ނަތަންޔާހޫ ނާކާމިޔާބުވެއްޖެ، އެކަމަކު އަދި ނަތީޖާއަށް ބަދަލު އަތުވެދާނެ: ބެނެޓް
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިންތިޚާބުން ނާކާމިޔާބުވެއްޖެ ކަމަށް ބުނެފިއެވެ. އަދި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަދައްކަމުން ބެނެޓް ބުނީ ނަތަންޔާހޫ ވަނީ ނާކާމިޔާބުވެފައި ކަމަށާއި، އޮކްޓޯބަރު 7 ގެ ހާދިސާއާ ގުޅިފައިވާ ސަރުކާރު ގެއަށް ދާންޖެހޭނެ ކަމަށެވެ.
ޤައުމީ ޚިދުމަތުގައި ދެމިތިބި މީހުންގެ އިއްތިހާދުން، ސިފައިންގެ ޚިދުމަތުން ރެކެން އުޅުނު ފަރާތްތައް ބަލިކޮށްފި ކަމަށް އޭނާ ބުންޏެވެ. އަދި ކުރިން ނެރުނު އެގްޒިޓް ޕޯލްތަކުން ދެއްކި ގޮތުގައި ކުރީގެ ކްނެސެޓްގައި 64 ގޮނޑި އޮތް ނަތަންޔާހޫގެ ބްލޮކަށް މިފަހަރު ލިބޭނީ 50 ގޮނޑިއެވެ.
Ads by BMLޗެނަލް 12 އިން އެންމެ ފަހުން ނެރުނު ސަވޭއިން ދައްކާ ގޮތުގައި ނެތަންޔާހޫގެ ބްލޮކަށް 50 ގޮނޑި ލިބޭއިރު، ގާދީ އައިޒެންކޮޓްގެ އިދިކޮޅު ބްލޮކަށް ލިބެނީ 49 ގޮނޑިއެވެ.
ކަންކަން އަދިވެސް ބަދަލުވުމުގެ ފުރުޞަތު އެބައޮތް ކަމަށް ބެނެޓް ބުންޏެވެ. އަދި އިދިކޮޅު "ބަދަލުގެ ބްލޮކް" ގެ ލީޑަރުން ދަނީ މަޝްވަރާތައްކޮށް، އެންމެހައި އިސްރާއީލީންނަށް ޚިދުމަތްކުރާނެ "ޒަޔަނިސްޓް ސަރުކާރެއް" ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރަމުން ކަމަށް އޭނާ އިތުރަށް ބުންޏެވެ.
އޭނާގެ ސިޔާސީ ބައިވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑްއަށް ބެނެޓް ޝުކުރު އަދާކުރިއެވެ. އަދި ލަޕިޑަކީ އިސްރާއީލުގެ ޤައުމީ ލޯބިހުރި، ތެދުވެރި ރަޙުމަތްތެރިއެއްގެ ގޮތުގައި ސިފަކުރިއެވެ.
ޤައުމު އިޞްލާޙުކޮށް، ކަންކަން ރަނގަޅު މަގަށް އަނބުރާލުމުގެ މަސައްކަތް އޮތީ އަދި ކުރިއަށް ކަމަށް ބުނެ، މާދަމާއިން ފެށިގެން މަސައްކަތް ފަށާނެ ކަމަށް ބެނެޓް ވައުދުވިއެވެ.
އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންތިޚާބުގެ ފުރިހަމަ ނަތީޖާ އަދި ކަޝްވަރުވެފައެއް ނުވެއެވެ. ނެތަންޔާހޫގެ ލިކުޑް ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، 120 ގޮނޑި ހިމެނޭ ކްނެސެޓްގެ އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ހަމަކުރުމަށް ސަރުކާރު ކޫލިޝަނަކަށް އަދި އިދިކޮޅު ފަރާތްތަކަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.
Ads by MACL
