ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމަށް އީރާނުން ތާއީދުކޮށްފި

އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ---
އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ---

ސަޢޫދީ ޢަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުންނާއެކު ތެހެރާނުގައި ބޭއްވި މަޝްވަރާތަކުގައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި ސަރަޙައްދީ ސަލާމަތް ދެމެހެއްޓުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް އީރާނުން ތާއީދުކުރާނެ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި ޕެޒެޝްކިއާން ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދުގެ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، ރައްކާތެރިކަމުގެ އިތުރުން ތަރައްޤީ ކުރިއެރުވުމަށް އެކުލަވާލެވޭ ކޮންމެ އެއްބަސްވުމަކަށް އީރާނުން އެއްބާރުލުން ދޭނެއެވެ. އަދި ސަރަޙައްދުގެ ޤާބިލުކަން އެކުގައި ބޭނުންކޮށްގެން މައްސަލަތައް ޙައްލުކުރުމަށާއި، ގުޅުންތައް ފުޅާކުރުމަށް ތެހެރާނުން އަބަދުވެސް އޮތީ ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ތެހެރާނުގައި ބޭއްވި މި ހަތަރުފަރާތުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ސަޢޫދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އާޞިމް މުނީރު، އަދި ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލިން ހިމެނިވަޑައިގަންނަވައެވެ,. މީގެއިތުރުން އީރާނުގެ ފަރާތުން ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މެދުއިރުމަތީގެ މިހާރުގެ ޙާލަތަށާއި، ފަލަސްޠީނާއި ލުބުނާނުގެ މައްސަލަތަކުގެ އިތުރުން އިސްރާއީލުން ސަރަޙައްދުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށެވެ,. ބޭރުގެ ނުފޫޒުތަކަށް ބަރޯސާނުވެ، ސަރަޙައްދީ ޤައުމުތައް ގުޅިގެން ސަލާމަތާއި އަމަންއަމާންކަން ޤާއިމުކުރުމުގެ މުހިންމުކަމަށްވެސް މި ބައްދަލުވުމުގައި ވަނީ ބާރުއަޅާފައެވެ,.