ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނަތަންޔާހޫއަށް އަޣުލަބިއްޔަތު ނުލިބި، އިދިކޮޅާއި އަރަބި ޕާޓީތަކުން 67 ގޮނޑި ކާމިޔާބުކޮށްފި

އިސްރާއީލްގެ އިންތިޚާބު ---
އިސްރާއީލްގެ އިންތިޚާބު ---

އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް އަޣުލަބިއްޔަތު ނުލިބި، ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ހަމަނުކުރެވުނުއިރު، އިދިކޮޅު ފަރާތްތަކާއި އަރަބި ޕާޓީތަކުން ޖުމްލަ 67 ގޮނޑި ކާމިޔާބުކޮށްފިއެވެ.

ވޯޓު ފޮށިތަކުގެ 85 އިންސައްތައަށްވުރެ ގިނަ ފޮށީގެ ނަތީޖާ ދައްކާގޮތުން، 2023 އޮކްޓޫބަރު 7 ގެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއާއި ސަރަޙައްދީ ގައުމުތަކާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި، ނަތަންޔާހޫގެ ކަނާތުފިޔައިގެ ބްލޮކަށް ލިބޭނެކަމަށް ލަފާކުރެވެނީ 53 ގޮނޑިއެވެ. ކުރީގެ ސިފައިންގެ ވެރިޔާ ގާދީ އައިސެންކޮޓް އިސްކޮށް ހުންނަވައި އުފައްދަވާފައިވާ އިދިކޮޅު ބްލޮކަށް 48 ގޮނޑި ލިބޭނެކަމަށް ބެލެވޭއިރު، ދެ ފަރާތުންވެސް އަންނަނީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

މި އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އިސްރާއީލުގެ އަރަބި ލިސްޓުތަކުންނެވެ. އަރަބި ޕާޓީތަކުން ވަނީ އެ ފަރާތްތަކުގެ ގޮނޑިތަކުގެ އަދަދު 19 އަށް އުފުލައިފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް 26 ގޮނޑި، ޖޮއިންޓް ލިސްޓާއި ޓުގެދަރ (ބެޔާހަދު) އަށް 12 ގޮނޑި، ދަ ޑިމޮކްރެޓްސްއަށް 8 ގޮނޑި، އަދި އިސްރާއީލް ބެއިތެނޫ، ރާމް، ޔުނައިޓެޑް ތޯރާ ޖުޑާއިޒަމް، އޮތްޒްމާ ޔެހޫދީ އަދި ޝާސް ޕާޓީން ކުރެ ކޮންމެ ޕާޓީއަކުން 7 ގޮނޑި ހޯދާފައިވެއެވެ. އަދި ރިލިޖިއަސް ޒިއޮނިޒަމް އާއި އައިޑެންޓިޓީ ޕާޓީއަށް ލިބިފައިވަނީ 6 ގޮނޑިއެވެ.

އިސްރާއީލުގެ ރައީސް އީސާކް ހަރްޒޯގް ވަނީ އަލުން އިތުރު އިންތިޚާބަކަށް ދިއުން ނުވަތަ ސިޔާސީ އުނދަގޫ ހާލަތެއް މެދުވެރިވިޔަނުދިނުމަށްޓަކައި ސިޔާސީ ޕާޓީތަކުން ދޫދީގެން މަސައްކަތްކުރުމަށް ގޮވާލައިފައެވެ. އަރަބި ސިޔާސީ ޕާޓީތަކުގެ ކޯލިޝަން، ޖޮއިންޓް ލިސްޓުގެ އިސްވެރިޔާ ޔޫސުފް ޖަބާރީން ވިދާޅުވީ، ނަތަންޔާހޫގެ ލޭއޮހޮރުވުން ބޮޑު ސަރުކާރަށް ހަގީގީ ބަދަލެއް ގެންނަން އެދޭ ކޮންމެ ފަރާތަކުން އަރަބި ޕާޓީތަކާ މަޝްވަރާކުރަންޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ އާބާދީގެ 20 އިންސައްތަ ހިއްސާކުރާ އަރަބި ރައްޔިތުން ވަނީ ނަތަންޔާހޫގެ ސަރުކާރުން އަރަބިން އެކަހެރިކޮށް، ޔަހޫދީ ވަތަނީ އުސޫލުތައް އިސްކުރާތީ ނުރުހުން ފާޅުކޮށްފައެވެ. އައިސެންކޮޓް އަދިވެސް އަރަބި ޕާޓީތަކާއެކު ކޯލިޝަން ހެދުމާ ދެކޮޅުހައްދަވަމުން ގެންދަވާއިރު، އޭނާގެ ކޭމްޕުގައި ހިމެނޭ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ވެސް އަރަބި މެންބަރުންނާއެކު މަސައްކަތްކުރުމާ ދެކޮޅުހަދައެވެ. ނަމަވެސް އިދިކޮޅު މައި ވާއަތުފިޔައިގެ ޕާޓީގެ ވެރިޔާ ޔައިރު ގޯލާން ވަނީ އަރަބި ޕާޓީތަކާއެކު އިއްތިހާދުވުމަށް ގޮވާލައްވައިފައެވެ.

ނަތަންޔާހޫ ކެމްޕޭނުގެ ތެރޭގައި އިދިކޮޅު ފަރާތްތަކަށް އަރަބިންގެ ބާރު ލިބިދާނެކަމަށް ބުނެ ފާޑުކިޔައިފައިވާއިރު، މި އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވައިނުލެވިއްޖެނަމަ، ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ދެމިއޮންނާނެއެވެ. މީގެއިތުރުން، އެމެރިކާއާއެކު އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާއަކާ ގުޅޭގޮތުން ދެފަރާތުންވެސް ވަނީ ވާހަކަދައްކައިފައެވެ. ނަތަންޔާހޫ އީރާނުގެ ފަރާތުން އޮތް ވުޖޫދީ ނުރައްކާ ނައްތާލުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައިވާއިރު، އައިސެންކޮޓް ވަނީ ނަފްސާނީ އަދި ސިޔާސީ ބޭނުންތަކަށް ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުންނުކުރުމަށް ނަތަންޔާހޫއަށް އިންޒާރުދެއްވައިފައެވެ.

އިންތިޚާބުގެ ނަތީޖާއާއެކު، ޚިޔާނާތުގެ ދައުވާތަކާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ (އައިސީސީ) ހައްޔަރު އަމުރު ނެރެފައިވާ ނަތަންޔާހޫއަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ދަތިވެފައިވާއިރު، ޣައްޒާގެ ނިކަމެތިވެފައިވާ ރައްޔިތުން އަންނަނީ މި ބަދަލުތަކުގެ ސަބަބުން އިތުރަށް އަނިޔާވެރި ވެރިއަކު އަތުވެދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ހާމަކުރަމުންނެވެ.