ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާއިން 500 ކިލޯ އުފުލުމުގެ ގާބިލުކަން ހުރި 13 ފޫޓުގެ ބޮޑު ހިއުމަނޮއިޑް ރޮބޯޓެއް ދައްކާލައިފި

ޗައިނާއިން 500 ކިލޯ އުފުލުމުގެ ގާބިލުކަން ހުރި 13 ފޫޓުގެ ބޮޑު ހިއުމަނޮއިޑް ރޮބޯޓެއް ދައްކާލައިފި

ޗައިނާގެ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ނިއޯޑްރާޑައިނަމިކްސް" އިން އުފެއްދި، އިންސާނެއްގެ ސިފައަށް ހަދާފައިވާ "ނިއޯ1" ނަމަކަށް ކިޔާ 13 ފޫޓު (4 މީޓަރު) އުސްމިނުގެ ބޮޑު ރޮބޯޓެއް އާންމުންނަށް ދައްކާލައިފިއެވެ.

ޝަންހާއީގައި ބޭއްވި އިންޑަސްޓްރިއަލް ފެއާއެއްގައި ދައްކާލި މި ރޮބޯޓަކީ ގާތްގަނޑަކަށް 1.2 ޓަން (1,200 ކިލޯގްރާމް) ބަރުދަން ހުރި ރޮބޯޓެއް ކަމަށްވާއިރު، މިއީ އެއްފަހަރާ 500 ކިލޯގްރާމްގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިގެންވާ އާދަޔާޚިލާފު ވަރުގަދަ މެޝިނެކެވެ.

ތިންގްހުއާ ޔުނިވަސިޓީގެ ރިސާޗަރުންތަކެއް ގުޅިގެން އުފައްދާފައިވާ މި ރޮބޯޓު ހަދާފައިވަނީ އާންމު އިންސާނުންނަށް މަސައްކަތް ކުރަން ދަތި، އަދި ނުރައްކާތެރި މާހައުލުތަކުގައި ބަރު މަސައްކަތްތައް ކުރުމަށް ޚާއްޞަކޮށްގެންނެވެ.

މި ރޮބޯޓުގައި ހައިޑްރޯލިކް އަދި އިލެކްޓްރިކް ސިސްޓަމް އެކުލެވިގެންވާތީ، ބަރު އެއްޗެހި އުފުލުމުގެ އިތުރުން ނުހަނު ފުރިހަމައަށް އަދި ކުދިކުދި ތަފާތުތަކަށް ބަލައިގެން ނާޒުކު މަސައްކަތްތައް ކުރުމުގެ ގާބިލުކަންވެސް ލިބިގެންވެއެވެ.

މައިނިންގް ނުވަތަ ކަނޑުއަޑީގެ މަސައްކަތްތަކާއި، ނިއުކްލިއާ ފެސިލިޓީތަކުގެ އިތުރުން ކާރިސާތަކުގައި ސަލާމަތީ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ރޮބޯޓަކީ ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސް ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ބޮޑު ކުރިއެރުމެކެވެ.