ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސައުދީގެ އެއާޕޯޓްތަކަށް ހޫތީން ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ: އދ

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަރ ތުރްކް ބެއިރޫތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ. -
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަރ ތުރްކް ބެއިރޫތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ. -

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އާންމު އެއާޕޯޓްތަކަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވިދާނެ ކަންކަން ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޯލްކާ ތާކް ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތާކް ވިދާޅުވީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން އާންމު އެއާޕޯޓަކަށް ހަމަލާދެވޭނީ އެއީ އަސްކަރީ އަމާޒަކަށް ވާނަމަ އެކަނި ކަމަށާއި، އާންމުންނާއި އާންމު ވަސީލަތްތަކަށް ހަމަލާދޭނަމަ އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސައުދީގެ ފަސް އެއާޕޯޓަކަށް ހޫތީން ހަމަލާދީފައިވާއިރު، އޭގެ ތެރޭގައި ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެއެވެ. މި ހަމަލާތަކުގައި މަދުވެގެން 22 މީހުން މަރުވެ، 350 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި ކިންގް ޚާލިދު އެއާޕޯޓަށް އެކަނިވެސް މި މަހުގެ ތެރޭގައި 20 ފަހަރު ހަމަލާދީފައިވެއެވެ. އަދި ތާއިފް ސިޓީއަށް އަމާޒުކޮށް ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލެއްވެސް ކޯލިޝަނުން ވަނީ ވައްޓާލާފައެވެ.

މީގެއިތުރުން ޔަމަނުގައި ހޫތީންގެ ބަންދުގައި ސިލްސިލާކޮށް ބައިތިއްބާފައިވާ އދ.ގެ 71 މުވައްޒަފުންގެ މައްސަލައިގައި ތާކް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ އަށް މުވައްޒަފުން ހިމެނޭއިރު، ބައެއް މުވައްޒަފުން ބަންދުގައި ތިބޭތާ އަހަރުތަކެއް ވަނީ ވެފައެވެ. ތާކް ސިފަކުރެއްވި ގޮތުގައި މިއީ އދ.ގެ މުވައްޒަފުންނަށް ލިބިދޭ އިމްތިޔާޒުތަކާއި ރައްކާތެރިކަމާ ޚިލާފަށް ހިންގާ ނުރައްކާތެރި އަމަލެކެވެ. އަދި އެ މުވައްޒަފުން ތިބީ ނިކަމެތި ހާލަތެއްގައި ކަމަށްވާތީ، އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް އޭނާ ގޮވާލެއްވިއެވެ.

އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބަށް އިޝާރާތް ކުރައްވައި ތާކް ވިދާޅުވީ، އިސްރާއީލުގައި އަލަށް އުފެދޭ ސަރުކާރަކުން ހަނގުރާމައިގެ މިހާރުގެ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކަށްވުރެ މަތީގައި ތިބި ކަމަށް ދެކިގެން ކުރިއަށްދާ ދިއުން ހުއްޓާލައި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އިސްރާއީލުން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ލުބުނާން އަދި ސޫރިޔާގެ ހާލަތު ބަލައި ރިޕޯޓްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތާކް ވަނީ އޭނާގެ އޮފީހުން ހަމާސްގެ އަމަލުތަކާ މެދު ހިމޭނުން އޮންނަ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޮކްޓޯބަރު 7 ގެ ހަމަލާތައް ތަކުރާރުކޮށް ކުށްވެރިކޮށްފައިވާނެ ކަމަށާއި، ހަމާސްއާއި ފަލަސްތީނު އޮތޯރިޓީގެ އަމަލުތައްވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޣައްޒާގައި ފަލަސްތީނު ރައްޔިތުން މެރުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ ރިޕޯޓްތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުން މިހާރު ފިއްތާލެވިފައިވަނީ އެ ބިމުގެ 30 އިންސައްތައަށްވުރެ ކުޑަ ސަރަހައްދަކަށް ކަމަށާއި، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އާންމުން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލުބުނާނުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ތާކް ވިދާޅުވީ، އިސްރާއީލުގެ ބޯޑަރު ކައިރީގައިވާ ސަރަހައްދުތަކުން ގެދޮރުގެއްލިފައިވާ މީހުންގެ ގެތައް އެއްކޮށް ސުއްނާފަތިކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނާ ގޮތުގައި، ސީސްފަޔާ އެގްރީމެންޓެއް އޮތް ނަމަވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގައި 330،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލިފައެވެ. މި މައްސަލައިގައި ޒިންމާދާރުކުރުވުމުގެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ޖޫން މަހު ލުބުނާނަށް ފޮނުވި އިންވެސްޓިގޭޓިވް ޓީމުގެ ރިޕޯޓް ކުރިއަށް އޮތް ހަފުތާތަކުގައި އާންމުކުރާނެ ކަމަށް ތާކް ވިދާޅުވިއެވެ.