އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ކުރި މަސައްކަތަށް އަސްކަރިއްޔާގެ ވެރިޔާ ދެކޮޅުހަދައިފި
އިސްރާއީލާއި އީރާނާ ދެމެދު ވަރުގަދަ ކުރިމަތިލުމަކަށް މަގުފަހިވެދާނެ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި މަސައްކަތްތަކަށް އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު ދެކޮޅު ހަދައިފިއެވެ.
އިސްރާއީލުގެ ޗެނަލް 12 އިން އޮކްޓޯބަރު 25 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަސްކަރީ އެ އަމުރަށް އަމަލުކުރުމަށް ޒާމިރު ދެކޮޅުހެދީ އެފަދަ ފިޔަވަޅެއްގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ، ފުޅާ ދާއިރާއެއްގައި ކުރިމަތިލުންތައް ފެށިދާނެ ކަމަށް ބަލައިފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޒާމިރު ވަނީ ސަލާމަތީ ގޮތުން އިތުރަށް މަޝްވަރާކުރުމަށާއި، އެކަމަށް ލިޔުމުން ހުއްދަ ދިނުމަށް ޑިމާންޑްކޮށްފައެވެ. އަދި އިސްރާއީލުގެ އިސް ޖެނެރަލުން ތުހުމަތުކުރާ ގޮތުގައި، ސިޔާސީ ލީޑަޝިޕުން އީރާނުގެ މައްސަލަ ބޭނުންކުރަން އުޅެނީ އަންނަ އިންތިޚާބުގައި ސިޔާސީ ފައިދާއެއް ހޯދުމަށެވެ.
Ads by BMLއިސްރާއީލުގެ ޗެނަލް 13 އިން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާދިނުމުގެ އެއްވެސް އޮޕަރޭޝަނަލް ބޭނުމެއް އޮތް ކަމަކަށް ޒާމިރު ނުދެކެއެވެ. އޭނާ ބުނެފައިވަނީ އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާދޭން ޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށާއި، ހަމަލާއެއް ދޭން ޖެހޭ ކަމަށް އަސްކަރިއްޔާއިން ނިންމައިފިނަމަ އެކަން ކުރާނެ ކަމަށެވެ.
ނަމަވެސް ނަތަންޔާހޫ ވަނީ މީޑިއާތަކުން ދައްކާ މި ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެފަދަ އެއްވެސް ޚިޔާލުތަފާތުވުމެއް ހިނގާފައި ނުވާ ކަމަށާއި، އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދަނީ އީރާނުން ކަމަށް ޚުދު ޒާމިރު ވެސް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އީރާނަށް ހަމަލާދީފިނަމަ އިންތިޚާބު ފަސްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޒާމިރު އެމެރިކާގެ ޖެނެރަލުންނަށް ވެސް ދީފައިވެއެވެ. އަދި އިންތިޚާބުގެ ކުރިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ނަތަންޔާހޫ ކުރި މަސައްކަތްތަކުގައި އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައިވެރިވުމަށް ވަނީ ދެކޮޅު ހަދައިފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލުގައި ބޮޑެތި ޝައްކުތަކެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނަތަންޔާހޫ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން މަސައްކަތްކުރަނީ އިންތިޚާބު ކާމިޔާބުކުރުމަށް ނުވަތަ އިންތިޚާބު ފަސްކޮށް ވެރިކަމުގައި ދެމިހުރުމަށެވެ. އަދި އިންޓަނެޓްގެ ބައެއް މަސްދަރުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ސައިޕްރަސްއަށް ފަހަކަށް އައިސް ގިނަ ފްލައިޓްތަކެއް ދަތުރުކޮށްފައިވަނީ ހަނގުރާމަ ފެށުމުގެ ކުރިން އިސްރާއީލުގެ އިސް ވެރިން އެ ގައުމުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް ކަމަށް ބެލެވެއެވެ.
Ads by MACL
