ސްޕެއިންގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ދެކުނުން އޮންނަ އުރުދާ ސަރަޙައްދުގައި ދެ ހައި-ސްޕީޑް ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 68 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ތަފާތު އަނިޔާތައް ވެއްޖެއެވެ.
ކާސްޓީޔާ-ލާ މަންޗާ ސަރަޙައްދުގެ ލީޑަރު އެމިލިއާނޯ ގާސިއާ-ޕޭޖް މައުލޫމާތު ދެއްވި ގޮތުގައި މަރުވި މީހުންގެ އަދަދު ކުރިން 64 ގައި އުޅުމަށްފަހު އިތުރު ހަށިގަނޑުތައް ފެނުމުން 68 އަށް އަރާފައިވާ އިރު، ސަލާމަތްކުރާ ފަރާތްތަކުން ކުނިބުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. އަދި ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ އަނިޔާވި މީހުންގެ ތެރެއިން 58 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 15 މީހެއްގެ ޙާލަތު ވަރަށް ނާޒުކު ކަމަށެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ސަރުކާރުގެ ރޭލު ކުންފުނި ރެންފޭގެ އޭވީއީ ރޭލަކާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އިރްޔޯގެ ރޭލެއް ޖެހިގެންނެވެ. އެސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މައުލޫމާތު ދެއްވި ގޮތުގައި، 69 ކިލޯމީޓަރުގެ ރޭލު ދަގަނޑުގައި އޮޓޯމެޓިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ޚިދުމަތް ހުއްޓިފައިވަނިކޮށް، ކޮންޓްރޯލް ސެންޓަރުން ހެދި ބޮޑު ގޯހަކުން ދަތުރުތައް އަލުން ފެށުމަށް އެންގިއެވެ. މީގެ ސަބަބުން ރެންފޭގެ ރޭލު 25 ކިލޯމީޓަރަށް ދަތުރުކޮށް، ހުއްޓިފައި އޮތް އިރްޔޯގެ ރޭލުގައި ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ގޮސް ޖެހުނު ކަމަށާއި، ކޮންޓްރޯލް ސެންޓަރަށް މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ވަގުތު ލިބުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
Ads by BMLމިއެކްސިޑެންޓް ހިނގި ސަރަޙައްދުން ސަލާމަތްވި އުމުރުން 42 އަހަރުގެ ޕަބްލޯ މެހިއާ ބުނީ، އޭނާ ގޮނޑި ބަދަލުކުރުމުގެ ސަބަބުން ސަލާމަތްވީ އަޖައިބެއް ފަދަ ގޮތަކަށް ކަމަށާއި، ބާރުގަދަ ގޮވުމަކާއެކު ރޭލު ހުއްޓެންދެން ގިނައިރުތަކެއް ނެގި ކަމަށެވެ. އަދި ގޮނޑިތައް ނެއްޓި، ފޮށިތަކާއި މީހުން އެކަކު އަނެކަކު ގަޔަށް ވެއްޓި ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދުނު ކަމަށް އޭނާ ކިޔައިދިނެވެ. މީގެއިތުރުން އެ ސަރަޙައްދުގެ އާންމު ރައްޔިތެއް ކަމަށްވާ އުމުރުން 49 އަހަރުގެ މެނުއަލް އޯޓިޒް ބުނީ، އެކްސިޑެންޓް ހިނގި ސަރަޙައްދަކީ ވަރަށް ނުރައްކާތެރި އަދި ދަގަނޑު ވަސް ދުވާ ބިރުވެރި މަންޒަރެއް ފެނުނު ތަނެއް ކަމަށާއި، އޭނާގެ އަމިއްލަ ކާރުގައި ސަލާމަތްވި މީހުން އުފުލުމުގައި މުޅި ހެނދުނު ހޭދަކުރި ކަމަށެވެ.
ޗައިނާއަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ހައި-ސްޕީޑް ރޭލު ވިއުގަ އޮންނަ އެސްޕެއިންގައި މިއީ މިއަހަރުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ނުރައްކާތެރި އެކްސިޑެންޓެވެ. މިދިޔަ ޖެނުއަރީ މަހު އަދާމުޒް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 46 މީހުން މަރުވެފައިވާއިރު، 2013 ވަނަ އަހަރު ސާންތިއާގޯ ދެ ކޮމްޕޮސްޓެލާ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 80 މީހުން މަރުވެފައިވެއެވެ. ކުރިއަށް އޮތް ނޮވެމްބަރު 29 ގައި އޮންނަ އަވަސް އާންމު އިންތިޚާބަށް ކެމްޕޭން ކުރައްވަމުންދާ، އަށް އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ޕެޑްރޯ ސަންޗޭޒް ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާނުކުރައްވައި ކެމްޕޭން ހަރަކާތްތައް މެދުކަނޑާލައްވާފައެވެ.
އިދިކޮޅު ޕޮޕިއުލާ ޕާޓީގެ ލީޑަރު އަލްބަރޓޯ ނޫނޭޒް ފެއިޖޫވެސް ވަނީ ކެމްޕޭން މެދުކަނޑާލައްވައި، ރޭލު އުމްރާނީ ވަސީލަތްތަކަށް ވަމުންދާ ގޮތުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުމަށް ގޮވާލައްވާފައެވެ. އެސްޕެއިންގެ ޝާހީ އާއިލާއާއި ވިލާތުގެ އެކި ގައުމުތަކުން ވަނީ މިއެކްސިޑެންޓާ ގުޅިގެން ތައުޒިޔާ ފޮނުވާފައެވެ.
Ads by MACL
