ޗައިނާގެ ސިއްރު ޖައްވީ އުޅަނދުގެ ސާފު ފޮޓޯއެއް އެމެރިކާގެ އިންޓެލިޖެންސުން އާންމުކޮށްފި
އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) އިން ޗައިނާގެ ސިއްރު ތަޖުރިބާކުރާ ޖައްވީ އުޅަނދެއް (ސްޕޭސްޕްލޭން) އޯބިޓްގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ސާފު ފޮޓޯއެއް އާންމުކޮށްފިއެވެ.
މި ފޮޓޯއިން ކަށަވަރުވާ ގޮތުގައި މި އުޅަނދުގެ ޑިޒައިން އެމެރިކާގެ ސްޕޭސް ފޯސްއިން ބޭނުންކުރާ އެކްސް-37ބީ (X-37B) އުޅަނދާ ވަރަށް ބޮޑަށް އެއްގޮތެވެ.
މި އުޅަނދުގެ ބޭރުގެ ސިފަތަކަށް ބަލާއިރު ކުދި ފިޔަގަނޑުތަކާއި، ދެ ކޮޅަށް ހުންނަ ވާޓިކަލް ޓެއިލްސް އަދި ސާމާނު އުފުލާ ބައިގެ އިތުރުން ހަކަތަ އުފެއްދުމަށް ބޭނުންކުރާ އަވި ނަގާ ޕެނަލްތައް (ސޯލާ ޕެނަލް) ހިމެނެއެވެ.
Ads by BMLޗައިނާގެ ޖައްވީ އުޅަނދުތަކުގެ މައިގަނޑު ދެ ޕްރޮގްރާމެއްގެ ގޮތުގައި "ޝެންލޮންގް" އަދި "ތެންގްޔުން" ޑީއައިއޭއިން ފާހަގަކުރި ނަމަވެސް، މި ފޮޓޯއިން ފެންނަނީ މީގެ ތެރެއިން ކޮން އުޅަނދެއްކަން އެ އޭޖެންސީން ސީދާ ބުނެފައެއް ނުވެއެވެ.
2020 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ މި ތަޖުރިބާ އުޅަނދު ބޭނުންކޮށްގެން ޖައްވަށް 4 މިޝަނެއް ފޮނުވާފައެވެ. މީގެ ތެރެއިން އެންމެ ފަހުގެ މިޝަން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖައްވަށް ފޮނުވާލާފައިވާއިރު، އެ އުޅަނދު އަދިވެސް އެނބުރި ބިމަށް އައިސްފައެއް ނުވެއެވެ.
ކުރީގެ މިޝަންތަކުގައި މި އުޅަނދުން ޖައްވުގެ ތެރެއަށް ވަކިނުކުރެވޭ އެކި ބާވަތުގެ އެއްޗެހި ދޫކުރަނިކޮށް ވަނީ ފެނިފައެވެ. އަލުން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މިފަދަ ޖައްވީ އުޅަނދުތަކަކީ ސެޓެލައިޓްތައް އޯބިޓަށް ފޮނުވުމަށާއި، އާ ޓެކްނޮލޮޖީތައް ތަޖުރިބާކުރުމަށާއި، އަދި ޖައްވުގައިވާ އެހެން އުޅަނދުތަކުގެ ކައިރިއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދުތަކަކަށްވާތީ، މިއީ ޖާސޫސީ އަދި ސިފައިންގެ ތަފާތު ބޭނުންތަކަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެކެވެ.
Ads by MACL
