ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޭއައި ސައިބާ ހަމަލާއަކުން ރައްކާތެރިވުމަށް މުޅިދުނިޔޭގެ އިންޓަނެޓް ކަނޑާލަންޖެހިދާނެކަމުގެ އިންޒާރު ދީފި

އޭއައި ސައިބާ ހަމަލާއަކުން ރައްކާތެރިވުމަށް މުޅިދުނިޔޭގެ އިންޓަނެޓް ކަނޑާލަންޖެހިދާނެކަމުގެ އިންޒާރު ދީފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދޭ ސައިބާ ހަމަލާތައް އިތުރުވަމުންދާތީ، މާލީ އިދާރާތަކާއި ނާޒުކު ނިޒާމުތައް ރައްކާތެރިކުރުމަށްޓަކައި އިންޓަނެޓް މުޅިން ކަނޑާލަން ސަރުކާރުތަކަށް މަޖުބޫރުވެދާނެ ކަމަށް ސައިބާ ސެކިއުރިޓީ އެކްސްޕާޓުން އިންޒާރުދީފިއެވެ. ސައިބާ ނުރައްކާތަކުން ސަލާމަތްވުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތައްޔާރުވަމުންދާއިރު، އިންޓަނެޓް ހިންގުމަށް ބޭނުންކުރާ ފަންނީ ނިޒާމުތަކުގެ ރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިފަދަ ނުރައްކާތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅު ދެކުނު ކޮރެއާގެ މާލީ ދާއިރާއަށް ކުރިމަތިވި ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ ބޮޑު ތިން ބޭންކު ހިމެނޭ ގޮތަށް މަދުވެގެން ހަތް އިދާރާއަކަށް ވަނީ ނުފޫޒު ފޯރުވާފައެވެ. މީގެ އިތުރުން ޖަޕާނުގެ ޖީއެމްއޯ އިންޓަނެޓް ގްރޫޕުގެ ކްލައުޑް ހިދުމަތަކަށް ވަދެ، އިންވެސްޓަރުންގެ ޕާސްވޯޑުތައް ވަގަށް ނަގައި މަކަރުވެރި މުއާމަލާތްތަކެއް ކުރުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 15 އިންސައްތައަށް ވެއްޓިފައެވެ.

އެމެރިކާގެ ބޮޑެތި ބޭންކުތައް ކަމަށްވާ މޯގަން ސްޓެންލީ، ބޭންކް އޮފް އެމެރިކާ، ޖޭޕީމޯގަން އަދި ވެލްސް ފާގޯގެ ކަސްޓަމަރުންގެ އެކައުންޓުތަކުގެ ތެރޭގައި އެކައުންޓް ވެރިފަރާތުގެ އަމުރާ ނުލައި ހަރަކާތްތެރިވާ އޭއައި އޭޖެންޓުންތަކެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އިންޓަނެޓުގެ 75 އިންސައްތަ ސައިޓްތައް ހިންގުމަށް ބޭނުންކުރާ ޕީއެޗްޕީ ލޭންގުއޭޖުން ނުރައްކާތެރި ދެ މައްސަލައެއް ފެނިފައިވާއިރު، މިއީ ވަކި ސައިޓަކަށް ދިމާވި މައްސަލައެއްގެ ބަދަލުގައި، ޕާސްވޯޑަކާ ނުލައި ކޯޑު ހިންގޭ ގޮތަށް ޕީއެޗްޕީގެ މައި ނިޒާމަށް ދިމާވި ބޮޑު ހޯލެކެވެ.

ރައްކާތެރިކަމުގެ ސެކިއުރިޓީ ޕެޗެއް ތައްޔާރުކުރުމަށް ނަގާ މުއްދަތަށްވުރެ އޭއައިގެ ގާބިލުކަން އިތުރުވާ މިންވަރު އަވަސްވުމަކީ ސައިބާ ދިފާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ބޭންކިން ނުވަތަ ހަކަތައިގެ ނިޒާމުތަކަށް ވަގުތުން ހައްލެއް ނުހޯދޭ ފަދަ ބޮޑު ހަމަލާއެއް އަތުވެއްޖެނަމަ، ހަމަލާ ފެތުރުން ހުއްޓުވުމަށް އޮތް ހަމައެކަނި ގޮތަކީ ސާވާތައް ނިއްވާލުން ނުވަތަ ޕްރޮވައިޑަރުންގެ ފެންވަރުގައި އިންޓަނެޓް ކަނޑާލައިގެން ވަގުތު ހޯދުން ކަމަށް މާހިރުން ބުނެއެވެ.

އިންޓަނެޓް ކަނޑާލައިފިނަމަ އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ނުހަނު ބޮޑަށް ކުރާނެއެވެ. އެގޮތުން ޑިޖިޓަލް ވިޔަފާރިތަކާއި އީ-ކޮމާސް އަދި އޮންލައިންކޮށް ކުރާ މަސައްކަތްތައް ހުއްޓި، ކުދި ވިޔަފާރިތައް ބަންދުވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ނުރައްކާ ބޮޑުވާނެއެވެ. މީގެ އިތުރުން ސަރުކާރުތަކުގެ އޮންލައިން ހިދުމަތްތަކާއި، ލިޔެކިޔުން ދޫކުރުމުގެ ނިޒާމުތަކުގެ އިތުރުން ޓެކްސީ ހިދުމަތްތަކާއި ކެއިންބުއިމުގެ ހިދުމަތް ދޭ އެޕްލިކޭޝަންތަކާއި ނެވިގޭޝަން ނިޒާމުތައް މުޅިން ހުއްޓުމަކަށް އަންނާނެއެވެ.

ޖީ7 ގެ ގައުމުތަކުން ވަނީ ބޭންކިން ނިޒާމަށް އޭއައި ހަމަލާތައް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ސިމިއުލޭޝަންތަކެއް ހިންގުމަށް އެއްބަސްވެފައެވެ. ނަމަވެސް، ސެކިއުރިޓީ ނިޒާމުތައް ފަހަނައަޅައި ދިއުމުގެ ގާބިލުކަން އޭއައި އޭޖެންޓުންނަށް ލިބިފައިވާއިރު، ރައްކާތެރިކަމަށް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކޯޑުތަކުގެ ތެރޭގައި ވައިރަސް ފޮރުވުމުގެ ފުރުސަތު އޮތުމަކީ ދިފާއީ މާހިރުންގެ ކަންބޮޑުވުމެކެވެ.