ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރިޔާޟް އެއާޕޯޓް އަލުން ހުޅުވިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ހޫޘީން އަލުން ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފި

ރިޔާޝް އެއާޕޯޓަށް ޙޫޘީން ދަނީ ހަމަލާތައް ދެމުން ---
ރިޔާޝް އެއާޕޯޓަށް ޙޫޘީން ދަނީ ހަމަލާތައް ދެމުން ---

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތް އަލުން ފެށިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، ޔަމަނުގެ އަންޞާރުﷲ (ހޫޘީ) ޙަރަކާތުން އެ އެއާޕޯޓަށް އަނެއްކާވެސް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފިއެވެ.

އާދީއްތަ ދުވަހު ދިން މި ޙަމަލާއަކީ ކުރިން ދިން ޙަމަލާއަކަށްފަހު އެއާޕޯޓުގެ ޓާމިނަލްތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަމާޒުކުރި ޙަމަލާއެކެވެ.

ހޫޘީންގެ ޢަސްކަރީ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އެޖަމާޢަތުގެ ފައުޖުތަކުން ވަނީ ޢަސްކަރީ ތިން އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި ރިޔާޟް އެއާޕޯޓުގެ އިތުރުން ސަޢޫދީގެ އެކި ނިޝާންތަކަށް ބޮޑެތި ޙަމަލާތަކެއް ދީފައިވާ ކަމަށް އެޖަމާޢަތުން ބުނެއެވެ.

މީގެއިތުރުން ސަޢޫދީ ޢަރަބިއްޔާގެ ދެކުނުހުޅަނގުގައިވާ ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު އެއާ ބޭސްގެ ޢަސްކަރީ ވަޞީލަތްތަކަށްވެސް ޙަމަލާދީފައިވާ ކަމަށް ހޫޘީން ދަޢުވާކުރެއެވެ. އެގޮތުން މަތިންދާބޯޓު ބާއްވާ ހެންގަރުތަކަށާއި، އަމޫނިޝަން ޑެޕޯތަކަށާއި، ޑްރޯން ކޮންޓްރޯލް ކުރާ މަރުކަޒުތަކުގެ އިތުރުން އެހެނިހެން ޢަސްކަރީ ވަޞީލަތްތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާ ކަމަށް އެޖަމާޢަތުން ބުނެފައިވެއެވެ.

މި ޙަމަލާތަކާ ގުޅިގެން ސަޢޫދީން އިސްނަގައިގެން އުފައްދާފައިވާ ޢަސްކަރީ ކޯލިޝަނުން ބުނީ ރިޔާޟަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލަކާއި ޑްރޯންތަކެއް ސަޢޫދީ ވައިގެ ދިފާޢީ ބާރުތަކުން ވައްޓާލާފައިވާ ކަމަށެވެ. އަދި ޚަމީސް މުޝައިތަށް އަމާޒުކުރި ކްރޫޒް މިސައިލެއްވެސް ދިފާޢީ ބާރުތަކުން ނައްތާލާފައިވާ ކަމަށް ކޯލިޝަނުން ހާމަކުރެއެވެ.

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު އާދީއްތަ ދުވަހު އަލުން ހުޅުވާފައިވަނީ މި މަހުގެ ކުރީކޮޅު ދިން ޙަމަލާތަކެއްގައި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން މަރުވުމާ ގުޅިގެން ޚިދުމަތް މެދުކަނޑާލުމަށްފަހުއެވެ.

ހޫޘީން ވަނީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެއާލައިންތަކަށާއި ދަތުރުވެރިންނަށް ސަޢޫދީގެ އެއާޕޯޓުތައް ބޭނުންނުކުރުމަށް އަލުން އިންޒާރުދީ، އެ އެއާޕޯޓުތަކަކީ އެޖަމާޢަތުގެ ޢަސްކަރީ އަމާޒުތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް ބުނެފައެވެ.