އީރާނަށް ހަމަލާދިނުން މިޑްޓާމް އިންތިޚާބުގެ ފަހަތަށް ޓްރަމްޕް ފަސްކޮށްފި
އިސްރާއީލާއެކު އަސްކަރީ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނާ ދެކޮޅަށް އެއްވެސް ހަމަލާއެއް ނުދޭނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.
އިންތިޚާބުގެ ކުރިން އަސްކަރީ ފިޔަވަޅެއް ނޭޅި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އީރާނާ މެދު އަމަލުކުރެވިދާނެ އެކި އިޚްތިޔާރުތައް ޓްރަމްޕަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އާދައިގެ ހަމަލާތަކުން ފެށިގެން އެންމެ ބާރުގަދަ ނޮން-ނިއުކްލިއަރ ބޮން ނުވަތަ "މަދަރ އޮފް އޯލް ބޮމްބްސް" (އެމްއޯއޭބީ) ބޭނުންކުރުން ފަދަ ނުރައްކާތެރި ފިޔަވަޅުތައް ހިމެނެއެވެ.
މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ހާމަވެފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ތެލް އަވީވަށް ގޮސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރުމާ ގުޅިގެންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އިންތިޚާބުގެ ކުރިން އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު އެއްކޮށް ނައްތާލާފައެވެ.
Ads by BMLއީރާނާއެކު ކުރެވޭ ކުރިމަތިލުންތަކާ މެދު ވާހަކަދައްކަމުން ޓްރަމްޕް ބުނީ، މިއީ އެމެރިކާއިން ފެށި ހަނގުރާމައެއް ނޫން ކަމަށާއި އޭގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ތެހެރާނުން ކަމަށެވެ. އަދި މީގެ ކުރިން ގާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ވަގުތު ބޭކާރުކުރުމެއް ކަމަށް ބުނެ، އެފަދަ އިންތިޒާމުތަކަށް އޭނާ ގަބޫލުނުވާކަން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، އީރާނުން ޔޫރަޕާ ހަމައަށް ފޯރާ ފަދަ މިސައިލް އުފައްދާފައިވާ ކަމަށާއި، އެމެރިކާގެ ސެން ޑިއޭގޯ އަދި ލޮސް އެންޖެލިސް ފަދަ ސިޓީތަކަށް އީރާނުން ހަމަލާދީފާނެ ކަމުގެ ތުހުމަތު ވެސް ޓްރަމްޕް ވަނީ ކޮށްފައެވެ.
Ads by MACL
