މިޑްޓާމް އިންތިޚާބާ ދިމާކޮށް އޮބާމާ ޓްރަމްޕަށާއި އޭނާގެ ސަރުކާރަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދީފި
އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ކަނޑައަޅާ މިޑްޓާމް އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ކުރީގެ ރައީސް ބަރާކް އޮބާމާ ކެމްޕޭން ފްލޯރަށް ނުކުމެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަނަށާއި، ޚާރިޖީ ސިޔާސަތުތަކަށް އަދި ވައިޓް ހައުސްއަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޓްރަމްޕް ވަނީ މިއިންތިޚާބަކީ އޭނާގެ ނަން ވޯޓު ކާޑުގައި އޮތް ކަމަށް ބަލައިގެން ވޯޓުދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. އަދި އޮބާމާ ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި އެއްވުންތަކުގައި ވާހަކަދައްކަމުން ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތުކުރިއެވެ.
އޮހާިއޯގެ ކްލީވްލޭންޑާއި މިޝިގަންގެ ޑިޓްރޮއިޓްގައި ބޭއްވި ބޮޑެތި ކެމްޕޭން ރެލީތަކުގައި އޮބާމާ ވާހަކަދައްކަމުން ބުނީ، އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ޓްރަމްޕްގެ ވެރިކަމުގެ "މޮޔަކަންކަން" ހުއްޓުވައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރާ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައްޔިދު އަދި ގަވަރުނަރު ކަމަށް ވާދަކުރާ ޖޯސްލިން ބެންސަންއަށް ތާއީދު ހޯދުމަށް ބޭއްވި އެއްވުމުގައި އޮބާމާ ބުނީ، ޓްރަމްޕްގެ ވެރިކަމަކީ ރައްޔިތުންގެ ފައިސާއިން ސީދާ ވައްކަންކުރުމާއި ފައިދާ ނެގުމުގައި ކުރިއަރާފައިވާ، އަދި ނުފޫޒު ވިއްކުމަށް އިސްކަންދޭ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ. މީގެއިތުރުން އޮހާިއޯގައި އޭނާ ވަނީ ސެނެޓް ގޮނޑިއަށް ވާދަކުރާ ޝެރޮޑް ބްރައުން އަދި ގަވަރުނަރު ކަމަށް ވާދަކުރާ އެމީ އެކްޓަންއަށްވެސް ތާއީދުކޮށް ވާހަކަދައްކާފައެވެ.
Ads by BMLއޮގަސްޓް މަހު ނެރުނު ރޮއިޓާސް/އިޕްސޯސް ޚިޔާލު ހޯދުމުގެ ވޯޓަކަށް އިޝާރާތްކޮށް ބުނެފައިވަނީ، އެމެރިކާގެ 63 އިންސައްތަ މީހުން ޓްރަމްޕާއި އޭނާގެ ޢާއިލާއިން ކްރިޕްޓޯކޮރަންސީގެ ޒަރީޢާއިން ނާޖާއިޒު ފައިދާ ނަގާކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި 69 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ ސިޔާސީ ނިންމުންތަކަށް އޭނާގެ އަމިއްލަ ވިޔަފާރިތަކުގެ ނުފޫޒު ފޯރައެވެ. މީގެއިތުރުން، އެލް-ސައްޔިދުގެ ދީނާއި ނަމަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ދޭ ޙަމަލާތަކަށް ރައްދުދެމުން އޮބާމާ ބުނީ، މިއީ ކުރިންވެސް އޭނާއާ ދެކޮޅަށް ބޭނުންކުރި އުކުޅެއް ކަމަށާއި، ނަމަވެސް އެފަދަ ކަންކަމުން އެލް-ސައްޔިދު ބަލިނުކުރެވޭނެ ކަމަށެވެ.
އީރާނާއެކު ހިނގަމުންދާ މަޝްރަޙަށް އަލިއަޅުވާލައި އޮބާމާ ބުނީ، އީރާނުގެ މައްޗަށް ކާމިޔާބު ހޯދިފައިވާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނާ ބުނުމަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. ހޯރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް އީރާނުން ދޭ އިންޒާރުތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމުގެ ބާރު އީރާނަށް ލިބިފައިވާ ކަމަށް އޮބާމާ ފާހަގަކުރިއެވެ. އަދި އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތަށް ފާޑުކިޔަމުން އޮބާމާ ބުނީ، އޭނާއަކީ ޤައުމީ ދިފާޢީ މުހިންމު ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސިފައިންގެ ކޯތާފަޅިއާއި "ޓެސްޓޮސްޓެރޯން" ލެވެލް ފަދަ ކަންކަމަށް މާބޮޑަށް ސަމާލުކަންދޭ މީހެއް ކަމަށެވެ.
ވައިޓް ހައުސްއަށް ޓްރަމްޕް ގެންނަމުންދާ ބަދަލުތަކަށް މަލާމާތްކުރަމުން އޮބާމާ ބުނީ، ވައިޓް ހައުސްގައި ރަންކުލަ ގިނަކޮށްގެން އުޅޭ ގޮތުން ސައްދާމް ހުސައިން "ޗީޒްކޭކް ފެކްޓްރީ" އެއް ހުޅުވައިގެން އުޅޭހެން ޙީވާ ކަމަށެވެ. އޮބާމާ ވަނީ ވައިޓް ހައުސްގެ ރޯޒް ގާޑަން ކޮންކްރީޓްކުރުމާއި، ސައުތު ލޯންގައި ހެލިކޮޕްޓަރު ޕެޑެއް ހެދުމާއި، ބޮޑު ބޯލްރޫމެއް ބިނާކުރުން ފަދަ ކަންކަމަށް ފާޑުކިޔާފައެވެ.
Ads by MACL
