ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބްރެޒިލްގެ އިންތިޚާބުން ބަލިވި ފްލާވިއޯގެ ޕާސްޕޯޓް ބާތިލްކޮށްފައި ވަނިކޮށް ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

ބްރެޒިލްގެ އިންތިޚާބުން ބަލިވި އިދިކޮޅު ލީޑަރު ފްލާވިއޯ ---
ބްރެޒިލްގެ އިންތިޚާބުން ބަލިވި އިދިކޮޅު ލީޑަރު ފްލާވިއޯ ---

ބްރެޒިލްގެ އިންތިޚާބުން ބަލިވި އިދިކޮޅު ލީޑަރު ފްލާވިއޯގެ ޕާސްޕޯޓް ބާތިލްކޮށްފައި ވަނިކޮށް ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ.

ގައުމީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓްތައް ހަވާލުކުރަން ދިން ސުންގަޑި ހަމަވުމާ ގުޅިގެން ޕާސްޕޯޓް ބާތިލްކޮށްފައި ވަނިކޮށް، ބްރެޒިލްގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެފައިވަނީ އިންތިޚާބުގެ ނަތީޖާ އިއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓްތައް ފުލުހުންނާ ހަވާލުކުރުމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު އަމުރުކުރި ނަމަވެސް، ކަނާތު ފިޔައިގެ ސެނެޓަރު ފްލާވިއޯ ވަނީ އެ އަމުރަށް ނުކިޔަމަންތެރިވެ ގައުމު ދޫކޮށް ގޮސްފަ އެވެ. އޭނާގެ މައްޗަށް އަދި ރަސްމީކޮށް ދައުވާއެއް އުފުލާފައި ނުވާއިރު، ފްލާވިއޯ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ބީބީސީގެ ރިޕޯޓްތައް ބުނާ ގޮތުގައި ފްލާވިއޯ މިހާރު ހުރީ ފްލޮރިޑާގައި އޭނާގެ ކޮއްކޮ އެޑުއާޑޯއާއެކުގައެވެ. ނަމަވެސް، ބާތިލްކޮށްފައިވާ ޕާސްޕޯޓަކާއެކު އޭނާ ބްރެޒިލުން އެމެރިކާއަށް ދަތުރުކުރި ސީދާ މަގު އަދި ހާމަވެފައެއް ނުވެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ފްލާވިއޯ އާއި އޭނާގެ އާއިލާއަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވިސާ ދޫކޮށް، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދޭނެ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނު ވަގުތު ފްލާވިއޯ ބުނެފައިވަނީ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ވާތު ފިޔައިގެ ނެޝަނަލް ލީޑަރު ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ބްރެޒިލްގައި ދެމިހުންނާނެ ކަމަށެވެ. ނަމަވެސް، ހޯމަ ދުވަހުގެ މެންދުރުފަހު އާންމުކުރި ވީޑިއޯއަށްފަހު އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

ފްލާވިއޯގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ކޮރަޕްޝަނުގެ ޖިނާއީ ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރޭގައި ބަޣާވާތެއް ރޭވިކަން ސާބިތުވެ ގޭބަންދުގައި ހުންނެވި އޭނާގެ ބައްޕަ ޖައިރް ބޮލްސޮނާރޯއާ ބެހޭ ފިލްމަކަށް ފަންޑުކުރި މައްސަލައާއި، އޮޅުވާލައިގެން 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ ބްރެޒިލްގެ ވަކީލަކާއެކު ވިޔަފާރި ގުޅުން ބޭއްވި މައްސަލަ ހިމެނެއެވެ.

މި ތަހުގީގުތަކުގެ އިތުރުން، ފްލާވިއޯގެ ކެމްޕޭނަށް ބޭރުގެ ފަރާތްތަކުން ޣައިރުގާނޫނީކޮށް ފަންޑުކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ވެސް ބްރެޒިލްގެ ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 45 އަހަރުގެ ސެނެޓަރު ފްލާވިއޯއަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ލޫލާ އަތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ 48.21 އިންސައްތަ ވޯޓު ލިބިގެންނެވެ. ލޫލާ އިންތިޚާބު ކާމިޔާބު ކުރެއްވީ 51.79 އިންސައްތަ ވޯޓާއެކު 4.4 މިލިއަން ވޯޓުގެ ތަފާތުންނެވެ.

އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ފްލާވިއޯ ދަނީ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދައި، ވޯޓުލާ ވަގުތު އިތުރުކުރުމުން ގެއްލުންވި ކަމަށް ބުނެ އިންތިޚާބު ބާތިލްކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އޭނާ ނިސްބަތްވާ ލިބަރަލް ޕާޓީން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ.