ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ހެބްރޮންގައި ހުރި ފަލަސްތީނު ރައްޔިތުންގެ ގެތައް ސުންނާފަތިކުރަން ފަށައިފި

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ހެބްރޮންގައި ހުރި ފަލަސްތީނު ރައްޔިތުންގެ ގެތައް ސުންނާފަތިކުރަނީ --- ފޮޓޯ: އަނަޑޯލް
އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ހެބްރޮންގައި ހުރި ފަލަސްތީނު ރައްޔިތުންގެ ގެތައް ސުންނާފަތިކުރަނީ --- ފޮޓޯ: އަނަޑޯލް

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ހެބްރޮންގައި ހުރި ފަލަސްތީނު ރައްޔިތުންގެ ގެތައް ސުންނާފަތިކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. އިސްރާއީލް ސިފައިން މި ގެތައް ތަޅާލަމުން ދަނީ ޖަމާޢީ އަދަބެއްގެ ގޮތުގައެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ޗެކްޕޮއިންޓެއްގައި ދިން ހަމަލާއެއްގައި އިސްރާއީލްގެ ދެ ސިފައިން މަރުވެ، އިތުރު ހަ ސިފައިން ޒަޚަމްވި ހާދިސާއާ ގުޅިގެންނެވެ. އެ ހަމަލާ ދިން ފަލަސްތީނުގެ ދެ މީހުންވެސް ވަނީ އެ ސަރަހައްދުގައި ޝަހީދުކޮށްލާފައެވެ.

މި ހަމަލާއަށްފަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބަދަލުހިފުމުގެ ގޮތުން ހުޅަނގު އައްސޭރީގެ އެ ސިޓީ މުޅިން ސުންނާފަތިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.

އިސްރާއީލް ސިފައިން ފަލަސްތީނު މީހުންގެ ގެތައް ސުންނާފަތިކުރުމުގެ މަސައްކަތް ފަށާފައިވަނީ އިދާރީ ނުވަތަ ޤާނޫނީ އެއްވެސް އިސްތިއުނާފެއްގެ ފުރުސަތު ދިނުމަކާ ނުލައެވެ.

ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި ޖަމާޢީ އަދަބު ދިނުމުގެ ގޮތުން އިސްރާއީލުން ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އާންމު ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.