ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހާލުގައިޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައިޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީތެރިކަން ފޯރުކޮށްދީފި

އެމެރިކާއިން އީރާނުގެ އުޅަނދުފަހަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހާލުގައިޖެހުނު އީރާނުގެ 19 ވިޔަފާރި އުޅަނދެއްގައި ތިބި 40 ފަޅުވެރިއަކު ސްރީ ލަންކާއިން ސަލާމަތްކޮށް، އެ މީހުން އެނބުރި ގައުމަށް ފޮނުވާލުމުގެ ކަންކަން ލަންކާ ސަރުކާރުން ވިލަރެސްކޮށްދީފިއެވެ.

ލަންކާގެ ހާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކޮލަމްބޯއާ ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައި އޮތް ގޯލް ބަނދަރަށް މިއިން ކޮންމެ ފަޅުވެރިއަކު ބޭލީ އީރާނު އެމްބަސީގެ އެދުމުގެ މަތިން، ސިއްހީ ކުއްލި ހާލަތްތަކަކަށް ފަރުވާ ދިނުމުގެ ގޮތުންނެވެ. އެގޮތުން އެ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ދިނުމަށްފަހު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ އެނބުރި އީރާނަށް ފޮނުވާލާފައެވެ.

މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބުގެ އިތުރު ތަފްސީލެއް ލަންކާ ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، ޚަބަރުތައް ބުނާ ގޮތުގައި މި ފަޅުވެރިން ތިބީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ތެޔޮ ޓޭންކަރުތަކެއްގައެވެ.

މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ ކަނޑުމަތީގެ ފަޅުވެރިންނަށް ލަންކާއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރެވެ. މިދިޔަ މާޗު މަހު އެމެރިކާގެ ސަބްމެރިންއަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައި އީރާނުގެ މަނަވަރެއް އަޑިއަށް ދިޔަ ހާދިސާއަށްފަހު، ލަންކާއިން ވަނީ ވިދިވިދިގެން އީރާނުގެ އެކި އުޅަނދުފަހަރުގައި ތިބި 200 އަށްވުރެ ގިނަ ފަޅުވެރިން ގައުމަށް އެނބުރި ދިއުމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައެވެ.