ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އާޖެންޓީނާގެ ރައީސް މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ ތުހުމަތުތަކުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ ތުހުމަތުތަކުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި އާއި އޭނާގެ ކޮއްކޮ ކަރީނާ މިލެއިގެ މައްޗަށް ކުރެވުނު ކްރިޕްޓޯކަރަންސީ މަކަރާއި ހީލަތުގެ ތުހުމަތުތަކުގައި ޖިނާއީ އެއްވެސް ކުށެއް އެކުލެވިގެން ނުވާ ކަމަށް ނިންމައި، އެ މައްސަލަ އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ފެޑަރަލް ފަނޑިޔާރު މާސެލޯ މާޓިނޭޒް ޑި ގިއޯގީ މި މައްސަލަ ބޭރުކޮށްލާފައިވަނީ ޕްރޮސެކިއުޓަރުންގެ އެދުމުގެ މަތިންނެވެ. ފަނޑިޔާރުގެ ނިންމެވުމުގައި ބަޔާންކުރެއްވީ، ހުށަހެޅިފައިވާ ކަންކަމަކީ ގާނޫނީ ގޮތުން ޖިނާއީ ކުށެއްގެ ދާއިރާއަށް ފެތޭ ކަންތައްތަކެއް ނޫން ކަމަށާއި އަދި ގަސްދުގައި ހިންގާފައިވާ އޮޅުވާލުމެއް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފެށިގެން ދިޔައީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު "ލިބްރާ ކޮއިން" ނަމަކަށް ކިޔާ ކްރިޕްޓޯކަރަންސީއަކާ ގުޅޭގޮތުން ރައީސް މިލެއި ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެ ކޮއިންގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެ ކަމަށް ބުނެ، ކޮއިން ގަންނާނެ ލިންކެއް ހިއްސާކުރުމުން އޭގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.

ނަމަވެސް އެ ޕޯސްޓް ކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ފޮހެލުމާ ގުޅިގެން ކޮއިންގެ އަގު ކުއްލިއަކަށް ވެއްޓި، އޭގައި އިންވެސްޓްކުރި ގިނަ ބަޔަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވިއެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ މިއީ ރޭވުންތެރިކަމާއެކު ހިންގި އޮޅުވާލުމެއް ކަމަށް ތުހުމަތުކޮށް، މިލެއި މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް މިލެއި ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ އިޝްތިހާރުކުރުމެއް ނޫން ކަމަށާއި ހަމައެކަނި މައުލޫމާތު ހިއްސާކުރުމެއް ކަމަށް ބުނެފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިލެއި ބުނީ އޭނާ އަމަލުކުރީ ހެޔޮ ނިޔަތުގައި ކަމަށާއި، ޕޯސްޓް ފޮހެލީ އެ މަޝްރޫއުގެ އިތުރު ތަފްސީލު އެނގުމުން އެކަން ކުރިއަށްގެންދަން ބޭނުން ނުވުމުން ކަމަށެވެ. އަދި ކްރިޕްޓޯއަށް އިންވެސްޓްކުރި މީހުން އެކަން ކުރީ އޭގައި ހުރި ނުރައްކާތައް އެނގިތިބެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް ބުންޏެވެ.

އާޖެންޓީނާގެ ރައީސް އޮފީހުން ބުނެފައިވަނީ ލިބްރާ ކޮއިން އުފެއްދުމުގައި ރައީސްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ރައީސްގެ އަމަލުތައް ހުރިގޮތް ބެލުމަށް އެންޓި ކޮރަޕްޝަން އޮފީހަށް ހުށަހަޅާފައިވާއިރު، މައްސަލަ ބޭރުކޮށްލި ނިންމުމާ ގުޅިގެން މިލެއި އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.