ސައޫދީގެ ދިފާއުގައި މިސްރުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާލަމަންޓުން ހުއްދަދީފި
ޔަމަނުގެ ހޫތީ ޖަމާއަތުން ދެމުންދާ ހަމަލާތަކުން ސައޫދީ އަރަބިއްޔާ ސަލާމަތްކުރުމަށްޓަކައި އެ ގައުމަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިޚްތިޔާރު މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް-ސީސީ އަށް އެ ގައުމުގެ ޕާލަމަންޓުން ދީފިއެވެ.
މިސްރުގެ ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައޫދީގެ ސަރަހައްދީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައްެ އެޅުމުގެ ބާރު ރައީސް ސީސީ އަށް ދިނުމަށް ފާސްކުރީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުންނެވެ.
މި މުހިންމު ގަރާރު ފާސްކުރުމުގެ ކުރިން މިސްރުގެ ޕާލަމަންޓުގައި ސިއްރު ތިން ބައްދަލުވުމެއް ބޭއްވި އިރު، ވޯޓަށްެ އެހުން ދެ ފަހަރެއްގެ މަތިން ފަސްކުރި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
Ads by BMLރައީސް ސީސީ ވިދާޅުވި ގޮތުގައި މިސްރުން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމަކީ ސައޫދީ އަރަބިއްޔާގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ދެވޭ އެހީއެކެވެ. އަދި މިއީ ޔަމަނުގެ އެތެރޭގެ މަޝްރަހަށް ނުވަތަ އެ ގައުމަށް ހަމަލާދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރަބި ދުނިޔޭގައި އޮތް އެންމެ ބޮޑު އަސްކަރީ ބާރު ކަމަށްވާ މިސްރުން ސައޫދީއަށް ފޯރުކޮށްދޭނީ ސީދާ ކޮން ދާއިރާއެއްގެ ނުވަތަ ކޮން ކަހަލަ ދިފާއީ އެހީތެރިކަމެއް ކަމެއް އަދި ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ.
ސައޫދީ އަރަބިއްޔާއަކީ މިސްރުގެ މިހާރުގެ ސަރުކާރަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެއް ގައުމެވެ.
ރެޑް ސީ އާއި ބާބު އަލް-މަންދަބު ސަރަހައްދުގައި ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިސްރުގެ އިގްތިސާދަށް، ހާއްސަކޮށް ސުއޭޒް ކެނަލުން ލިބެމުންދިޔަ އާމްދަނީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
Ads by MACL
