ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އުރުދުންގެ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ދިން ބަޑީގެ ހަމަލާއެއްގައި 7 މީހަކު މަރުވެ 40 މީހުން ޒަޚަމްވެއްޖެ

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގާ --- ފޮޓޯ: ރޮއިޓާސް
މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގާ --- ފޮޓޯ: ރޮއިޓާސް

އުރުދުންގެ ދެކުނުގައިވާ ކަރަކް ގަވަރނޮރޭޓްގެ ހައްމޫދު އަވަށުގައި ހުންނަ ގްރީކް އޯތޮޑޮކްސް ފައްޅިއެއްގައި ބާއްވަމުންދިޔަ ޖަނާޒާއަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދިން ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން ހަތް މީހުން މަރުވެ، 40 މީހުން ޒަޚަމްވެއްޖެއެވެ.

ހަމަލާދިން މީހުން ކާރެއްގައި އައިސް ފައްޅި ކައިރިއަށް ހުއްޓުމަށްފަހު، ފަސް މިނެޓު ވަންދެން މެދުކެނޑުމެއްނެތި ބަޑިޖެހުމަށްފަހު ފިލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ހަމަލާދިން ވަގުތު ފައްޅީގެ އެތެރެއާއި ބޭރުގައި 150 އާއި 200 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި އިރު، އަނިޔާވި ގިނަ މީހުންނަކީ އުމުރުން 50 އާއި 70 އަހަރާ ދެމެދުގެ މީހުންނެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ޙާލު ސީރިއަސް ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު އިބްރާހީމް އަލްބުދޫރު ވަނީ ބުނެފައެވެ.

ސެކިއުރިޓީ ކެމެރާގެ ފުޓޭޖުތަކުން ފެންނަ ގޮތުގައި ހަމަލާދިން މީހުންގެ ތެރެއިން ދެ މީހަކު ބޭނުންކުރީ ކުދި ބަޑިއެވެ. އަދި އަނެއް މީހާގެ އަތުގައި ރައިފްލެއް އޮތް އިރު، އޭނާ ހުރީ މޫނު ނިވާކޮށްގެންނެވެ. ޖަނާޒާގައި ބައިވެރިވި މީހަކު ބުނި ގޮތުގައި، ހަމަލާދޭން ފެށީ ޖަނާޒާ ފެށުނުތާ 15 މިނެޓު ފަހުންނެވެ. އެއާއެކު މީހުން ސަލާމަތްވާން ދުވާން ފެށި އިރު، ހަމަލާދިނުމުގައި ހަތަރު މީހުން ބައިވެރިވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނަ ބުނީ، ހަމަލާދިން މީހުންނަށް ދެވޭނީ އެންމެ ހަރުކަށި ރައްދު ކަމަށެވެ. އަދި ބަޑީގެ އުންޑަތަކުން އުރުދުންގެ ރައްޔިތުން ބައިބައިކޮށްލެވޭނެ ކަމަށް ހީކުރާ މީހުންނަށް، ރައްޔިތުންގެ އެކުވެރިކަމުގެ ކުރިމަތީގައި އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށްވެސް ބުންޏެވެ. ކޮންމެ އުރުދުން ރައްޔިތެއްގެ ފުރާނައަކީ އަގުހުރި އެއްޗެއް ކަމަށާއި، ޤައުމަށް ނުރައްކާކުރަން އުޅޭ ކޮންމެ ބަޔަކާ ދެކޮޅަށް ހަރުކަށިކަމާއެކު ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ރަސްގެފާނު ވަނީ ހޮސްޕިޓަލަށް ގޮސް ޒަޚަމްވި މީހުންގެ ޙާލު ބަލާފައެވެ.

ކަރަކްގައި ބޭއްވި ސެކިއުރިޓީ ބައްދަލުވުމެއްގައި ބޮޑުވަޒީރު ޖަޢުފަރު ޙަސަން ބުނީ، މި ހަމަލާއަކީ ނިރުބަވެރި ފިކުރާއި ކަނު އެކްސްޓްރީމިޒަމްގެ ނަތީޖާއެއް ކަމަށެވެ. އަދި ހަމަލާދިން މީހުންނަށް އަދަބުދީ، ހައްދުފަހަނައަޅައިދިއުން ފެތުރެން މަސައްކަތްކުރާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. ދާޚިލީ މިނިސްޓަރު މާޒިން އަލްފަރާޔާވެސް ވަނީ މިއީ ހައްދުފަހަނައަޅާފައިވާ ބަޔަކު ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.

މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އުރުދުންގެ ކަރަކްއަކީ ނިސްބަތުން ބޮޑު ކްރިސްޓިއަން އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. ހައްމޫދުގައި ހުންނަ މި ފައްޅިއަކީ އުރުދުންގެ އެންމެ ބޮޑު ކްރިސްޓިއަން ޖަމާއަތް ކަމަށްވާ ގްރީކް އޯތޮޑޮކްސް ފައްޅިއެކެވެ. އުރުދުންގައި ކްރިސްޓިއަނުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޤުދުސްގެ ޕެޓްރިއާކް ތިއޯފިލޯސް ތިންވަނަ ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ފިނޑި އަދި ނުބައި ޢަމަލެއް ކަމަށް ބުނެފައެވެ. އަދި މި ލޭއޮހޮރުމުގެ ސަބަބުން ކްރިސްޓިއަނުންނާއި މުސްލިމުންގެ މެދުގައި އޮތް ޤައުމީ އެއްބައިވަންތަކަން ގުޑުވައިނުލެވޭނެ ކަމަށް ބުންޏެވެ. އުރުދުންގެ ރާނީ ރާނިޔާވެސް ވަނީ މިއީ އެންމެންގެ ހިތްތަކަށް އަސަރުކުރުވި ނިރުބަވެރި ޖަރީމާއެއް ކަމަށް ސިފަކޮށް، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައެވެ. މި ހަމަލާ ސަޢޫދީ ޢަރަބިއްޔާއާއި އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް ވަނީ ކުށްވެރިކޮށްފައެވެ.