ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފަލަސްތީނުގެ ދިފާޢުގައި އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އަޑު އުފުލާނަން: ރެޕަރު މެކްލިމޯރޯ

ފަލަސްތީނުގެ ދިފާޢުގައި އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އަޑު އުފުލާނަން: ރެޕަރު މެކްލިމޯރޯ

ފަލަސްތީނުގެ ދިފާޢުގައި އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އަޑުއުފުލައި ހަނގުރާމަކުރަމުންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު ރެޕަރު މެކްލިމޯރޯ ބުނެ، އޭނާގެ "ފްރީ ޕެލެސްޓައިން" ކޮންސަރޓް ޓުއަރގެ ފުރަތަމަ ޝޯ އަޔަރލޭންޑްގެ ޑަބްލިންގައި ބާއްވައިފިއެވެ.

މި ޓުއަރ އިންތިޒާމުކޮށްފައި ވަނީ ޕެލެސްޓައިނަށް ތާއީދުކޮށް ވާހަކަދެއްކުމުގެ ސަބަބުން، މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޝޯތަކުން އޭނާ ވަކިކުރުމާ ގުޅިގެންނެވެ.

ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ މެކްލިމޯރޯއަށް ޑަބްލިންގައި ބޭއްވި ޝޯއިން ވަރަށް ބޮޑު ތާއީދެއް ލިބިގެންދިޔައެވެ. ޝޯ ބަލަން ދިޔަ ގިނަ އަދަދެއްގެ މީހުން ތިއްބީ ޕެލެސްޓައިންގެ ދިދަތައް ހިފައިގެން، ކަޅާއި ރަތް އަދި ފެހި ކުލައިގެ ފުޓްބޯޅަ ޖާޒީތަކާއި ކެފިއްޔާ ސްކާފުތައް އަޅައިގެންނެވެ. މިއީ ޝޯ ބޭއްވި ސަރަހައްދުގެ ބޭރުގައި ތިބި ވިޔަފާރިވެރިން ވިއްކަމުންދިޔަ ތަކެއްޗެވެ.

ޝޯގެ ތެރެއިން ވާހަކަދައްކަމުން މެކްލިމޯރޯ ބުނީ ޕެލެސްޓައިންގެ ރައްޔިތުންނާ އެކު އެއްބައިވަންތަކަން ފާޅުކޮށް އެ ސްޓޭޖު މަތީގައި ހުރުމަކީ އޭނާއަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި ޝޯގެ ބޮޑު ބައެއްގައި ޕެލެސްޓައިންގެ ދިދަ ވިހުރެމުން ދިޔަ މެކްލިމޯރޯ ވަނީ އެންމެންގެ މިނިވަންކަމަށް ޓަކައި ވަކާލާތުކުރުން ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މެކްލިމޯރޯ އެޑް ޝީރަންގެ އެމެރިކާ ޓުއަރއިން ވަކިކުރެވުނީ، މީގެ ހަ ހަފުތާ ކުރިން ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ކޮންސަރޓެއްގައި ޣައްޒާއާއި ވެސްޓް ބޭންކްގައި އިޒްރޭލު ސަރުކާރުން ހިންގާ އުދުވާންތަކަށް ފާޑުކިޔުމާ ގުޅިގެންނެވެ. އެކަމާ މެދު ވާހަކަދައްކަމުން އޭނާ ބުނީ ހަ ހަފުތާ ކުރިން ދެ ބަސް ކިޔުމުން އެކަނި މުޅި ކަންތައް ނިމުނު ކަމަށާއި، އެ ދެ ބަހަކީ ބައެއް މީހުންނަށް އެހާ ބިރުވެރި ދެ ބަސް ކަމުގައިވެ، އެ ބަސްތަކުގެ މާނައާ ކުރިމަތިލުމުގެ ބަދަލުގައި އެ ބަސްތައް ހަނިކުރަން ބޭނުންވި ކަމަށެވެ.

ޑަބްލިންގެ 3 އެރީނާގައި ބޭއްވި މި ޝޯގެ 13،000 ޓިކެޓު މަދު މިނިޓުކޮޅެއްގެ ތެރޭގައި ވަނީ ވިކިގެން ގޮސްފައެވެ. ޝޯގެ ތެރެއިން ބެލުންތެރިން ވަނީ "ފްރީ ފްރީ ޕެލެސްޓައިން" ކިޔައި އަޑުގަދަކޮށްފައެވެ. ޝޯ ބެލުމަށް ދަރިފުޅާއެކު އައި ޝިއޮބާން ލަޔަންސް ނަމަކަށް ކިޔާ މީހަކު ބުނީ، މިއީ މި ޒަމާނަށް ވާހަކަދައްކާނެ މީހުން ބޭނުންވާ ވަގުތެއް ކަމަށާއި، މެކްލިމޯރޯ ފަދަ މީހުންގެ އަޑު އާންމުންނަށް ފޯރަންޖެހޭ ކަމަށެވެ.

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންދާ އަޔަރލޭންޑްގެ މަޝްހޫރު ފަންނާނުން ވެސް މި ޝޯގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި "ޓޭކް މީ ޓު ޗާރޗް" ގެ ލަވަކިޔުންތެރިޔާ ހޯޒިއަރ އާއި، ރެޕް ގްރޫޕް ނީކެޕްގެ އިތުރުން މެކްލިމޯރޯއާއެކު އެޑް ޝީރަންގެ ޓޫރު ދޫކޮށްލި ބިއޯގާ ގްރޫޕް ހިމެނެއެވެ.

މީގެ އިތުރުން ޕެލެސްޓައިންގެ ލަވަކިޔުންތެރިޔާ ލީނާ މަޚޫލް އަދި ޕެލެސްޓައިނީ-އެމެރިކަން ޑީޖޭ ހަބީބީޓްސް ވެސް ވަނީ މި ޝޯގައި ހުށަހެޅުންތައް ހުށަހަޅައިދީފައެވެ. އަދި ޝޯގެ މެދުތެރެއިން ޕެލެސްޓައިނަށް ތާއީދުކުރާ އެކްޓިވިސްޓުން ވާހަކަދެއްކިއިރު، އޭގެ ތެރޭގައި "ގޭމް އޮފް ތްރޯންސް" ގެ އެކްޓަރު ލިއަމް ކަނިންހަމް ހިމެނެއެވެ.

މެކްލިމޯރޯ ޓުއަރން ވަކިކުރި މައްސަލައިގައި އެޑް ޝީރަން ބުނެފައި ވަނީ، ޓުއަރގެ ބާކީ ހުރި ޝޯތައް ބާއްވާ ސްޓޭޑިއަމްތަކުގެ ވެރިން މެކްލިމޯރޯ ބައިވެރިވާ އެއްވެސް ޝޯއެއް ކުރިއަށް ނުގެންދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ޕެލެސްޓައިންގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދެކުނު އިޒްރޭލަށް ދިން ހަމަލާގައި 1،200 މީހުން މަރުވި ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 74،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އިޒްރޭލު އޮފިޝަލުން ދަނީ ޣައްޒާގައި ހިންގަނީ ޖެނޯސައިޑެއް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރަމުންނެވެ.

މެކްލިމޯރޯގެ "ފްރީ ޕެލެސްޓައިން" ޓުއަރގެ ޝޯތައް މި ހަފުތާގައި ޕެރިސް އަދި ލަންޑަންގައި ކުރިއަށްދާނެއެވެ. އަދި އެމެރިކާގައި ޝޯތައް ބާއްވާނެ ތާރީޚުތައް ފަހުން އިއުލާންކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.