ސައޫދީން ހޫޘީންނަށް އެއް ބިލިއަން ޑޮލަރު ހުށަހެޅިކަމަށް ތުހުމަތުކޮށްފި
ސައޫދީ އަރަބިއްޔާއިން ޔަމަނުގެ ހޫޘީންނަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީއެއް ހުށަހަޅައި، ސޫދީއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ސީޒްފަޔާއެއް ގާއިމުކުރުމަށް އީރާނު މެދުވެރިކޮށް މަޝްވަރާތަކެއް ކުރިއަށްގެންދާކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "އިސްރާއީލް ހަޔޯމް" އިން ރިޕޯޓްކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވިފައިވަނީ ސޫދީ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އީރާނުގެ ތެހެރާނަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައެވެ. އަދި ސައޫދީ ވަޒީރު އެ ފައިސާ ހާއްސަ މިލިޓަރީ ހަރކިއުލީސް މަތިންދާބޯޓެއްގައި ގެންދެވިކަމަށްވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި މަައްކާ ދިފާއީ އެއްބަސްވުމުގެ ބައިވެރިން ކަމަށްވާ ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި ތުރުކީގެ އިންޓެލިޖެންސް ވެރިޔާ އިބްރާހީމް ކާލިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރެޒާއީ އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސް މަސްއޫލުވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަައްކާ ގުޅިފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން ހަމަލާއެއް އަތުވެއްޖެނަމަ އެކުގުޅިގެން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ކަމުގައިވިޔަސް، ޕާކިސްތާނާއި ތުރުކީން ފުރިހަމަ އަސްކަރީ އެހީތެރިކަން ދިނުމުގެ ބަދަލުގައި އެހީތެރިކަން ހަނިކޮށްފައިވަނީ އަސްކަރީ މުޝީރުން ފޮނުވުމާ ހަމައަށެވެ.
Ads by BMLސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ތެހެރާނަށް ކުރެއްވި ދަތުރުފުޅަކީ މަައްކާ ގުޅިފައިވާ ދިފާއީ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މަޝްވަރާއާއި ދިޕްލޮމެޓިކް ހައްލުތަކަށް ބާރުއެޅުމަށާއި ގަތަރާއި އީރާނުން ކުރިއަށްގެންދާ މެދުވެރިއެއްގެ ދައުރަށް އެއްބާރުލުން ދިނުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި އެއް ބިލިއަން ޑޮލަރުގެ މާލީ އެހީއެއް ހުށަހެޅިކަމުގެ ވާހަކަ ހިމަނާފައެއް ނުވެއެވެ.
ހޫޘީން ސައޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ އުފައްދާ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސޫދީ އަރަބިއްޔާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ރިޔާޟް އެއާޕޯޓް އެކި ފަހަރު މަތިން ބަންދުކުރަންޖެހި، އިންވެސްޓްމަންޓް ކޮންފަރެންސެއްވެސް ފަސްކުރަންޖެހުނެވެ. މީގެއިތުރުން ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުތަކަށް އީރާނުން ކުރިމަތިކުރުވާ ހުރަސްތަކުގެ ސަބަބުން މެދުއިރުމަތީގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ސޫދީ އޮފިޝަލަކު "އިސްރާއީލް ހަޔޯމް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޫޘީންނާއެކު އުފެދިފައިވާ މައްސަލައަކީ މީގެ ތިން އަހަރު ކުރިން ވެވުނު އެއްބަސްވުންތައް ތަންފީޒުނުކުރެވުމުގެ ނަތީޖާއެއް ކަމަށެވެ. ކުރީގެ އެއްބަސްވުމުގެ ދަށުން ސައޫދީން ވަނީ ހޫޘީންގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކުގެ ސިވިލް ސާވަންޓުންނަށް މުސާރަދިނުމަށާއި އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ. މީގެ ބަދަލުގައި ހޫޘީން ސައޫދީއަށް ހަމަލާދިނުން ހުއްޓާލައި ސީޒްފަޔާ ދަމަހައްޓަންޖެހެއެވެ. ނަމަވެސް ހޫޘީން ބުނަމުންދަނީ ސައޫދީން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.
Ads by MACL
