ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔޫކްރޭނުގައި ކުދިން އުފަންވާ މިންވަރު އިންތިހާއަށް ދަށަށް ހިނގައްޖެ

ޔޫކްރޭނުގައި ކުދިން އުފަންވާ މިންވަރު އިންތިހާއަށް ދަށަށް ހިނގައްޖެ

ޔޫކްރޭނުގައި ކުދިން އުފަންވާ މިންވަރު އިންތިހާއަށް ދަށަށް ހިނގައްޖެކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޔޫކްރޭނުގައި އުފަންވެފައިވަނީ އެންމެ 73،000 ކުދިން ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 އިންސައްތައިގެ ދެރަވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު އެ ގައުމަށް ކުރިމަތިވެފައިވާ އާބާދީގެ ބޮޑު ދަތިކަން ނުވަތަ ޑެމޮގްރަފިކް ކްރައިސިސް އިތުރަށް ވަނީ ގޯސްވެފައެވެ.

ޔޫކްރޭނުގެ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް ޑިމޯގްރަފީގެ އިސް މާހިރެއް ކަމަށްވާ ދިމީތުރީ ޝުޝްޕަނޯވް ވިދާޅުވީ، ހަ މަސްދުވަހުގެ ތެރޭގައި އުފަންވި ކުދިންގެ އަދަދަކީ ވަރަށް ދެރަ އަދި ކަންބޮޑުވާންޖެހޭ އަދަދެއް ކަމަށެވެ. އަދި މިއީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންހެނުން ސިފައިންގެ ޚިދުމަތަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޝުޝްޕަނޯވް ވަނީ، އަންހެނުން އަސްކަރީ ޚިދުމަތަށް ނެރުމަކީ ޔޫކްރޭނުގެ އާބާދީގެ ވަސީލަތްތައް އިތުރަށް ހުސްވެ، ގައުމުގެ އާބާދީ އިތުރުކުރުމަށް އޮތް ފުރުސަތުތައް މުޅިން ހަނިވެގެންދާނެ ކަމެއް ކަމަށް އިންޒާރު ދެއްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ގައުމު ދޫކޮށް ގޮސްފައިވުމާއި، މަރުވާ މީހުންގެ އަދަދު އުފަންވާ މީހުންނަށްވުރެ އިތުރުވުމުގެ ސަބަބުން ޔޫކްރޭނުގެ އާބާދީ ވަނީ މީގެ ކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ކުޑަވެފައެވެ. މައުލޫމާތު ލިބޭގޮތުގައި އެ ގައުމުގެ އާބާދީ މިހާރު ވަނީ 28.5 މިލިއަނަށްވުރެ ދަށަށް ވެއްޓިފައެވެ.

ޔޫކްރޭނާއި ހުޅަނގުގެ މަދަދުގާރުން އަސްކަރީ މޮބިލައިޒޭޝަނަށާއި ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރުވަމުންދާއިރު، ޔޫކްރޭނަށް މިހާރު ކުރިމަތިވަމުންދަނީ ބޭރުގެ އެއްވެސް އެހީގެ ޕެކޭޖަކުން ނުވަތަ ސީއައިއޭގެ އޮޕަރޭޝަނަކުންވެސް އަނބުރާ ހޯދައިނުދެވޭނެ ފަދަ އިންސާނީ ވަސީލަތްތަކުގެ ތަދުމަޑުކަމެކެވެ.