހުން ފެނުނެވެ. އެއާއެކު ދިން ޑްރޯން ހަމަލާއެއްގައި، ބާސްކީ އޭނާގެ 50 ވަނަ އުފަންދުވަހު މަރުވިއިރު، ވްލަސެންކޯގެ ވާތްފައި ވަނީ ހަމަލާގައި ވަކިވެގެން ގޮސްފައެވެ. އަދި ވެއްޓުނު ގޮތުން އޭނާގެ ކަނާތްފައިގެ ކަށިގަނޑު ބޭރަށް ނުކުމެ ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ.
ޒަޚަމްވި ވްލަސެންކޯ ސަލާމަތްވުމަށްޓަކައި ވާގިނެތިފައިވާ ހާލުގައި ކާއްތެމުން ގޮސް ވަނީ ސްކޫލުގެ ބޮއިލަރުގެ ދަށުގައިވާ 80 ސެންޓިމީޓަރު ބައި 60 ސެންޓިމީޓަރުގެ ކުޑަކުޑަ ވަޅުގަނޑެއްގެ ތެރެއަށެވެ. އެ ވަޅުގަނޑުގެ ތެރޭގައި އޮއްވައި އޭނާގެ ވާތްފައި ކުނިވާން ފެށިއެވެ. އަދި ކަނާތްފައިގެ ކަށިގަނޑު ބޭރަށް ނުކުމެ، ހަރަކާތްކުރަން އުނދަގޫވުމުގެ ސަބަބުން، ތިން މަސްދުވަހުގެ ނުހަނު ވޭންދެނިވި ހާލަތަކަށްފަހު، ހިއްވަރުކޮށްފައި ވަޅިއަކުން އަމިއްލައަށް ކަނާތްފައިގެ ބާކީބައި ބުރިކޮށްލިއެވެ. އަދި ލޭމަނާކުރުމަށްޓަކައި ޓޯނިކޭޓެއް އެޅިއެވެ.
ވްލަސެންކޯ އެ ކުޑަކުޑަ ވަޅުގަނޑުގެ ތެރޭގައި އެކަނިމާއެކަނި އަށް މަސްދުވަސް ހޭދަކުރިއެވެ. އޭނާ ސަލާމަތްކުރުމަށްޓަކައި ޔޫކްރޭނު އަސްކަރިއްޔާއިން އެއްގަމު އުޅަނދުފަހަރު (އަންމޭންޑް ގްރައުންޑް ވެހިކަލް) ބޭނުންކޮށްގެން ކުރި ދެ މަސައްކަތްވެސް ރަޝިޔާގެ ޑްރޯން ހަމަލާތަކުގައި އެ އުޅަނދުތައް ހަލާކުވުމުގެ ސަބަބުން ނާކާމިޔާބުވިއެވެ. އެއާއެކު އޭނާ ސަލާމަތުން ދިރިހުއްޓާ އެ ވަޅުގަނޑުން ނުކުމެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ނިންމައި، އަމިއްލަ ނަފްސު ވަޅުލެވިއްޖެކަމަށް އޭނާ ޤަބޫލުކުރިއެވެ.
ނަމަވެސް ޔޫކްރޭނުގެ 30 ވަނަ ބްރިގޭޑާއި 92 ވަނަ އެސޯލްޓް ބްރިގޭޑްގެ ކޮމާންޑަރުން ދިޔައީ އޭނާ ސަލާމަތްކުރާނެ އާ ގޮތްތަކެއް ހޯދަމުންނެވެ. މިގޮތުން "ގުރްޒުފް ޑިފެންސް" ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި "އަޔުދާގް-6" ނަމަކަށް ކިޔާ 6 އިންޖީނުލީ ހެވީ-ލިފްޓް ޑްރޯނެއް ބޭނުންކުރުމަށް ނިންމިއެވެ. މި ޑްރޯނަކީ 90 ކިލޯގްރާމްގެ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ، އަދި 25 ކިލޯމީޓަރަށް ދަތުރުކުރެވޭ އުޅަނދެކެވެ. ހަނގުރާމައިގެ ތެރޭގައި ބަރުދަން 70 ކިލޯގްރާމަށް ލުއިވެފައިވާ ވްލަސެންކޯ އުފުލުމަށް މިއީ އެންމެ އެކަށީގެންވާ އުޅަނދުކަމުގައި ކޮމާންޑަރުން ނިންމިއެވެ.
އޮޕަރޭޝަން ފެށުމުގެ ކުރިން، ޑްރޯނެއްގެ އެހީގައި ވްލަސެންކޯ އޮތް ވަޅުގަނޑަށް އިވާކުއޭޝަން ހާނެސްއަކާއި، އިރުޝާދު އެކުލެވޭ ވީޑިއޯތައް ހުރި ފޯނެއް ވައްޓާލަދިނެވެ. އޭނާ ވަނީ އެ ވީޑިއޯތައް ބަލައި، ހާނެސް އަޅުވާނެ ގޮތް ދަސްކޮށް، އަމިއްލައަށް ސަލާމަތްވުމަށް ތައްޔާރުވެފައެވެ.
އޮކްޓޯބަރު 4 ވީ ދުވަހު، އަޔުދާގް-6 ޑްރޯން ވްލަސެންކޯ އޮތް ސަރަހައްދަށް ދިޔައެވެ. ވްލަސެންކޯ ވަނީ އޭނާގެ ހާނެސް، ޑްރޯނުގެ ކޭބަލްގައިވާ ކަރަބިނާގައި ގުޅުވާލާފައެވެ. އެއާއެކު ޑްރޯނުން އޭނާ 70 މީޓަރު (230 ފޫޓު) ގެ އުސްމިނަށް އުފުލައި، 15 ކިލޯމީޓަރު (9 މޭލު) ދުރަށް ދަތުރުކޮށް ރައްކާތެރި ސަރަހައްދަކަށް ގެންގޮސްދިނެވެ.
މި އޮޕަރޭޝަން ކުރިއަށްދިޔައިރު، ރަޝިޔާގެ ޑްރޯންތަކުގެ ސަމާލުކަން އަނބުރާލުމަށްޓަކައި ޔޫކްރޭނުން ވަނީ އިތުރު 3 ވެމްޕަޔަރ ޑްރޯން ބޭނުންކޮށްފައެވެ. އަދި 4 FPV ޑްރޯން ކުރޫއިންނާއި، އާޓިލަރީ އަދި ފިކްސްޑް-ވިންގް ޑްރޯންތައް ބޭނުންކޮށްގެން ދެ ގަޑިއިރު ވަންދެން ރަޝިޔާގެ މަގާމުތަކަށް ބޮމުގެ ހަމަލާތައް ދިނެވެ. މުޅި އޮޕަރޭޝަން ނިންމާލުމަށް ނެގީ 1 ގަޑިއިރާއި 14 މިނެޓެވެ.
ދަތުރުގެ ތެރޭގައި ވްލަސެންކޯ ބިރުގަތީ ޖަންގައްޔަކަށް ވެއްޓިދާނެތީއެއް ނޫނެވެ. އޭނާއަށް ފީނަން ނޭނގޭތީ، ފެންގަނޑަކަށް ވެއްޓިދާނެތީއެވެ. މިހާރު ޚާރްކީވްގެ ހޮސްޕިޓަލެއްގައި ފަރުވާހޯދަމުންދާ ވްލަސެންކޯ ބުނީ، މިއީ އޭނާގެ ހަޔާތުގައި ހިނގި ބޮޑު މުޢުޖިޒާތެއް ކަމަށާއި، ދިރިހުރުމުގެ އުންމީދު ކަނޑާލާފައިވަނިކޮށް ލިބުނު އާ ދިރުމެއް ކަމަށެވެ.
Ads by MACL
