ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޯމިނޭޓްވެއްޖެ
ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވޭ 33 ވަނަ ވޯލްޑް ޓްރެވަލް އެވާޑްސްގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޯމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި ވީއައިއޭ އިން މިއަހަރު ވާދަކުރަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑް (ދުނިޔޭގެ ލީޑިން އެއާޕޯޓް 2026) ގެ އިތުރުން ކަސްޓަމަރުންގެ ތަޖުރިބާއަށް އެންމެ ރަނގަޅު އެއާޕޯޓުގެ އެވާޑް (ދުނިޔޭގެ ލީޑިން އެއާޕޯޓް - ކަސްޓަމަރުންގެ ތަޖުރިބާ 2026) އަށެވެ.
ކަސްޓަމަރުންގެ ތަޖުރިބާގެ ކެޓަގަރީން ރާއްޖޭގެ މައި އެއާޕޯޓާ ވާދަކުރާ ދުނިޔޭގެ މަޝްހޫރު އެއާޕޯޓުތަކުގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ތުރުކީގެ އިސްތަންބޫލް އެއާޕޯޓާއި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.
Ads by BMLމި ނޯމިނޭޝަންތައް ވީއައިއޭއަށް ލިބިފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެވާޑްސްގެ އިންޑިއަން އޯޝަން ގާލާ ނައިޓްގައި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ މަގާމު ވީއައިއޭއިން ކާމިޔާބުކޮށްފައި ވަނިކޮށެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑެތި އެވާޑްތަކަށް ވީއައިއޭ ނޯމިނޭޓްވުމަކީ، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި އެވާޑްތަކަށް ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރު 30 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އާންމުންނަށް ވޯލްޑް ޓްރެވަލް އެވާޑްސްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވޯޓު ދެވޭނެއެވެ.
Ads by MACL
