ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސަންޢާގައި ހުރި ހޫޘީންގެ މިސައިލް ލޯންޗަރުތަކެއް ކޯލިޝަނުން ހަލާކުކޮށްލައިފި

ސަންޢާގައި ހުރި ހޫޘީންގެ މިސައިލް ލޯންޗަރުތަކެއް ކޯލިޝަނުން ހަލާކުކޮށްލައިފި

ޔަމަނުގެ ވެރިރަށް ސަންޢާގައި ހުރި ހޫޘީ ޖަމާޢަތުގެ ބެލިސްޓިކް މިސައިލް ފޮނުވާ ދެ ލޯންޗަރެއް ހަލާކުކޮށްލާފައިވާ ކަމަށް، ސަޢޫދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ހާމަކޮށްފިއެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ހަލާކުކޮށްލި ލޯންޗަރުތަކުގެ ތެރެއިން އެއް ލޯންޗަރަކީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ރޭގަނޑުގެ ވަގުތެއްގައި އަމާޒުކޮށް ހަމަލާދިނުމަށް ބޭނުންކުރި ލޯންޗަރެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރިޔާޟްގެ ރައްޔިތުންނަށް "ވައިގެ ނުރައްކަލެއް" އުޅޭކަމުގެ އިންޒާރު ސިވިލް ޑިފެންސްގެ މޮބައިލް އެމެޖެންސީ ނިޒާމު މެދުވެރިކޮށް ފަތިހު 3:42 ހާއިރު ފޮނުވާފައިވަނިކޮށް، ސަޢޫދީގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ އެ މިސައިލް ވައިގެ ތެރޭގައި ހުއްޓުވައި ނައްތާލާފައެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ދަޢުވާކޮށްފައިވާ ގޮތުގައި، އެ ޖަމާޢަތުން ވަނީ ރިޔާޟްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބެލިސްޓިކް މިސައިލަކުން ހަމަލާދިނުމުގެ އިތުރުން ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަށް ޑްރޯން ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ.

ތަރުޖަމާނު އަލްމާލިކީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަޢޫދީގެ ވެރިރަށާއި ހުޅަނގުގެ ސަރަޙައްދުތަކުގެ އިތުރުން ދެކުނު ބޯޑަރު ސިޓީތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ޖަމާޢަތުގެ ބެލިސްޓިކް މިސައިލް ނެޓްވޯކް އެއްކޮށް ނައްތާލުމަށް ކޯލިޝަނުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.