ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މައްކާއާއި މަދީނާއަށް ހޫޘީން ދޭ ހަމަލާތައް އިމާމު ސުދައިސް ކުށްވެރިކުރައްވައިފި

މައްކާއާއި މަދީނާއަށް ހޫޘީން ދޭ ހަމަލާތައް އިމާމު ސުދައިސް ކުށްވެރިކުރައްވައިފި

ޔަމަނުގެ ހޫޘީ މިލީޝިއާއިން ސައޫދީ އަރަބިއްޔާގެ މައްކާއާއި މަދީނާއަށް އަމާޒުކޮށްގެން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް، ހަރަމައިނިޝް ޝަރީފައިނުގެ އިމާމު ޝައިޚް އަބްދުއްރަޙްމާން އަލް-ސުދައިސް ވަރަށް ވަރުގަދައަށް ކުށްވެރިކުރައްވައިފިއެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމްފުޅުގެ ރައްކާތެރިކަމަކީ ހުރަސްއެޅިގެންނުވާނެ "ރަތް ރޮނގެއް" ކަމަށް ވިދާޅުވެ، އަލް-ސުދައިސް އިންޒާރު ކުރެއްވިއެވެ. ސައޫދީ ނޫސް އެޖެންސީ މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި އިމާމު ވިދާޅުވީ، ހޫޘީންގެ މި ނުބައި އަމަލުތަކުން ހާމަވަނީ މުސްލިމުންނާއި އެމީހުންގެ މުގައްދަސް ބިމަށް އޮތް ނުބައި ނިޔަތާއި އެ މިލީޝިއާގެ "ޖަރީމާކާރީ އުސޫލު" ކަމަށެވެ. އަދި މިއީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ އިންސާނީ ނިއުމަތްތަކާ ސަރީހަކޮށް ހިލާފު އަމަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކުށްވެރިކުރުން އައިސްފައިވަނީ މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ހޮނިހިރު ދުވަހު ސައޫދީގެ ދިފާއީ ބާރުތަކުން ނައްތާލުމާ ގުޅިގެންނެވެ. ސައޫދީ ސިވިލް ޑިފެންސުން މަޢުލޫމާތު ދޭ ގޮތުގައި، ވައިގެ ތެރޭގައި މިސައިލްތައް ގޮއްވާލުމުގެ ސަބަބުން ވެއްޓުނު އެތިކޮޅުތައް މައްކާގެ ވާދީ އަލް-މުޣައްމަސް، ޖިއްދާގެ އަލް-ނުޒްހާ، ތާއިފްގެ ވާދީ ޖަލީލް އަދި ރާބިޣްގެ މަސްތޫރާ ސެންޓަރު ހިމެނޭ ސަރަހައްދުތަކަށް ވަނީ ވެއްޓިފައެވެ.

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައިވެސް ސައޫދީގެ ދިފާއީ ނިޒާމު އޮތީ މަތީ އެލާޓުގައެވެ. ރިޔާޟް ސަރަހައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ޑްރޯންގެ ތެރެއިން އެކަތި ދެކޮޅަށް 1:00 ޖެހިއިރު އަދި ދެވަނަ ޑްރޯން ފަތިހު 5:00 އެހާކަންހާއިރު ވައިގެ ތެރެއަށް ގޮއްވާލައި ނައްތާލެވުނު ކަމަށް ސައޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވިއެވެ.

ހެނދުނު 6:00 ގެ ކުޑައިރުކޮޅެއް ފަހުން ރިޔާޟްގައި ސިވިލް ޑިފެންސްގެ ނުރައްކަލުގެ އެލާމް އަޅައި، ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުމަށްފަހު، ރިޔާޟް ސިޓީއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއްވެސް ވައިގެ ތެރޭގައި ނައްތާލާފައިވާ ކަމަށް އަލް-މާލިކީ 'އެކްސް' ގައި ހާމަކުރެއްވިއެވެ. މީގެއިތުރުން ޚަމީސް މުޝައިތަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއްވެސް ވަނީ ވައިގެ ތެރޭގައި ހުއްޓުވައި ނައްތާލާފައެވެ.

މި ހަމަލާތަކަކީ ހޮނިހިރު ދުވަހު ހޫޘީން ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ އިތުރުވުމެކެވެ. ހޮނިހިރު ދުވަހުވެސް ތާއިފާއި ޔަންބޫއަށް އަމާޒުކޮށް ފޮނުވި ދެ ބެލިސްޓިކް މިސައިލާއި، ރިޔާޟަށް އަމާޒުވި މިސައިލެއްގެ އިތުރުން އިރުމަތީ ސަރަހައްދަށް އަމާޒުކުރި ޑްރޯނެއް ސައޫދީ ވައިގެ ދިފާއީ ބާރުތަކުން ވަނީ ވައްޓާލާފައެވެ.

މި ހަމަލާތައް ކުރިމަތިވި ނަމަވެސް، އޮކްޓޯބަރު 10 ގައި ހޫޘީން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް، ދެ ހަފުތާގެ ބަންދަކަށްފަހު އާދީއްތަ ދުވަހު ވަނީ ބައެއް ޚިދުމަތްތަކާއެކު އަލުން ހުޅުވާލާފައެވެ. އެއާޕޯޓުގެ އޮފިޝަލުން މަޢުލޫމާތު ދެއްވި ގޮތުގައި ޓާމިނަލް 1 އެތެރޭގެ އުދުހުންތަކަށް އަދި ޓާމިނަލް 2 ބައިނަލްއަގުވާމީ ދަތުރުތަކަށް ވަނީ ހުޅުވާލާފައެވެ.

އިމާމު ޝައިޚް އަލް-ސުދައިސް ވަނީ ސައޫދީ އަރަބިއްޔާގެ ދިފާއީ ބާރުތަކުގެ ތައްޔާރީތަކަށް ތައުރީފު ކުރައްވައި، މިފަދަ ހަމަލާތަކުގެ ސަބަބުން ސައޫދީގެ ހަމަޖެހުމަށް ބުރޫނޭރުވޭނެ ކަމަށާއި، މިއީ ގައުމުގެ ވެރިންނާއި އަސްކަރިއްޔާއިން މުގައްދަސް ބިންތަކާއި އަޅުކަންކުރާ މީހުން ހިމާޔަތްކުރުމަށް އޮތް އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.