ކޮންގޯގައި އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ފެތުރި މަރުވި މީހުންގެ އަދަދު 5,000 އާ ގާތްކޮށްފި
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދު 5,000 އާ ގާތްކޮށް، ބަލީގެ ނުރައްކާތެރިކަން އަވަށްޓެރި ގައުމުތަކަށް ސީދާ ފޯރަން ފަށައިފިއެވެ.
މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުނު މި ބަލިމަޑުކަމުގައި މިހާތަނަށް 10,060 މީހުންނަށް ބަލިޖެހިފައިވާކަން ކޮންގޯގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ކަށަވަރުވެއެވެ. އޭގެ ތެރެއިން 4,887 މީހުން މަރުވެފައިވާއިރު، މިއީ ބަލިޖެހޭ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ފުރާނަ ގެއްލެމުންދާ ވަރުގަދަ ރާޅެކެވެ.
އެބޯލާގެ ނުރައްކާތެރި "ބުންޑިބުގްޔޯ" ވައިރަސް މިހާރު ވަނީ ކޮންގޯގެ ބޯޑަރުތައް ހުރަސްކޮށް ކެންޔާ، ނައިޖީރިއާ އަދި ޔުގެންޑާ ފަދަ ގައުމުތަކުން ފެނިފައެވެ. އެގޮތުން ކެންޔާއިން 9 ވޭދަނަ ފެނި 2 މީހަކު މަރުވެފައިވާއިރު، ޔުގެންޑާއިން 20 ވޭދަނަ އަދި ނައިޖީރިއާއިން 1 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުންވެސް 1 ވޭދަނަ ފެނުނު ނަމަވެސް، މިވަގުތު އެ ގައުމުގައި ބަލިޖެހިފައިވާ މީހަކު ނެތެވެ.
Ads by BMLއެފްރިކާ ބައްރުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަލި ދެނެގަންނަ ނިޒާމުތައް ބަލިކަށިވުމެވެ. ގިނަ ފަހަރަށް ބަލިޖެހިފައިވާކަން އެނގެނީ އަލާމާތްތައް ފެންނަތާ ދުވަސްތަކެއް ފަހުން ނުވަތަ އެކި ގައުމުތަކަށް ދަތުރުކުރާ ފަހުން ކަމަށްވާތީ، އެފްރިކާ ސީޑީސީގެ ވެރިޔާ ޑރ. ޖީން ކަސޭޔާ ވަނީ ބޯޑަރުތައް ހުރަސްކުރާ މި ބައްޔާ ދެކޮޅަށް ސިޔާސީ ގޮތުން ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލައްވާފައެވެ.
ނުރައްކާ ބޮޑުވި ނަމަވެސް ސިއްހީ އެހީތެރިންގެ މަސައްކަތުން ބަލިން ފަސޭހަވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮންގޯއިން އެކަނިވެސް 2,600 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ ބަލިމަޑުކަން ނިމުމަކަށް ނުއައި ނަމަވެސް، ސަލާމަތްކުރެވޭ ކޮންމެ ފުރާނައަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ނަމަވެސް ކޮންގޯގެ އެތެރޭގެ ހާލަތު އޮތީ ވަރަށް ނާޒުކުކޮށެވެ. މުސާރަ ނުލިބިގެން ސިއްހީ މުވައްޒަފުން ހަޅުތާލުކުރުމާއި، ފަރުވާދޭ މަރުކަޒުތައް ފުރިގެން ބާރުބޮޑުވުމުގެ އިތުރުން، އާންމުންގެ ނުރުހުމާއި ހަމަލާތައްވެސް ސިއްހީ އެހީތެރިންނަށް އަމާޒުވަމުންދެއެވެ. މީގެ އިތުރުން މަރުވާ މީހުން ރައްކާތެރިކަމާއެކު ވަޅުލުމުގައި އާއިލާތަކުގެ ފަރާތުން ކުރިމަތިވާ ހުރަސްތަކަކީވެސް ބަލި ކޮންޓްރޯލްކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
Ads by MACL
